ތިމާގެ މަގާމުގެ ހައިސިއްޔަތުގެ ބޮޑުކަމުން ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު މަތިން ހަނދާން ނުވާ މީހަކީ ދިވެހި ސަރުކާރާއި އެމްޑީޕީގެ މީހެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި އެމްޑީޕީގެ ދެވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ އުއްމީދުތައް ގުޅިފައި ވަނީ އެމްޑީޕީއާ ކަމަށެވެ. އެހެންވެ އެކަންކަން މަތިން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހާދިމަކަށް ވާން ނުދަންނަ މީހަކަށް ގާއިދަކަށް ހަމަކަށަވަރުން ވެސް ނުވެވޭނެ،" ރައީސް ވިދާޅުވި އެވެ. "ދިގު އެތައް އަހަރެއްގެ އަޖަލުގައި ޖެހި އެނގިގެންނާއި ނޭނގި ހިނގާދިޔަ ނުސިޔާރު ސިޔާސަތެއްގެ ސަބަބުން ވެއްޓެމުން ގޮސް ދިވެހިރާއްޖެ ވެއްޓިފައިވާ ވަޅުގަނޑު ކިތަންމެހާ ވެސް ފުން. އެހެން ކަމުން އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ވެސް އެހާމެ ގިނަ. މި ކަންކަމުން މި ރާއްޖެ މިންޖުކޮށް ގައުމާއިގެން އަމާން ބަނދަރަކަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށެއް ނެތް. މި ހާލަތުން ރާއްޖެ ނަގައި ކޮޅަށް ޖަހާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދި އޭރު ވެސް މިހާރު ވެސް އަޅުގަނޑުމެންނަށް އޮވޭ."
ރައީސް ވިދާޅުވީ ރެއާއި ދުވާލު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކަމަށާއި ރައްޔިތުންނާ ގާތުން ކަންކަން ކޮށްދިނުމުގެ ނިޒާމެއް އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންނާ މުހާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު އެމްޑީޕީ ސަރުކާރުން ހޯދި ކާމިޔާބީތައް ވެއަތުވެ ދިޔަ އެތައް އަހަރަކާ ނުބައްދަލު ކަމަށެވެ. އަދި ވިދާޅުވީ ޒަމާނުއްސުރެ އުފެދިފައިވާ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ ނެގުން ފަދަ ކަންތައްތައް އެންމެ ދެ އަހަރަކުން ފޮހެނުލެވޭނެ ކަމަށެވެ.
"އެހެން ކަމާއެކު ވެސް މި ރާއްޖޭގައި ފައްކާވަމުން މި ދަނީ ވެރިކަމުގެ ފަރާތުން އަނިޔާވެރި ނުވާ ހެޔޮ ވެރިކަމުގެ ނިޒާމެއް. އަދި މިއީ ވެރިކަމުގެ ފަރާތުން ބަދަލު ހިފުމުގެ އާދަ ދޫކޮށްލާފައިވާ ޒަމާނެއް. އަށަގަންނަމުން މިދަނީ އިންސާނީ ގަދަރާއި ކަރާމާތް ވެރިކަމުގެ ފަރާތުން ހިފަހައްޓައިދޭ ރީތި އާދަތަކެއް،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް ރޭވިފައިވާ ތަރައްގީގެ ޕްލޭންތަކަށް އަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ވެސް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިފައިވާ ކަމަށާއި ކުރިއަށް ވެސް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން އެންމެ އަވަހަށް ރާއްޖޭގެ އިގުތިސޯދަށް ހެޔޮ އަސަރެއް ކުރާނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔޭގައި އެހެން މީހުން ވެސް ކަންކުރާ އުސޫލުން އެއާޕޯޓް "ބައިނަލްއަގްވާމީ ކުރުމުގެ މަރުހަލާ" އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމެވެ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރީގެ ސަރުކާރުން މިހާރުގެ ސަރުކާރަށް ލިބުނީ "މާލޭ ބައިނަލްއަގްވާމީ ބާލިދީ ބަނދަރު" ކަމަށާއި އެތަނުގެ ކޮންމެ ތަނަކުން ވެސް ވެހެނީ ވާރޭ ކަމަށެވެ.
ރައީސް އަދި ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުން އެންމެ ޑޮލަރަކަށް ވެސް ދައުލަތް ނުދަރާނެ ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީ އެތައް ތަނެއް އިތުރުވެ މިހާރަށް ވުރެ ގިނަ ވަޒީފާތައް އުފެދިގެން ދާނެ ކަމަށެވެ.
"އަދި އަންތަރީސް ވާވަރުގެ ތަރައްގީ އިރާދަކުރެއްވިއްޔާ އެ ތަނަށް ލިބިގެންދާނެ. އަދި ދަންނަވަންތޯ މުއްދަތު ހަމަވީމަ އެ މީހުން [ޖީއެމްއާރު ކުންފުނި] ފައިބައިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގައި ފްލެޓްތައް އެޅުމުގެ މަޝްރޫއުގެ ބިންގާ އަންނަ ނޮވެމްބަރު 10 ގައި އެ މަނިކުފާނު އަޅުއްވާނެ ކަމަށާއި ހުޅުމާލޭގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓުގެ ބިންގާ ޖެހިގެން އަންނަ ނޮވެމްބަރު 11 ގައި އަޅުއްވައި ދެއްވާނެ ކަމަށެވެ.
"އަދި މި ދެންނެވި 1،000 ފްލެޓުގެ އިތުރުން އަތޮޅުތަކުގައި އިންޑިޔާ ސަރުކާރުގެ ކްރެޑިޓް ލައިންގެ އެހީގައި އަޅާ 500 ފްލެޓްގެ ބިންގާ ވެސް އަޅާނީ އަޅުގަނޑު. އަދި ހަމަ އޭގެ އިތުރަށް ކޮރެއާ ސަރުކާރުގެ އެހީގައި ދެކުނުގައި އަޅާ އިތުރު 1،000 ފްލެޓްގެ ބިންގާ ވެސް އަޅާނީ ހަމަ އަޅުގަނޑު. މިއީ ފްލެޓް ދޮންބެ،" ރައީސް ނަޝީދަށް އަމާޒުކޮށް ބައެއް އިދިކޮޅު ފަރާތްތަކުން މުހާތަބު ކުރާ ކުރުމަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮންގްރެސް ނިމުމުގެ ރަސްމިއްޔާތުގައި މިރޭ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ވެސް އެމްޑީޕީން އިފުތިތާހު ކޮށްފަ އެވެ. އެކަން ވެސް އިފުތިތާހު ކޮށްދެއްވީ ރައީސް ނަޝީދެވެ.
ރައްޔިތުންނަށްޓަކައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު މަތިން ހަނދާން ނުވާ މީހަކީ އަޅުގަނޑުމެންގެ މީހެއް ނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ