އަހުމަދު އައްބާސްގެ މައްސަލައެއް ސަރުކާރުން އަނބުރާ ގެންދަވައިފި

މަޝްހޫރު ކުރެހުންތެރިޔާ އަދި އެމްޑީޕީގެ މެންބަރު ގ. ބެމްބޫ އަހުމަދު އައްބާސް މައްޗަށް ދައުލަތުން ހުށަހަޅުއްވާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލައިގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ.
އެ ދައުވާ ކޯޓުން ނަންގަވައި އަނބުރާ ގެންދެވިކަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ. އެހެން ނަމަވެސް މައްސަލަ އަނބުރާ ގެންދެވި ސަބަބެއް އެ އޮފީހުން ވިދާޅެއް ނުވެ އެވެ.
ގާނޫނުލް އުގޫބާތުގެ 88ގެ ހ. ދަށުން އައްބާސްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުއްލެވީ 2005 ޖޫން މަހުގެ 20 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުންދިޔަ ވަގުތު މަޖިލސްކުރާގޭގެ ކައިރި އަށް ގޮސް ގިނަ އަދަދެއްގެ މީހުން އެއްކޮށް ތަނުގެ އަމާން ކަމާއި މަސްލަހަތު ގެއްލުވާލައި މަޖިލީހުގެ ޖަލްސާ ހިންގުމަށް ދަތިކުރުމަށް ރާވާ ހަދާފައިވާ ކަމުގެ ތުހުމަތުގެ މައްސަލައިގެ ތަހުގީގަށް ބަންދުކުރި ސަބަބު އަންގަން ދިޔަ ފުލުހުންނާ ދިމާއަށް "މިއުޅެނީ މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ ބާރު ކަނޑުވާލާށޭ، އޭގެ ފަހުން ވެރިކަން ބަދަލުކޮށްލާނީއޭ" ބުނެ ގާނޫނީ ސަރުކާރުގެ ބާރު ކަނޑުވާލައި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލާނެ ކަމުގެ އިންޒާރުގެ ބަސްތައް ބުނެގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ