މޫސުން ގޯސްވެގެން ތިން މަސް ބޯޓެއް ހުޅުލޭ ތޮއްޓަށް އަރައިފި

ފަޒީނާ އަހުމަދު
ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ކަނޑުގަދަވުމުގެ ސަބަބުން އިންޑޮނޭޝިއާގެ ތިން މަސްބޯޓެއް ހުޅުލޭ ތޮއްޓަށް ރޭ އަރައިފި އެވެ.
މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މޭޖަ އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވީ ހުޅުލޭ ހުޅަނގުފަރާތު ތޮއްޓަށް ރޭ އަރައިފައި ވަނީ އިންޑޮނޭޝިއާގެ މަސްބޯޓެއް ކަމަށްވާ "ޖެޓްސަން އެކެއް" އާއި "ޖެޓްސަން ތިނެއް" އަދި "ޖެޓްސަން އަށެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތިން ބޯޓު ފަރަށް އަރައިފައި ވަނީ ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި އިންޖީނު ހުއްޓިގެންނާއި ނަގިލި ކަހާލައިގެންނެވެ. އެ ތިން ބޯޓަކީ ވެސް މަސްވެރިކަން ކުރުމަށް ކޮންޓްރެކްޓް އުސޫލުން ރާއްޖޭގެ ކުންފުންޏަކުން ގެނެސްފައި ހުރި ބޯޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ތިން ބޯޓު ވެސް ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ބޯޓުތަކަށް ލިބިފައި ހުރި ގެއްލުންތައް އެނގޭނީ ފުންކުރެވުމުން،" މިއަދު މެންދުރު ފަހު އަފްޒަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުތައް ހުޅުލޭ ތޮއްޓަށް އެރި އިރު ބޯޓުގައި ތިބި ފަޅުވެރިން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެސްފަ އެވެ. އެ ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން ވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރޭގައި ތިލަފުށީ ފަޅުގައި އަޅައިފައި އޮތް "ދޮންދީނާ ބޯޓު" ކަހާލައިގެން ގޮސް ލައްވެފައިވާ ކަމަށް ވެސް އެމްއެމްޑީއެފުން ބުންޏެވެ.
ކޯސްޓްގާޑުން ބުނިގޮތުގައި 15 ފަޅުވެރިންނާ އެކު ދަތުރުކުރަމުން ދިޔަ އޯޝަން ޕްރެސްގެ ކާގޯ ބޯޓެއް ކަމަށްވާ "ޕްރަމާތަ 212" ވެސް ނަގިލި ކަހާލައިގެން އައިސް ލޯކަލް މާރުކާޓާ ދިމާލު ބޭރު ތޮއްޓަށް ވަނީ އަރައިފަ އެވެ. އެ ބޯޓުގެ ވެރިފަރާތުން ކުރި މަސައްކަތުން ބޯޓު ފުންކޮށްފައިވާ ކަމަށާއި އެ ހާދިސާގައި ވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުމް ގޯސް ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސާމާލު ކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރި އެވެ.
އެމްއެންޑިއެފުން އިތުރަށް ބުނީ ރޭގަނޑުގެ ދަތުރުތަކުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަސިންޖަރުންނަށް ހަމައަށް ލައިފް ޖެކެޓް ހުރިތޯ ބެލުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ