ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ހުކުމެއް އިއްވަންޖެހޭ ކަމަށާ، ސާފް ޖަވާބެއް ކޯޓުން ލިބެންދެން ސުޕްރީމް ކޯޓަށް މެންބަރުން ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ސުޕްރީމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބު ހޯއްދެވުމަށް މެންބަރުން ކޯޓަށް ވަޑައިގެންނެވި މިއީ 14 ވަނަ ދުވަހެވެ.
ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓަކީ އަދުލްއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ މަރުހަލާކަމަށާ އަދި ގާނޫން އަސާސީއާއި ގާނޫންތަކުން ސުޕްރީމް ކޯޓްގެ މައްޗަށް މަތިކޮށްފައިވާ ކަންތައްތަކެއްވާކަމަށެވެ.
މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއިމެދު ސުވާލު އުފެދިއްޖެނަމަ ގޮތް ނިންމަން އޮތް މުއައްސަސާއަކީ ސުޕްރީމް ކޯޓްކަމަށާ މަޖިލީހުގެ 12 މެންބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް ގާނޫނީ އިމުން ބޭރުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާއިމެދު ސުޕްރީމް ކޯޓުން ބަސް ބުނަންޖެހޭކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ 12 މެންބަރުންނަށް މަޖިލީހަށް ނުވަދެވި، 60000 ހާސް ރައްޔިތުންގެ ތަމްސީލްވުން މަޖިލީހުގައި ހުއްޓިފައިވާއިރު، މިއީ ކުޑަކަމެއް ނޫންކަމަށާ މިކަމަށް ސުޕްރީމް ކޯޓުން ސާފު ހުކުމެއް އިއްވަންޖެހޭކަމަށެވެ.
"އަޅުގަނޑު ގަބޫލްކުރަނީ މިއަށް ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަންޖެހޭނެކަމަށް. އަޅުގަނޑުމެން އަންނާނަން ސާފު ބަހެއް ބުނަންދެން. ސާފު ހުކުމެއް ކޯޓުން އިއްވަންޖެހޭ. އެއީ ކުރަންޖެހޭކަމެއް. ބައްލަވާ މިއީ 14 ވަނަ ދުވަސް. އެބޭފުޅުން (ފަނޑިޔާރުން) އަޅުގަނޑުމެންނާއި ބައްދަލްކުރަންޖެހޭ." ރިޔާޒު ވިދާޅުވިއެވެ.
އަދި ފަނޑިޔާރުން ވަކި ބަޔަކު ދެކެ ބިރުން ރައްޔިތުންނަށް އަދުލްއިންސާފު ގާއިމްކޮށްނުދީ ތިބުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރިޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބިރަށް އޮތް ފަރުވާއަކީ ބިރާއި ކުރިމަތިލުމޭ. އެނޫން އެއްވެސް ހައްލެއް ބިރަކަށް ނެތް." ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހުގެ 12 މެންބަރެއްގެ އިތުރަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށެވެ.
މަޖިލީހުގަައި 14 ދާއިރާއެއްގެ ތަމްސީލްވުން ނެތި މަޖިލީސް ކުރިއަށް ގެންދާނީ ކިހިނެތްތޯވެސް ރިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.
ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ހުކުމެއް އިއްވަންޖެހޭ: ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ