އެޗްއާރްސީއެމްގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކޮމެޓީއަށް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަން ހުށަހެޅީ ވެސް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީންނެވެ. އެކަމަކު އެގޮތަށް ކޮމެޓީން އިއްޔެ ހުށަހެޅީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، ވަކި ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރިޔާސަތަށް އެކަން އަންގައި، އިއުލާން ކުރަން ޖެހެ އެވެ. އެހެންވެ، ޖެންޑާ ކޮމެޓީން ފޮނުވި އެ މައްސަލަ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށް ފަހު އެ މަައްސަލަ ޖެންޑާ ކޮމެޓީއަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ.އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ނައިބު ރައީސް މުހައްމަދު ޒާހިދުގެ އިތުރުން މެމްބަރުން ކަމަށްވާ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ