މަތީ މަގާމްތައް ހޯދައިދިން މީހާއަށް ހަރާންކޯރު ވުމަކީ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް މިއަދު ވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ "ތިމާއަށް ކުރިއެރުމާއި މަތީ މަގާމާއި ޝުހުރަތު ހޯދައިދިން ބަޔަކަށް ހަރާންކޯރު ވުމަކީ މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ" ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލުތަކުން މަލާމާތް ކުރާނެ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ނައިބު ރައީސް އަދީބަށް ޖަލު ހުކުމްކޮށް އޭނާ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާއިރު، އޭނާއަށް ކުރިން ވާގި ދިން މީހުން މިއަދުގެ އޭނާގެ ދިފާއުގައި ނުނިކުންނަ ކަމަށް ބުނެއެވެ.
މައުމޫންގެ ޓްވީޓުގައި ވިދާޅުވި "ހަރާންކޯރު" ވުމުގެ ވާހަކަ އިއްޔެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ދައްކަވާފައެވެ. ގާސިމްގެ އެ ޓްވީޓުގައި ވިދާޅުވީ ޖަނަވާރުންނަށްވެސް އެ ޖަނަވާރުން ގެންގުޅެ ބަލާ ބޮޑުކުރި މީހުން އެނގޭ ކަމަށެވެ. އަދި އެ ޖަނަވާރުތަކަށް ހެޔޮކޮށް ހިތާ މީހުން ސަލާމަތް ކުރުމަށް އެ ޖަނަވާރުތައް ފުރާނަ ދުއްވާލާ ނޫންތޯ ކަމަށް ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
އަދީބު ބޭސްފަރުވާއަށް ފޮނުވުމަށް އަމުރަކަށް އެދި މިހާރު ސިވިލް ކޯޓަށް ހުޅަހަޅާފައިވާ މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އަދީބު ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށެވެ. އެމައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވިދާޅުވަނީ އަދީބު ބޭރަށް ފޮނުވަން ޑޮކްޓަރު ލަފާ ދިނުމުން އެކަން ބެލުމަށްޓަކައި އައިޖީއެމްއެޗްގެ ޚާއްސަ ޑިޕާޓްމެންޓަށް ހުށަހަޅާފައި ނެތުމާއި އެ ޑިޕާޓްމެންޓުގެ ދެ ޑޮކްޓަރަކު އެކަން ދިރާސާކޮށް ކަރެކްޝަނަލް ސާވިސަސްގެ މެޑިކަލް ބޯޑަށް ހުށަހަޅާފައި ނެތުމުންނެވެ.
އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް އުފެދުމުގެ އިތުރުން ލޮލުގެ ފެނުން ގެއްލޭ ބައްޔެއް ކަމަށްވާ ގުލަކޯމާވެސް ވަނީ ޖެހިފައެވެ. މީގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ކެންސަރު އުފެދުމުގެ ބިރުވެސް އެބަ އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.
މަގާމުތައް ހޯދައިދިން މީހާއަށް ހަރާންކޯރު ވުމަކީ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ