ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވަނީ މިނިވަން އިންތިޚާބަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ވިދާޅުވީ މިނިވަން އިންތިޚާބަަކަށް ރައްޔިތުން ބޭނުންވެފައިވާއިރު ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅި، ކަންކަން ދާންވީގޮތް ނޫން ގޮތްގޮތަށްދާކަން ރައްޔިތުން ދަނީ ފާހަގަކުރަމުން ކަމަށެވެ. އެގޮތުން ދައުލަތުގެ މީޑިއާވެސް މިނިވަން ނޫންކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް ކަމަށެވެ.
އަނާރާ ވިދާޅުވީ ޕީޕީއެމުން ކިތަންމެ ކުޑަ އިވެންޓެއް ބޭއްވިޔަސް ދައުލަތުގެ މީޑިއާއިން ދައްކާ ކަމަށާއި އެކަމަކު އިދިކޮޅު ޕާޓީތަކުން ކިތަންމެ މުހިންމު ކަމެއް ކުރިޔަސް އެވާހަކަ ދައުލަތުގެ މީޑިއާއިން ރައްޔިތުންނާ ހަމައަށް ފޯރުކޮށްނުދޭ ކަމަށެވެ. މިއީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށާއި މިއީ ހައްލުކުރަންޖެހޭ ކަންކަން ކަމަށް އަނާރާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ދައުލަތުގެ މީޑިއާ ހިންގަނީ ރައްޔިތުންގެ ފައިސާއިން ކަމުން ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ވެވަޑައިގަތް އެއްބަސްވުމުގެ މަތީގައި ހަތަރު ލީޑަރުން ދެމިތިއްބެވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ ރައްޔިތުންނަށް މިނިވަން އިންތިޚާބެއް ހޯދައިދިނުމަށް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
" އަޅުގަނޑުމެން މަސައްކަތް ކުރާނަން 2018ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް. މިކަމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެދެން. މުއައްސަސާތައް މުސްތަގިއްލުކުރުމާއި، ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކަށް ވުމުން އެކަންކަމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފައި ގައުމުގައި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދެން" އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮންމެވެސް ބަޔަކު ތިބުމަކީ ހަމަމަގުން ކަންކަން ގެންދިއުމަށް ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައި ގުޅިފައިވާ ޕާޓީތަކުން ދެމިއޮންނާނެ ކަމަށެވެ.
މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ އަނާރާ ވިދާޅުވީ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައި ނެތް ކަމަށެވެ. އެހެންކަމުން އެމެމްބަރުންގެ މުސާރައާއި އިނާޔަތް ކަނޑާލާފައި އޮތުމަކީ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވިއެވެ.
ރައްޔިތުން އެންމެ ބޭނުމީ މިނިވަން އިންތިޚާބެއް: އަނާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ