މެމްބަރު އިލްހާމް ހޯދައިދިނުމަށް އާއިލާއިން ފުލުހުންގެ ކިބައިން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދު ވީތަނެއް ނޭނގޭކަމަށާއި، އެހެންކަމުން އިލްހާމް ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އޭނާގެ އާއިލާއިން އެދެފި އެވެ.
ފުލުހުންގެ އިކޮނިމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެންކަމަށްބުނެ އިލްހާމް ހޯދަން ފުލުހުން ވަނީ، މިމަހުގެ 9ވަނަ ދުވަހު އިލްހާމް ހޯދުމުގެ އާއްމުންގެ އެހީތެރިކަމަށް ގޯވާލާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އިލްހާމްގެ ޚަބަރެއްވެފައި ނުވާއިރު، މިއަދުގެ ވަގުތެއްގައި ފުލުުހުންވަނީ އިިލްހާމް ދިރިއުޅުއްވާ ގެއަށްގޮސް އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފައެވެ.
މާޝާ ހައްޔަރުކުރުމާއި ގުޅިގެން މީޑިޔާއަށް މައުލޫމާތުދެމުން އިލްހާމްގެ އާއިލާގެ ފަރާތުން ކޮއްކޮ ޒާލިފު އަހުމަދު ބުނެފައި ވަނީ އިލްހާމް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މާލެ އައުމާއެކު ފުލުހުން އެއަރޕޯޓުން އޭނަ ހައްޔަރުކުރި ކަމަށެވެ. އަދި އޭގެފަހުން މިމަހުގެ 5ވަނަ ދުވަހު ކްރިމިނަލްކޯޓުން އިލްހާމް ދޫކޮށްލިފަހުން ގެއަށްވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެދުވަހުގެ ފަހުން އަނބިކަނބަލުންނާއި ވާހަކަދެއްކުމަށްފަހު ދިއަފަހުން އިލްހާމްގެ ޚަބަރެއް އާއިލާއަށްވެސް ނުވާކަމަށެވެ.
"ގެއިން ނިކުމެވަޑައިގެންނެވުމުގެ ކުރިން އިލްހާމް އަހުމަދު ވަނީ އާމިނަތު މާޝާ ހަސަން ކައިރީގަ ވިދާޅުވެފަ ކުޑަދުވަސްކޮޅެއް ވެދާނޭ. ޚަބަރެއް ނުވެ ހިނގާދާނޭ. އޭގެފަހަކުން އާމިނަތު މާޝާ ހަސަން އަކަށްވެސް ހުދު އަޅުގަނޑުމެންނަކަށްވެސް އިލްހާމް އަހުމަދު ވީތަނެއް ނޭނގޭ. ކޮންޓެކްޓެއްވެސް ނުކުރެވޭ. އެހެންނަމަވެސް އެބޭފުޅުން އެސިއުމްކުރައްވަނީ އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ކޮއްކޮމެނަށްވެފަ އަދި މާޝާ އަކީ އަންހެނުންނަށްވާތީ އިލްހާމް ހުރިތަނެއް އެނގޭނެ ކަމަށް." އިލްހާމް ކޮއްކޮ ޒާލިފު އަހުމަދު ބުންޏެވެ.
އިލްހާމްގެ އާއިލާއިން އިތުރަށް ބުނީ އިލްހާމްގެ ޚަބަރެއް އާއިލާއަށްވެސް ނޭންގޭއިރު ފުލުހުން ތަކުރާރުކޮށް އެމައްސަލައިގައި ސުވާލުކުރިއަސް އަދި އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކުރިނަމަވެސް އެކަމަށް ދޭނެ ޖަވާބެއް ނެތްކަމަށެވެ. އަދި އޭނާގެ އާއިލާއިން ވަނީ އިލްހާމް ހުންނެވީ ފުލުހުންގެ ބެލުމުގެދަށުގައި ނޫންކަންވެސް ނޭންގޭ ކަމަށެވެ. އެެންކަމުން އެކަން ބަލައިދިނުމަށް ފުލުހުންގެ ފަރާތުން ސާފުކޮށްދެއްވުމަށް އެދޭކަމަށެވެ.
އާއިލާއިން އިތުރަށް ބުނީ އިލްހާމް އަހުމަދުގެ ދެމަފިރިންގެ ތުއްތު ތުއްތު 4 ކުދިން އެބަތިބި ކަމަށާއި، އެކުދިންގެ މައިންބަފައިން ހައްޔަރުކޮށްފައިވާއިރު، އެކުދިން ހައްޔަރުކުރަންވެސް ފުލުހުން ފަސް ނުޖެހޭނެކަން ޔަގީންވެއްޖެ ކަމަށެވެ.
މި މައްސަލައިގައި ވާހަކަދައްކަމުން އިލްހާމްގެ އާއިލާގެ ޤާނޫނީވަކީލް އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ، އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާ އެއްވެސް ކުށެއްނެތިކަމަށެވެ. އަދި މާޝާ ހައްޔަރުކުރި ސަބަބުވެސް ފުލުހުންނަށް ބުނެ ނުދެވުނު ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހިތައްއެިހާ މީހަކު ހައްޔަރުކުރުމުގެ ބާރެއް ފުލުހުންނަށް ނޯންނާނެ ކަމަށެވެ. އަދި އެހެންމީހަކު ކުރި ކުށަކަށް އިތުރު މީހަކަށް އެއްވެސް ޤާނޫނީ ހުއްޖަތެއް ހެއްކެއްނެތި އަދަބުދީގެން ކުށެއްނެތްމީހަކު ނުގެން ގުޅެވޭނެކަމަށާއި، މާޝާ މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް ބުނެ މެންބަރު އިލްހާމު ހޯދުމަށް އޭނާގެ ފޮޓޯއާއިއެކު ފުލުހުން އާއްމުކުރުމަށްފަހު އިލްހާމްގެ ޚަބަރެއް ނުވެގެން އޭނާގެ އަނިކަނބަލުން ހައްޔަރުކޮށްފައި ވަނީ މިއަދުގެ ަވީރުގެ ވަގުތެއްގައެވެ. ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ގާނޫނު އަސާސީގެ ގިނަ މާއްދާތަކެއް ސަސްޕެންޑްކޮށް، ސިޔާސީ ބޭފުޅުންނާއި އެބޭފުޅުންނާއި ގުޅުންހުރި އާއިލީ ބޭފުޅުން ފުލުހުން ގެންދަނީ ހައްޔަރުކުރަމުންނެވެ.
މިއީ ރައީސް ޔާމީންގެ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންގެންދާ ކަމެއްކަމަށް ގިނަ ބަޔަކު ސިފަކުރާއިރު، ސިޔާސީ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަލުންގެ އިތުރަށް އާއިލީ ބޭފުޅުން ހައްޔަރުކުރުމަކީ ސިޔާސީގޮތުން މިސަރުކާރުން ހިންގަމުންދާ ހުތުރު އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ވަނީ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންނާއި، އާއިލީ ދެ ބޭފުޅެއްގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމްވެސް ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ