އީޔޫ އިން ކުރަނީ ވަކި މީހަކަށް ވެރިކަން ހޯދައި ދިނުމުގެ މައްސަކަތް - ހޯމް މިނިސްޓަރ

ހުޅަނގުގެ ޔަހޫދީ ޤައުމުތަކުން އެކުރަނީ ވަކި މީހަކަށް ވެރިކަން ހޯދައި ދިނުމުގެ މައްސަކަތް ކަމަށް ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި ވަކި ފަރާތަކަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށް އެފަރާތްތަކުން ކުރާ މަސައްކަތަކީވެސް އިސްލާމް ދީނާ ޚިލާފު ފިކުރުތައް ދިވެހިންގެ މެދުގައި ޢާންމުކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ.
"ހުޅަނގުގެ ޤައުމުތަކަށް އިސްލާމް ދީނާ ޚިލާފު ކަންކަމަށް ފާޅުގައި ގޮވާލުމަށް ހިތްވަރު ލިބިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ދިވެހިންގެ ބަޔަކު އެފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ ކަންކަމާ ދިވެހިން މިއަދު ކުރިމަތިލާންޖެހިފައި މިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ބަޔަކު އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުންދާތީ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ ދާޚިލިއްޔަތަށް އަސަރު ފޯރުވޭނެ އެއްވެސް ހަމައެއް މިމީހުންނަށް އުޅެއުޅެ ނުފެނުނު. އެހެންވީމާ ޑިމޮކްރަސީގެ ނަމުގައި، ޙައްޤުތައް ހޯދުމުގެ ނަމުގައި މިބައިމީހުން މިކުރަމުން ގެންދާ މަސައްކަތަކީ އިސްލާމް ދީން ރާއްޖޭގައި މި އޮންނަ އޮތުން ދުއްވާލުން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަޒްލީން ވިދާޅުވީ ސިޔާސީ ބޭނުމަށް މިފަދަ ކަމަކަށް ހިތްވަރު ލިބޭގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ހުރިހާ ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
"އިސްލާމްދީން މިތާންގައި ނެތް ދުވަހަކީ މިތަނުގެ މިނިވަންކަމާ، މިތަނުގެ ހުރިހާކަމެއް ނެތިގެންދާނެ ދުވަސް. މިތަނުގެ ހަމަޖެހުން ގެއްލިގެންދާނެ ދުވަސް." މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ