ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން ޖަލަށް ވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ހާލު ބެއްލެވުމަށް، ފާރިސްގެ ބައްޕާފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މާފުށީ ޖަލަށް ވަޑައިގެންފިއެވެ.ފާރިޝްގެ ހާލު ބެއްލެވުމަށް ކުރީގެ ރައީސް މައުމޫން އިއްޔެ މާފުށީ ޖަލަށް ވަޑައިގަތުމަށް ފަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އޭނާ ހުރީ ވަރަށް ހިތްވަރާއެކު ކަމަށެވެ. ފާރިޝް ޖަލަށް ލީ ފަހުން ރައީސް މައުމޫން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޖަލަށް ވަޑައިގެންފައެވެ. ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އެ މައްސަލަ ބަލާ ބެންޗަށް ހައި ކޯޓުން ވަނީ ބަދަލު ގެނެސްފައެވެ. އެއީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެކަމަށް ފިޔަވަޅު އަޅަން ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ފާރިޝް ޖަލަށް ލުމާއި ގުޅިގެން ރައީސް މައުމޫން ވަނީ އެކަމާ ވަރަށް ބޮދަށް ކޯފާ އިސްކުރައްވާ ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ