ރޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދީފައިވޭ- ފުލުހުން
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ. ސަރުކާރު ހުއްޓުވާފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންނާއި ދިމާއަށް ހުސްފުޅިއާއި ގާ ފަދަ ތަކެތި އުކަމުން ދިޔަ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ފުލުހަކަށް މުޒާހަރާގެ ބައިވެރިއަކު ހަމަލާދިނުމުގެ ސަބަބުން ފުލުސް މީހާގެ އަތުގެ ކަށިގަނޑުގައި ރެނދެއްލާފައިވާ ކަމަށެވެ. ރޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކޮށްފައިވާއިރު، ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުންކުރާނެ މިރުސް ފެން ޕެކެޓްތަކެއްވެސް ފުލުހުން ވަނީ ހޯދާފައެވެ. އަދި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީ، ފުލުހަކު ރަހީނު ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންގެ ކާރެއްގައިވެސް ރޯކޮށްލާފައިވެއެވެ. ފުލުހުންނަކީ މަގުމަތީގެ އަމާންކަން ކަށަވަރުކޮށް، ރައްޔިތުންނަށްޓަކައި ސުލްހަވެރި އަދި އަމާން މާހައުލެއް ޤާއިމް ކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ބަޔަކަށްވާއިރު، އެފަރާތްތަކަށް ހަމަލާ ދިނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ކޮށްފައިވާ މުޒާހަރާތަކުގައިވެސް ފުލުހުންނާއި ކުރިމަތިލައި އެކިވަރުގެ އަނިޔާ ދީފައިވާއިރު، ހަޑިހުތުރު ބަހުން މުއާމަލާތު ކުރުންފަދަ އަމަލުތައް މުޒާހަރާގެ ބައިވެރިންގެ ކިބައިން ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ރޭގެ މުޒާހަރާގައި ބައިވެރިވެ، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ސަތޭކަ ސާޅީސް އެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 26 އަންހެނުންނާއި 113 ފިރިހެނުންނެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައިވަނީ ދެމީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ