ޔުމްނު ވެއްޓުނު ތަނަށް މިނިސްޓަރު އިހުސާން ވަޑައިގެންނެވި، އެއީ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ނޫން: ކޮމިޝަން ޔުމްނު ވެއްޓުނު ތަނަށް މިނިސްޓަރު އިހުސާން ވަޑައިގެންނެވި، އެއީ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ނޫން: ކޮމިޝަން

ހ. ފެންޓެނޯއީގެއިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ހިނގި ތަނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަޑައިގެން އަމަލީގޮތުން ހަރަކާތްތެރިވިއިރު، އެއީ މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ނޫން ކަމަށް ރިޔާސީ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފި އެވެ.
އެ ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނު ތަނަށް މިނިސްޓަރު އިހުސާން ގޮސް އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނުން މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ސީދާ ހިމެނޭ ކަމެއް ނޫން ކަމަށެވެ.
"މައްސަލައާ ގުޅޭ ކުށުގެ ވެއްޓަށް ސީދާ މިނިސްޓަރު ވަޑައިގަންނަވައި އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ، ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސީދާ ހިމެނޭ ކަމެއް ކަމަށް ނުފެނޭ،" ރިޕޯޓުގައި ބުންޏެވެ.
ނަމަވެސް ރިޕޯޓުގައި އިތުރަށް ބުނީ މައްސަލައެއްގެ ކުށުގެ ވެއްޓަށް ހާޒިރުވުމާއި މައްސަލައެއްގައި ގާތުން މަސައްކަތް ކުރުންފަދަ ކަމެއް ކުރައްވަން މިނިސްޓަރު އެދޭނަމަ، އެ ހާލަތުގައި އަމަލުކުރާނެ އިޖުރާއަތްތައް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރު އިހުސާން އަމިއްލަފުޅަށް ހ. ފެންޓެނޯއީ ގެއަށް ޒިޔާރަތްކޮށް، ފޮޓޯ ނަގައި ސީން އޮތްގޮތް ބެލި އެވެ.
މިނިސްޓަރު އިހުސާން ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ވިދާޅުވީ ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ކުޑަދޮރުން މީހަކު ނުވެއްޓޭނެ ކަމަށް ބުނެ ފޮޓޯއެއް ލިބުމުން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް އެތަން ބަލަން ދާން ބޭނުންވާކަން އެންގެވި ކަމަށެވެ.
"ހަނދާންވާ ގޮތުން އެ ސީނަށް ގޮސްފައިވަނީ ޕްރެސް ބްރީފިން ބޭއްވި ދުވަހުގެ ފަހު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި، އެ ސީންގައި ހުރެ އެ ދޮރު ހުޅުވާފައި ފޯނުން ފޮޓޯއެއް ނަގާފައިވާނެ ކަމަށާއި، މިކަހަލަ އެކްސްޕީރިއަންސް ހުރުމުން އެ ގޭގެ ޓެރެސްއަށް އަރައި އެ ސީން ކުޑަކޮށް ރިކްރިއޭޓްކުރުމުން އެ ޓެރެސްއިން ފުރާޅުމައްޗަށް މީހަކު ވެއްޓުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ބުނެފައިވާނެ" މިނިސްޓަރު އިހުސާންގެ ބަޔާނުގައި ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާކަން ރިޕޯޓުން ހާމަވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."
ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ