އިޓަލީގެ ހައި ސްކޫލްތަކުގައި ވެސް ފޯނު ބޭނުންކުރުން މަނާކޮށްފި
އިޓަލީގެ ހައި ސްކޫލްތަކުގައި ވެސް ސްކޫލް ގަޑީގައި ފޯނު ބޭނުންކުރުން މަނާކޮށްފިއެވެ. އިޓަލީން ވަނީ އެ ގައުމުގެ ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކުރުމުގެ ގަވާއިދު ފުޅާކޮށް، ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ހައި ސްކޫލްގެ ދަރިވަރުންނަށް ވެސް މި ގަވާއިދު ހިނގާގޮތަށް ހަމަޖައްސާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު އާންމު ސާކިއުލާއެއްގައި މިކަން ވަނީ ކަނޑައަޅާފައެވެ. އެޑިއުކޭޝަން މިނިސްޓަރު، ޖުސެއްޕޭ ވަލްޑިޓާރާ ސޮއިކުރެއްވި މި ސާކިއުލާގެ ދަށުން، ކުރިން ޕްރައިމަރީ އަދި މެދު މަދަރުސީ ގްރޭޑްތަކަށް ހާއްސަކޮށްފައި އޮތް ފޯނު މަނާކުރުމުގެ ގަވާއިދު، މިހާރު ވަނީ ހައި ސްކޫލްތަކަށް ވެސް ތަންފީޒުކުރަން ފަށާފައެވެ. މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި މިނިސްޓަރު ވަލްޑިޓާރާ ވިދާޅުވީ، ޒުވާން އުމުރުގެ ކުދިންގެ ސިއްހަތަށާއި، ދުޅަހެޔޮ ކަމަށާއި، އަދި ކިޔެވުމުގެ ފެންވަރަށް ސްމާޓްފޯނުތައް ހައްދުފަހަނައަޅައިގެން ނުވަތަ ނަހަމަގޮތުގައި ބޭނުންކުރުމުން ކުރާ ނޭދެވޭ އަސަރުތައް ސައިންޓިފިކް ދިރާސާތަކުން ވަރަށް ސާފުކޮށް ދައްކާފައިވާތީ، މި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ފިޔަވަޅު އެޅުން ފަސްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ "ކަންބޮޑުވާންޖެހޭ" އާދަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ވެސް ގޮވާލަމުން ދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އާ ގަވާއިދުގެ ދަށުން، ބައެއް ހާއްސަ ހާލަތްތަކުގައި ފޯނު ބޭނުންކުރުމުގެ ހުއްދަ ލިބޭނެއެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި، ކިޔެވުމަށް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ފޯނު ބޭނުންކުރުންހިމެނެއެވެ. އަދި ޒަރޫރީ ހާއްސަ ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ވެސް ފޯނު ބޭނުން ކުރެވޭނެއެވެ. ސްކޫލުގެ މުގައްރަރުގެ ތެރެއިން، ހާއްސަކޮށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އާ ގުޅުންހުރި ޓެކްނިކަލް މާއްދާތައް ކިޔަވައިދިނުމަށް ފޯނު ބޭނުންކުރުމުގެ ހުއްދަ ދޭނެއެވެ. މިނިސްޓަރު ވަލްޑިޓާރާ ވަނީ މީގެ ކުރިން، 2024 ވަނަ އަހަރުގެ ޖުލައި މަހު، ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގައި ވެސް ފިލާވަޅުތަކުގެ ތެރޭގަޔާއި ދިރާސީ ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާކޮށް ސާކިއުލާއެއް ނެރުއްވާފައެވެ. އެ ގަވާއިދަށް ވެސް އަމަލުކުރަން ފަށާނީ އަންނަ 2024-2025 ގެ ދިރާސީ އަހަރުގައެވެ. ސްކޫލްތަކުގައި ސްމާޓްފޯނު ބޭނުންކުރުމާ ގުޅޭގޮތުން ކުރެވޭ ބަހުސްތަކަކީ ހަމައެކަނި އިޓަލީއަށް ހާއްސަ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ހިނގަމުން އަންނަ ބަހުސެކެވެ. އދ. ގެ ތަޢުލީމާ ބެހޭ އިދާރާ، ޔުނެސްކޯއިން ވަނީ ދަރިވަރުންގެ ކިޔެވުމަށާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ފޯނުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަން ފާހަގަކޮށް، ސްކޫލްތަކުގައި ފޯނު ބޭނުންކުރުން ހުއްޓުވަން ގޮވާލާފައެވެ. ފްރާންސް، ޗައިނާ، އަދި ނެދަލެންޑްސް ފަދަ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ މިފަދަ ފިޔަވަޅުތައް އެކި ދަރަޖައަށް އަޅާފައެވެ. އިޓަލީގައި ވެސް މިއީ މުޅިން އާ ކަމެއް ނޫން ނަމަވެސް، މި ފަހަރުގެ މި ގަވާއިދަކީ ކުރިއަށްވުރެ މާ ހަރުކަށި އަދި ފުޅާ ދާއިރާއެއްގައި ތަންފީޒުކުރެވޭ ފިޔަވަޅެކެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ކްލާސްރޫމްތެރޭގައި ދަރިވަރުންގެ ސަމާލުކަން އެހެން ދިމާއަކަށް ދިއުން ހުއްޓުވުމާއި، ސައިބަބުލީ ފަދަ ކަންކަން މަދުކުރުމާއި، އަދި ދަރިވަރުންގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ