ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ވަށާލައިފި

ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުން ވަށާލައިފިއެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ވަށާލާފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އޭނާ އަށް އަންގާފައިވާ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ވަށާލިއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އެމަނިކުފާނު ޙިމާޔަތްކުރަން ރައްޔިތުންގެ ކިބައިން އެދިފައެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ވެސް ސުއޫދަށް މިރޭ ފޯނުން ގުޅުއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު މިކަމަށް ގޮވާލެއްވިއިރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަތީ ކޯޓެއްގެ އަމުރެއް ނެތި ފަނޑިޔާރުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މިހާރު ވަނީ ދީފައެވެ.
މި ބާރު ފުލުހުންނަށް ލިބުނީ ކުއްލި ނުރައްކަލުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުންގެ ޤާނޫނުގެ 14 ވަނަ މާއްދާއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން އިއުލާން ކުރުމާއެކުއެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ޖިނާޢީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެތެރޭގައި ޖިނާޢީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ނުވަތަ އެނޫންވެސް ހާލަތެއްގައި ޖިނާޢީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑީޔާރަކު ހައްޔަރު ކުރަންވާނީ އެފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށްވުރެ މަތީ ކޯޓެއްގެ އަމުރަކަށެވެ. އަދި އެފަދަ އަމުރަކަށް އެކޯޓުގައި އެދޭނީ އެމައްސަލައެއް ތަޙްޤީޤުކުރާ ފަރާތުން ޕީޖީ އަށް ހުށަހެޅުމުން އެއީ އެކަށީގެންވާ ކަމެއްކަމަށް ޕީޖީއަށް ފެނިއްޖެނަމަ އޭނާ އެވެ. މިމާއްދާއަށް އަމަލު ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.
ރައީސްގެ ގަރާރުގައި ގާނޫނުއަސާސީގެ 45 ވަނަ މާއްދާ އަށް ވެސް ވަނީ އަމަލު ކުރުން ހުއްޓާލާފައެއެވެ. އެހެންކަމުން ކޯޓު އަމުރެއް ނެތި ބޭނުން އިރަކު ކޮންމެ މީހަކު ވެސް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ