ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް 23 ބޭފުޅުން ކުރިމަތިލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 23 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަންގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބެވި ހަތް މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބްއާއި ނައިބް ރައީސް އަބްދުﷲ ޝުޖާއު އާއި، އިބްރާހިމް އަޝްރަފް އާއި މުހައްމަދު އަސްލަމްއާއި އައިޝަތު ހަނާ އާއި މަރިޔަމް ޝައުގީގެ އިތުރުން މުއުމިނާ އާދަމް އެވެ. އަސްލަމް ފިޔަވާ އަނެއް ހަ މެންބަރުންގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ