މިސްރުގެ ކުރީގެ ހުދުމުހުތާރު ވެރިއާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާ ޕްރޮސެކިޓަރ ޖެނެރަލް އަނބުރާ ގެންގޮސްފައި ވާތީ ހުސްނީ މުބާރަކް ދޫކޮށްލަން މިސްރުގެ ވެރިރަށް ކެއިރޯގެ ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ނަމަވެސް މުބާރަކް ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރުންނަށް 48 ގަޑިއިރުގެ މުހުލަތެއް ލިބިފައި ވާތީ މުބާރަކް ދޫކޮށްލާނީ 48 ގަޑިއިރު ފަހުންނެވެ.
48 ގަޑިއިރު ފަހުން މުބާރަކް ދޫކޮށްލާއިރު މުބާރަކް ޖަލުން މިނިވަން ކުރުމާއި އެކު އޭނާ ގެންދިއުމަށް ހަމަޖެހިފައި ވަނީ ޝަރުމުއް ޝެއިހް ރިސޯޓްގައި ހުންނަ މުބާރަކްގެ އަމިއްލަ ވިލާއަށެވެ.
މުބާރަކްގެ މައްޗަށް އުފުލާފައި ވަނިކޮށް އަނބުރާ ޕްރޮސެކިއުޓަރުން ގެންދިއަ ދައުވާއަކީ އޭނާގެ ވެރިކަމުގައި ދައުލަތުގެ ނޫހެއް ކަމަށްވާ އަލް އަހްރާމް ނޫހުން 11 މިލިއަން ޑޮލަރު ނެގި މައްސަލައެކެވެ. ނަމަވެސް މުބާރަކް ވަނީ އޭނާގެ ވެރިކަން ވެއްޓުނު ފަހުން މިއަހަރުގެ ކުރީ ކޮޅު އެފައިސާ އަނބުރާ ދައްކާފައެވެ.
މުބާރަކް ޖަލުން މިނިވަން ކުރާއިރު 2011 ވަނަ އަހަރު އޭނާގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރު ކުރި މައްސަލަ ސާބިތުވެގެން މުބާރަކްގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެމައްސަލަ އަލުން ބަލަން އަމުރު ކޮށްފައި ވާތީ އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. މިމައްސަލައިގެ އަޑު އެހުމެއް މިމަހުގެ 25 ވަނަ ދުވަހު އޮންނާނެއެވެ.
1981 ވަނަ އަހަރު މިސްރުގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެއްޓުނީ އޭނާ އާއި ދެކޮޅަށް މިސްރުގެ އެތައް މިލިއަން ރައްޔިތުންނެއް ނުކުމެ ކުރި ވަރުގަދަ މުޒާހަރާ ތަކުގެ ސަބަބުންނެވެ.
މުބާރަކް ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ