62 ވޯޓާއެކު މަޖިލީހުގެ ރައީސަށް ގާސިމް

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮވައިފި އެވެ.
މަޖިލީހުގައި މިރޭ ކުރިޔަށް ދިޔައީ މަޖިލީހުގެ ރައީސް ކަމުން ފުވަމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ގާސިމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނެގި ސިއްރު ވޯޓުން ގާސިމްއަށް ވަނީ 62 ވޯޓު ލިބިވަޑައިގެންފަ އެވެ. އަދުރޭއަށް ލިބިވަޑައިގަތީ 16 ވޯޓެވެ. ވޯޓުގައި 80 މެންބަރުން ބައިވެރިވެވަޑައި ގަތެވެ. ދެ ވޯޓު ބާތިލުވި އެވެ.
ވޯޓުގެެ މަސައްކަތްތައް ކުރިޔަށް ދިޔައީ މަޖިލީހުގެ ފަސް މެންބަރެއްގެ ކޮމިޓީއަކުންނެވެ. އެއީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުއާ، މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމްއާ، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ކެނދިކުޅުދޫ ދާއިރާގ މެންބަރު އަލީ މައުރޫފްގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ.
ގާސިމްއަކީ 2008 ވަނަ އަހަރު ގާނޫން އަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ