ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިންގް ކޮމިޔުނިކޭޝަން މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިކަމަށާއި މި ޕްރޮގްރާމުގެ މަގްސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ތަފާތު ފަންނީ އަދި އަމަލީ ހުނަރު ދަސްކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމަށް ދިރާގު ހެޑް އޮފީހުގައި ވޯކް އިން އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ރީޖަނަލް އޮފީސްތަކުގައި އިންޓަވިއު ކުރިއަށްގެންދާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމުގެ ގޮތުން ބައިވެރިންނަށް ހާއްސަ ޓްރެއިނިންތަކެއް ކުރިއަށް ގެންދެ އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި، ސޭލްސް އާއި މާކެޓިން، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ހިމެނެ އެވެ.
މި ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލް ޑިވެލޮޕްމަންޓް ވެސް ހިމެނެ އެވެ. އެގޮތުން، އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ސީވީ ތައްޔާރު ކުރުމާއި އިންޓަވިއު ސްކިލްސް ފަދަ ކަންކަން ދަސްކޮށްދެ އެވެ.
ދިރާގުން ބުނީ މިއީ އެ ކުންފުނިން ޒުވާނުންނަށް ވީހާވެސް ބޮޑެތި ފުރުސަތުތައް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. 2009 ވަނަ އަހަރުގެ ފެށި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިހާތަނަށް 168 މީހަކު ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ