ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ގައުމީ މަސްލަހަތު އިސްކުރައްވަން ޖެހޭ: ގާސިމް

ސުލްހަވެރި ވެއްޓެއް ގާއިމު ކުރުމަށް ޓަކައި ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ގައުމީ މަސްލަހަތު އިސްކުރައްވަން ޖެހޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގެ ކިޔުއައި ކެމްޕަހުގައި މިއަދު އޮތް އެ ކޮލެޖުގެ މި އަހަރުގެ ކޮންވޮކޭޝަންގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖްގެ ފައުންޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމުގެ މަސްލަހަތު ހިފަހައްޓާ ގައުމުގައި ހަމަޖެހިލައިގެން އުޅެވޭނެ ފަދަ ސުލްހަވެރި ވެއްޓެއް ގާއިމް ކޮށްދެވޭނެ އެއްބަޔަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން ކަމަށެވެ.
ނަމަވެސް، އެކަންތައްތައް ހާސިލުކުރުމަށް އަދުލު އިންސާފުގައި އުޅުއްވާ ބޭފުޅުން އަމިއްލަ ކަންކަމަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަދުލު އިންސާފުގައި މަސައްކަތްކުރައްވާ ބޭފުޅުން އެބަ ޖެހިވަޑައިގަންނަވާ ޝަރުއީ ނިޒާމު ހަރުދަނާ ކުރައްވަން. ތިމާމެންގެ އަމިއްލަ ކަންކަމަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވަން. އެންމެންނަށް ހަމަހަމަކަމާ އެކު ހިދުމަތް ކޮށްދެއްވަން،" ފައުންޑާ ވިދާޅުވި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ފާޑުކިޔުންތައް އަމާޒުވެފައިވާ ދުވަސްވަރެއް ކަމަށްފާހަގަކުރައްވައި ގާސިމް ވިދާޅުވީ، މިފަދަ ދުވަސްވަރެއްގައި މާސްޓާސް އޮފް ޝަރީއާ ކޯހަކީ ރާއްޖެ އަށް ވަރަށް މުހިއްމު ކޯހެއް ކަމަށެވެ. އަދި އެފަދަ ކޯހެއް ފުރިހަމަކޮށްގެން ދަރިވަރުންތަކެއް ޝަރުއީ ދާއިރާ އަށް ނުކުތުމަކީ ޝަރުއީ ދާއިރާގެ ހުސްކަން ފިލުވާލުމަށް ލިބުނު ފުރުސަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެޓްފިކެޓް ހިފައިގެން ތިޔަ ނުކުންނަނީ އަދުލު އިންސާފުގެ މައިދާނަކަށް. ޝަރުއީ މައްސަލަތައް ބަލައިދިނުމާ އިންސާފު ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ އިންތިޒާރުގައި ތިބި މާހައުލަކަށް. ގާނޫނީ ވަކީލުންގެ އެހީތެރިކަމަކަށް ވެސް ބޭނުންވެފައިވާ ބައެއްގެ ކުރިމައްޗަށް... އެހެންވީމާ ތިޔަ ދަރިވަރުންނަށް ވެސް އުފުލަންޖެހިފައި ވަނީ ކުޑަ މަސްއޫލިއްޔަތެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބެގެން ދިވެހި ދަރީންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހޯދައިދީ ދިވެހިންގެ ގަދަރު ބައިނަލްއަގްވާމީ ދުނިޔޭގެ ކުރިމަތީގައި އުފުލިގެން ދިއުމަކީ ހަމައެކަނި މަގްސަދު ކަމަށެވެ.
އެގޮތުން މިއަދު ޕްރީ ސްކޫލް ތައުލީމު ނެތް ރަށްރަށުގައި ވެސް މާސްޓާސް ފެންވަރަށް ކިޔަވައިދޭން ފެށިފައިވާ އިރު، ވިލާ ކޮލެޖުގެ ކެމްޕަހެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވި، ބައިނަލްއަގްވާމީ މަސްރަހަށް ވެސް މިހާރު ވިލާ ކޮލެޖު ހުޅުވެމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުން މި އަހަރު ހިންގި މާސްޓާސް އޮފް ޝަރީއާ ކޯހާއި ބެޗްލާ އޮފް ޝަރީއާ ކޯހާއި ބެޗްލާ އޮފް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކުރި 71 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.
އެގޮތުން، މާސްޓާސް އޮފް ޝަރީއާ އިން 42 ދަރިވަރަކާއި ބެޗްލާސް އޮފް ޝަރީއާ އިން 23 ދަރިވަރަކު ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. އަދި ބެޗްލާ އޮފް އާލީ ޗައިލްޑްހުޑް ކޯސް ފުރިހަމަކޮށްގެން ހަ ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ