ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ކިޔަމަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އިއްޔެ އެކޮމިޝަނުން ވަނީ ބާތިލްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން އެނިންމުން ނިންމާފައި ވަނިކޮށް ރޭ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިކޮށް އަމުރެއް ނެރެފައެވެ.
އެއަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
އަދި ހަމަ އެހެންމެ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަމުރަށް ބޯލަނބައި، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ.
އެހެންކަމުން މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި އެހެން ފަރާތަކަށް ވެސް އެކަމުގައި ވަކިގޮތެއް ނިންމުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވާނަން: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ