ފޭސްބުކް ޕޭޖަކުން އައިފޯނު ވިއްކާކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ، ސަމާލުވޭ!

ފޭސްބުކް ޕޭޖަކުން އައިފޯނު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފޭސްބުކްގައި ހިންގާ ޕޭޖްއެއް ކަމަށްވާ " މުހައްމަދު ޓެލިކޮމިއުނިކޭޝަން ލިމިޓެޑް" އިން އައިފޯން އެކްސް ވިއްކާ ކަމަށްބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިފައިވާ ދެ މައްސަލައެއް މިހާރު ތަހުގީގް ކުރަމުންގެންދާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ފައިސާ ޖަމާކޮށްފައިވަނީ ރާއްޖޭގެ އަންހެނެއްގެ ނަމުގައި ގާއިމްކޮށްފައިވާ ބީއެމްއެލް އެކައުންޓަކަށް ކަމަށެވެ. އަދި އޭނާ ތަހުގީގަށް ހާޒިރުކުރުމުން އެ ޕޭޖުން އޭނާއަށް ވެސް އޮޅުވާލައިފައިވާ ކަމަށް ބުނާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފައިސާ ނެގުމަށް ފަހު އައި ފޯން ފޮނުވައިދީފައި ނުވާ ކަމަށް އޭނާ ބުނާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އަންހެން މީހާއަކީ އެ ޕޭޖްގެ ރާއްޖޭގެ އެޖެންޓް ކަމަށެވެ. އަދި އޭނާގެ އެކައުންޓަށް ޖަމާ ކުރި ފައިސާ ވެސްޓާން ޔޫނިއަން މެދުވެރިކޮށް އެ ޕޭޖްއިން ބުނެފައިވާ ނައިޖީރިއާގެ އެޑްރެސްއަކަށް ފޮނުވައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އައިފޯނާއި އެހެނިހެން ސާމާނު ވިއްކާ ކަމަށް ބުނެ ބޭރު ގައުމުތަކުގެ ފޭސްބުކް ޕޭޖުތަކުން މީގެ ކުރިންވެސް ދިވެހިންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ