މަޖިލިސް އިންތިހާބަށް އެއްބަސްވުމެއް އޮތް، އެއާ ހިލާފުވެއްޖެ: މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުން ގުޅިގެން އިންތިހާބުގައި ވާދަކުރުމަށް އެއްބަސްވުމެއް އޮތް ކަމަށާއި ނަމަވެސް މިހާރު އެ އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ކޯލިޝަންގެ ހަތަރު ލީޑަރުން ގުޅިގެން މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ ތެރޭގައި އެއްބަސްވެފައި އޮތް ގޮތަކީ، ސަރުކާރު ހިންގާ މައި ޕާޓީން 35 ދާއިރާއަކަށް އަދި ޖުމްހޫރީ ޕާޓީން 22 ދާއިރާއަކަށް ވާދަކުރުމަށް ކަމަށެވެ.
އަދި އަދާލަތު ޕާޓީއަށް 13 ދާއިރާ ދޭން ނިންމިއިރު، އެމަނިކުފާނުގެ އެމްއާރުއެމްއަށް 17 ދާއިރާ ދޭން އެއްބަސްވިކަމަށް މައުމޫން ވިދާޅުވިއެވެ.
މި އަދަދު ތަކަކީ މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ކޯލިޝަންގެ ލީޑަރުން ވަކިވަކިން އެއްބަސްވެފައިވާ ގޮތެވެ. އަދި އެއީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަށް އަމަލުކުރާނަމަ ޕާޓީތަކަށް ލިބޭނެ ދާއިރާތަކުގެ އަދަދެވެ.
މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހިޔާލު ތަފާތުވުންތަކާއެކު ވެރިކަން ކުރާ ކޯލިޝަނުން ގުޅިގެން  މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ސޮއި ކޮށްފައިވާ ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމަނިކުފާނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ދެމީހުން ޖޭޕީ އަދި އަދާލަތު ޕާޓީއާއެކު ވަކިވަކިން ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮންނާނެ ކަމަށް މީޑިއާއާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ އެމްއާރުއެމްއާއެކު އެމްޑީޕީން އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. އެއީ އެދުވަސްވަރު ރައީސް މައުމޫން ޖަލުގައި ހުންނެވުމުގެ ސަބަބުންނެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އިތުރަށް ވިދާޅުވީ، ކޯލިޝަން ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަކީ ހުދު އެމަނިކުފާނު ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި އޮތް އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ވިދާޅުވިއެވެ.
”ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އެއްބަސްވުމެއް ނޫނޭ. އަޅެ ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް އެއާ ހިލާފަށް އަމަލުކުރައްވަން ފައްޓަވައިފި. އެމްޑީޕީން ވެސް 86 ސީޓަށް ކުރިމަތިލައްވާ. ޖުމްހޫރީ ޕާޓީން ވެސް ރޭގަ އިއުލާންކުރެއްވި 36 ސީޓަށް ކުރިމަތިލައްވާ ކަމަށް،“ އެމްއާރުއެމްއިން މަޖިލީހަށް ވާދަކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރެއްވުމުން މައުމޫން ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްއާރުއެމްގެ ފަރާތުން ވާދަކުރައްވާނީ ކިހިނެތްތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމްއާރުއެމް އިން ބޭނުންވާ އަދަދަކަށް ކުރިމަތިލުމުގެ އިހްތިޔާރު މިހާރު އެބައޮތް ކަމަށެވެ.
އެގޮތުން އެ ހަރަކާތުގެ ނަމުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 108 ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، އެމްއާރުއެމްގެ ބޭފުޅުން މަޖިލީހަށް ވާދަކުރައްވާނީ އެމަނިކުފާނުގެ ތާއީދާއެކު އަމިއްލަ ގޮތުން ކަމަށެވެ.
އެގޮތުން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުން ތެރެއިން އެމްއާރުއެމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދޭނީ އެންމެ ބޮޑު ތާއީދެއް ލިބޭނެ ދާއިރާތަކެއް ވިސްނުމަށްފަހު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ކުރިމަތިލާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ކުރިމަތިލައްވާނެ ބޭފުޅުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ