ޕާޓީތަކުން ވަކި ވަކިން މަޖިލީހަށް ވާދަ ކުރުމަކީ އެއްބަސްވުމާ ހިލާފުވުން: މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން ވަކިވަކިން ވާދަކުރަން ނިންމުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ލީީޑާޝިޕް އަލުން ލިބުމުގެ ފުރުސަތު ކުޑަވުމާއެކު، މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާނު ކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވިދާޅުވީ، މިހާރު ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ޕާޓީތަކުން ބުނި ނަމަވެސް، އެއްބަސްވުމެއް އޮތް ކަމަށެވެ. "ކުރިން އޮތް އެއްބަސްވުމެއް. އެއްބައި ބޭފުޅުން މިހާރު އެއީ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެއްޖެ. އަދި އެއާ ހިލާފުވެވަޑައިގެންފި. އެއީ ކޯލިޝަންގެ ތެރޭގައި އަޅުގަނޑުމެން ވާހަކަ ދައްކާފައި އެއްބަސްވެފައި އޮތީ އެްމްޑީޕީއަށް 35. ޖުމްހޫރީ ޕާޓީއަށް 22. އަޅުގަނޑުމެންނަށް، އެމްއާރްއެމްއަށް 17، އަދާލަތަށް 13. އެގޮތަށް އޮތީ ކުރިން އެއްބަސްވެވިފައި. އެހެން ނަމަވެސް. މިހާރު ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އެއްބަސްވުމެއް ނޫނޭ. ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް އެއާ ހިލާފަށް އަމަލު ކުރައްވަން ފައްޓަވައިފި،" މައުމޫން ވިދާޅުވީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ވެސް އެއްބަސްވި ގޮތާ ހިލާފަށް މަޖިލީހަށް ކުރިމަތިލާން ނިންމުމުން، އެމްއާރްއެމްއަށް ވެސް އެއްބަސްވި ގޮތާ ހިލާފަށް މަޖިލީހަށް ވާދަ ކުރުމުގެ އިހްތިޔާރު އެބަ އޮތް ކަމަށެވެ. މައުމޫން ވިދާޅުވީ، ކޯލިޝަން އެއްބަސްވުމުގައި އެމަނިކުފާނު ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަކި ވަކިން ސޮއި ކުރި ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް ސޮއި ނުކުރެއްވުނީ އޭރު ޖަލުގައި އޮންނެވުމުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ސޮއި ނުކުރެއްވި ނަމަވެސް، އެއްބަސްވުމެއް އޮތް ކަމަށާއި އެ އެބަސްވުމުގައި އެއްބަސްވި އުސޫލާ އެމަނިކުފާނު ގަބޫލު ކަމަށް ވިދާޅުވި އެވެ. "އަނެއް ތިން ޕާޓީގެ ބޭފުޅުން، ކޮންމެ ބޭފުޅުން ވަކިން، އޭރުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި ސޮއި ކުރެއްވި. އަނެއް ތިން ޕާޓީން. އަޅުގަނޑު އެކަނި ސޮއި ނުކޮށް އޮތީ. އެކަމަކު އެ ތިން ޕާޓީން ސޮއި ކުރެއްވީމާ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއްބަސްވުމެއް. އެބޭފުޅުން އެއްބަސްވުމަކޭ ވިދާޅުނުވި ނަމަވެސް އެއީ އެއްބަސްވުމެއް. އެހެން ނަމަވެސް އެ އެއްބަސްވުމަކަށް ނުވީ،" މައުމޫން ވިދާޅުވި އެވެ. އޭގެ އިތުރުން، އެމަނިކުފާނުގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން 108 މީހުން ހުށަހަޅާފައި އޮތް ނަމަވެސް ވާދަކުރާނެ ދާއިރާތައް އަދި ނުނިންމަވާ ކަމަށް ވެސް މިއަދު މައުމޫން ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ކުރީން ކޯލިޝަނުގެ ޕާޓީތައް ވަނީ އެ ޕާޓީތަކުން އަމަލު ކުރާނޭ ގޮތުގެ އެއްބަސްމެއް ވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ބާރުތައް ބަހާލަން ޕާޓީތަކުން އެއްބަސްވިއެވެ. އެގޮތުން މަޖިލީހަށް ވެސް ކުރިމަތިލާނެ ވަކި ގޮތްތަކެއް ޕާޓީތަކުން އޮތީ ނިންމާފައެވެ. ކޮންމެ ޕާޓީއަކުން ވާދަ ކުރާނެ ވަކި ދާއިރާތަކެއް ނިންމާ ގޮތަށް އޮތީ އެއްބަސްވެފައެވެ. އެ އެއްބަސްވުމާ އެންމެ ފުރަތަމަ ހިލާފުވީ އެމްޑީޕީއިންނެވެ. އެއީ އެ ޕާޓީގެ ގައުމީ މަޖިލީހުން 87 ދާއިރާއަށް ވާދަ ކުރަން ނިންމުމުންނެވެ. އެއަށް ފަހު މިހާރު ޖުމްހޫރީ ޕާޓީން ވަނީ އެއްބަސްވި ވަރަށް ވުރެ ގިނަ ގޮނޑިއަށް ކުރިމަތިލާން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ