"މިހާރު" ނޫހުގެ އަބްދުﷲ ސައީދަށް ރައީސް އޮފީހުގެ އިސް މަގާމެއް ދެއްވައިފި

"މިހާރު" ނޫހުގެ ސީނިއާ އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް އަހްމަދު އަބްދުﷲ ސައީދަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް މަގާމެއް ދެއްވައިފިއެވެ.
އާއްމު ގޮތެއްގައި ރައީސް އައްޔަން ކުރައްވާ ހުރިހާ ސިޔާސީ މަގާމަކާއި ބެހޭ ޚަބަރުތައް ރައީސް އޮފީހުން އާއްމު ކުރެއްވި ނަމަވެސް އަހްމަދު އަބްދުﷲ ސައީދަށް މަގާމު ދެއްވި ޚަބަރު އެއޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ.
އަހްމަދު އަބްދުﷲ ސައީދު ވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އަހްމަދު އަބްދުﷲ ސައީދާއި އެކު މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ރައީސް އޮފީހުގައި ހަތަރު ބޭފުޅުން ތިއްބަވައެވެ.
މިނިސްޓަރުންގެ ނައިބުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35500ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ 20500ރ. ގެ މުސާރަ އާއި 15000ރ. ގެ އެލަވަންސެކެވެ.
ރައީސް އޮފީހުން މިހާތަނަށް ހާމަ ކުރައްވާފައިވާ މައުލޫމާތައް ބަލާއިރު ރައީސް އޮފީހުގައި އަށް މިނިސްޓަރުންނާއި ދިހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.
އެހެންކަމުން މިއީ ރާއްޖޭގެ ތާރީޚްގައި ވެސް ރައީސް އޮފީހުގައި އެންމެ ގިނަ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ތިއްބެވި ސަރުކާރެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތައް މަދުކޮށް ޚަރަދު ކުޑަ ސަރުކާރެއް އެކުލަވާލައްވާނެ ކަމުގެ ވައުދާއި އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ