ސައުދީ، ޔޫއޭއީ އަދި ބަހުރެއިންގެ ރައްޔިތުން ލުބުނާނަށް ދަތުރުކުރުން މަނާކޮށްފި

ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހުރެއިންގެ ރައްޔިތުން ލުބުނާނަށް ދަތުރުކުރުން މަނާކޮށްފިއެވެ. މިފަދަ ނިންމުމެއް ނިންމާފައިވަނީ އެ ތިން ޤައުމުގެ ސަރުކާރުންނެވެ. ލުބުނާނަށް ދަތުރުކުރުން މަނާކޮށް، އެ ޤައުމުގައި ތިބި ސައުދީ، ޔޫއޭއީ އަދި ބަހުރެއިނުގެ ރައްޔިތުން ލުބުނާނު ދޫކޮށް ދިއުމަށްވެސް ވަނީ އަންގާފައެވެ.
ސައުދީއިން އެ ޤައުމުގެ ރައްޔިތުން ލުބުނާނަށް ދަތުރުނުކުރަން އަންގާ ބަޔާނެއް ނެރެފައިވާއިރު، ލުބުނާނުގެ ތިބި ސައުދީ ރައްޔިތުން ބެއިރުތުގައި ހުންނަ ސައުދީ އެމްބަސީއަށް އެންގުމަށްވަނީ އަންގާފައެވެ. އަދި އެ ޤައުމުގައި ތިބެވޭނީ ވަރަށް މުޙިއްމުވެގެން ކަމަށްވެސް ވަނީ އަންގާފައެވެ.
ޔޫއޭއީންވެސް މި ނިންމުން ނިންމާ، ލުބުނާނުގައި ތިބޭ އެ ޤައުމުގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރުމަށްވެސްވަނީ ނިންމާފައެވެ. މީގެ އިތުރުން ބަހުރެއިނުންވެސްވަނީ މި ނިންމުން  ނިންމާ އާއްމުކޮށް އިއުލާންކޮށްފައެވެ.
މިފަދަ ނިންމުންތަކެއް ނިންމާފައި ވީ ނަމަވެސް ލުބުނާނުން ސައުދީ އާއި ސަރަޙައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ނިންމުތަކެއް މި ޤައުމުތަކުން ނިންމާފައިވަނީ ހިޒްބުﷲ ޖަމާއަތާއި ގުޅޭ މައްސަލައެއްގައެވެ. މީގެ އިތުރުން ސައުދީއިން ވަނީ ލުބުނާނުގެ ސަލާމަތީ ބާރުތަކަށް ދޭ 4 ބިލިޔަން ޑޮލަރުގެ ފައިސާގެ އެހީވެސް ނުދީ ހިފަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ