ކޮޅުވެއްޓިއާއި ޓަގް އަދި ބާޖު ދުއްވަނީ ޝަރުތު ހަމަނުވާ މީހުން، އިތުރަށް ސަމާލުވޭ: ޓްރާންސްޕޯޓް

ލޭންޑިންގް ކްރާފްޓް (ކޮޅުވެއްޓި) ޓަގް އަދި ބާޖު ދުއްވަނީ އެކަމަށް ޝަރުތު ހަމަނުވާ މީހުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލާ ހާދިސާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގް ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
އަދި މިނިސްޓްރީން ބެލި ބެލުމުން ލޭންޑިންގް ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެއެވެ.
"އެގޮތުން ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވެނީ ތިރީގައި މިދަންނަވާ ކެޕޭސިޓީގެ ކެޕްޓަނުންކަން ގަވާއިދު ނަންބަރު 2023/R-71 (ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު) ގައި ވަނީ ކަނޑައަޅާފައި" ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.
އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ ސައިޒު ތަކުގެ އުޅަނދުފަހަރުގައި އެފަދަ ކެޕޭސިޓީގެ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާ ދެ މީހަކު ނިޔާވި ހާދިސާއާއި ގުޅިގެން އެ ކުންފުނިން ވަނީ އެތެރޭގެ ތަހުގީގެއް ވެސް ފަށާފައެވެ. އެގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ލޭންޑިން ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމުގެ އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، ކެޕްޓަން އަތުގައި މިފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓުވެސް ނެތްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ ލޭންޑިން ކްރާފްޓުގެ ސަލާމަތާއި އެހެނިހެން ކަންކަން ގަވައިދަށް ފެތުނު ނަމަވެސް މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮތްކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ