ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރެއްވީ މުހައްމަދު މުއިއްޒު އެވެ.
އޮކްޓޯބަރު މަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024، ގަ އެވެ.
އެންމެ ފަހު ސްޓޭޖުގައި ކެންސަރު ބަލި ހުރިކަން އެނގުމާއެކު ނޮވެމްބަރު، 2023, ގައި ވެސް ފަރުވާއަށް ގައުމުން ބޭރަށް މިނިސްޓަރު ރަމީލާ ވަޑައިގަތެވެ. ފަރުވާ އަށް ފަހު އަލުން އެނބުރި މަސައްކަތަށް ނުކުންނެވީ ފެބްރުއަރީ، 2024، ގެ ކުރީކޮޅު އެވެ.
މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އެޗްއާރްސީއެމްގެ މެންބަރަކަށް ރަމީލާ އައްޔަނުކޮށްފި އެޗްއާރްސީއެމްގެ މެންބަރަކަށް ރަމީލާ އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ