ކުޅުދުއްފުށި ސިޓީގައި ގާއިމުކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެެއްވަމުންނެވެ.
މެމްބަރު މުހައްމަދު ދާއޫދު ވަނީ ވަޒީރާ ތިން ސުވާލެއް ކުރަށްވާފައެވެ. ފުރަތަމަ ސުވާލު ކުރެއްވީ ކުޅުދުއްފުށި ސިޓީގައި އަޅަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި މެދުގައެވެ. ދެވަނަ ސުވާލު ކުރެއްވީ ކުޅުދުއްފުށީގެ ވަގުފު ފަންޑު މެނޭޖުކުރުމަށް ނިންމަވާފައިވާ ގޮތެއް އޮޅުން ފިލުވުމަށެވެ. އަދި މެމްބަރު ވަނީ އިސްލާމިކް ސިވިލައިޒޭޝަން ޑިވެލޮޕްމަންޓް މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށެވެ.
މެމްބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ އަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށި ސިޓީ އަށް ސަރަހައްދުގެ އެތައް ރައްޔިތުން ރެޔާއި ދުވާލު އަރާ ފައިބާ މަރުކަޒީ ރަށެއްކަމަށާއި، އެތަނުގައި ޢިލްމީ އަދި އިޖްތިމާއީ ގޮތުން ބޭނުންކުރެވޭ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން އިސްކަންދޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑު އުއްމީދު ކުރަނީ މާތްﷲ އިރާދަކުރެއްވިއްޔާ މި ދެތިން ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫޢު ސަރުކާރުން ވަކި ކުންފުންޏަކާއި ހަވާލުކުރެވޭނެކަމަށް'' ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ވަގުފު އިމާރާތެއް އަޅަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި އިމާރާތް އެޅުމުގެ މަގްސަދަކީ އެ ދާއިރާ ލާމަރުކަޒުކޮށް އިސްލާމީ ދާއިރާގެ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ކައުންސިލަށް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި އަތޮޅުތަކުގައި ގާއިމުކުރާ ވަގުފު އިމާރާތްތަކުން ލިބޭ ފައިސާ އިސްލާމިކް މިނިސްޓްރީ އަކަށް ނުނަގާނެއެވެ. އަދި އެފައިސާ ހުންނާނީ އެ ވަގުފު އިމާރާތެއް ހުރި ރަށެއް/ސިޓީއެއްގެ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި، އެ ފައިސާ މެނޭޖްކުރާނީ ވެސް އެ ކައުންސިލަކުން ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ