ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލުގައި، ނިބާލް ނުކުތީ، ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީއާ ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 21-03، 21-12 އިންނެވެ. ސެމީ ފައިނަލުގެ އަނެއް މެޗުގައި ޒަޔާން ޒަކީ ބައްދަލުކުރީ ރިވައިވަލްގެ ހަސަން ޒަޔާންއާ އެވެ. އެ މެޗުން ޒަޔާން ޒަކީ މޮޅުވީ، ތިން ސެޓު ކުޅެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަސަން ޒަޔާން ގެންދިޔައީ 21-11 އިންނެވެ. ދެން، ކުޅުނު ދެ ސެޓު، 13-21، 12-21 އިން ގެންގޮސް ޒަޔާން ޒަކީ މޮޅުވީ އެވެ.
ޒަޔާން ޒަކީ އާއި ނިބާލް ކުޅޭ ފައިނަލް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެންމެ ފަހުން ދެ ފަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނީ ޒަޔާން ޒަކީ އާއި ނިބާލް އެވެ. އެ ގޮތުން، 2022 ވަނަ އަހަރު ނިބާލް ޗެމްޕިއަންކަން ހޯދިއިރު، 2023 ވަނަ އަހަރު ހޯދީ ޒަޔާން ޒަކީ އެވެ. ޒަޔާން ވަނީ، 2017 ވަނަ އަަަހަރު ވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ދި ބެޑްމިންޓަން ކްލަބުން ބާއްވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އިއްޔެ ވަނީ އުމުރުފުރާ ކެޓަގަރީގެ މެޗުތައް ކުރިއަށްގޮސްފަ އެވެ. ޖުމްލަ އެކު، އަށް ގައުމަކުން 347 ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި، 700 އަށް ވުރެން ގިނަ މެޗު ކުޅެވިގެންދާއިރު، މިއީ ފަހުގެ ތާރީހެއްގައި ކުޅިވަރު އެކުވެނީގައި ގައުމީ ލެވަލްގެ ކުޅުންތެރިންނާއި އުމުރުފުރާތަކުގެ ކުޅުންތެރިން ހިމެނޭހެން، ރާއްޖޭގެ ބެޑްމިންޓަނުގެ ގިނަ ކްލަބްތައް ޝާމިލުވާ ގޮތަށް ބޭއްވޭ މި ފަދަ ބޮޑު އެއް މުބާރާތެވެ.
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން: ޒަޔާން އާއި ނިބާލް ސިންގަލްސް ފައިނަލަށް ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން: ޒަޔާން އާއި ނިބާލް ސިންގަލްސް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ