ނޮވެމްބަރު 3ގެ ބަޠަލު ޝަހީދު ޙުސައިން އާދަމް ގެ ހަނދާނުގައި ކުޅުދުއްފުށީގައި ތަރައްޤީ ކުރި ބިނާ ހުޅުވައިފި

ނޮވެމްބަރު 3، 1988 ގެ ހިތްދަތި ހަމަލާގައި ދިވެހި ޤައުމު ދިފާއުކުރުމަށްޓަކައި ޝަހީދުވި ބަޠަލު، ހދ. ކުޅުދުއްފުށީ މާވާގޭ، ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އެ ސިޓީގައި ތަރައްޤީކުރި ޚާއްޞަ ބިނާ މިއަދު ހަވީރު ރަސްމީކޮށް ހުޅުވާފައެވެ.
މި ބިނާ އަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފްގެ އިސްނެގުމުގެ ދަށުން ސިޓީ ކައުންސިލުގެ ޑިޒައިން ކޮންސެޕްޓާއެކު، ކައުންސިލުގެ ބަޖެޓުން، ކޯޕްރަލް ޙުސައިން ޢާދަމްގެ ޤައުމަށް ވެވަޑައިގެން މަތިވެރި ޤުރުބާނީގެ ހަނދާން ދިރުވައި، އަންނަން އޮތް ޖީލުތަކަށް އެ ބަޠަލުގެ ހިތްވަރާއި ޤައުމީ ލޯބީގެ މިސާލު ދެއްކުމަށް ތަރައްޤީކޮށްފައިވާ ބިނާއެކެވެ.
މިއަފު ހަވީރު މި ބިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ބިނާ ހުޅުވައިދެއްވާފައިވަނީ މޭޔަރ މުޙައްމަދު ޢާޠިފް އާއި ޝަހީދު ހުސައިން  އާދަމްގެ އާއިލާގެ ފަރާތުން އަޙުމަދު އާދަމް، އައިޝަތު ޔުމްނާ އަޙުމަދު އަދި ފާތިމަތު ނީމް އަބްދު ރަޝީދު އެވެ.
މިގޮތުން މި ބިނާ ތަރައްޤީކޮށްފައިވަނީ އެ ދުވަހު ޝަހީދު ޙުސައިން އާދަމް ހިފަހައްޓަވައިން ހުންނެވި ބަޑި އޭކޭ-47 އާއި ވަޒަން އެރި ފަރާއި، މަތިން ބަލާއިރު އައްޑަނައެއް އިންނަ ބުރެއް ރަމްޒުވާހެންނެވެ. އަދި މި ބިނާ ޤާއިމްކޮށްފައިވަނީ ކުރީގައި ކުޅުދުއްފުއްޓަށް ބޯޓުފަހަރު ލަފާސަރަހައްދުކަމަށްވާ، ބަންޑާރަ މައިދާނުގައި، އޭރު ޝަހީދު ޙުސައިން އާދަމް ފައިބައި މާލެއަށް ދުރުވުމަށްޓަކައި ރަށުގައި އެންމެ ފަހު ވަގުތު ހޭދަކުރެއްވި ތަނުގައެވެ.
މި ބިނާއަކީ ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި ހުރިހާ ބަޠަލުންގެ ހަނދާން އާކޮށްދޭނެ ތަނެއްގެ ގޮތުގައި ވެގެންދާނެ، އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ ކޯޕްރަލް ޙުސައިން ޢާދަމްގެ ހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލޭގެ ހަނދާން ނައްތާލެވޭނެ ލެޔެއް ނޫންކަން ހާމަވާފަދަ ޚާއްސަ ބިނާއެކެވެ.
އެ އަނިޔާވެރި ޓެރަރިސްޓް ހަމަލާގައި މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި ހިތްވަރުގަދަ ރައްދެއް ޓެރަރިސްޓުންނަށް ދިން، އެ ބަޠަލަށް ތަރައްޤީކޮށްދެއްވި މި ބިނާ އަކީ އަންނަން އޮތް ޖީލުތަކަށް އެ ބަޠަލުގެ ހިތްވަރާއި ޤައުމީ ލޯބީގެ މިސާލު ދެއްކުމަށް ހަނދާން އާކޮށްދޭނެ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަން ޔަޤީނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ