މުރްސިއާ، ސްޕެއިން (ޑިސެމްބަރު 18) - ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް މަޝްހޫރު ޓެނިސް ތަރި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އާއި އޭނާގެ ހުރިހާ ކާމިޔާބެއް ގުޅިފައި އޮތް ކޯޗު، ހުއާން ކާލޯސް ފެރޭރޯއާ ވަކިވެއްޖެ އެވެ.
އަލްކަރާޒްގެ އޭޖެންޓް، އަލްބާޓް މޮލީނާ ވަނީ އަލްކަރާޒްގެ އުމުރުން 11 އަހަރުގައި ފެރޭރޯގެ އެކަޑަމީ އަށް އަލްކަރާޒް ގެންދިއުމަށް ހުށަހަޅައިފަ އެވެ.
މިހާރު އުމުރުން 22 އަހަރުގެ އަލްކަރާޒްގެ ކުރިއެރުން ބަލައި، އޭނާގެ އުމުރުން 15 އަހަރުގައި ފެރޭރޯގެ އެކަޑަމީ އަށް ގެންގޮސް، ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ހަދައި، ހަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރިއިރު، ކޯޗަކީ، ކުރިން ދުނިޔޭގެ އެއް ވަނައިގައި ވެސް މަގާމު ދެމެހެއްޓި، ފެރޭރޯ އެވެ.
އުމުރުން 45 އަހަރުގެ ފެރޭރޯ ދެކޭގޮތުގައި، އަލްކަރާޒަކީ އޭނާގެ ހަތަރު ވަނަ ދަރި އެވެ. އަދި، ފެރޭރޯ ވަނީ، އަލްކަރާޒާ ވަކިވުމަކީ އޭނާގެ ނިންމުމެއް ނޫން ކަަމަށް ބުނެފަ އެވެ. އަދި، ކުރިއަށް އޮޮތްތަނުގައި ވެސް އަލްކަރާޒާ އެކު، މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ފެރޭރޯ ވަނީ ބުނެފަ އެވެ.
ފެރޭރޯއާ އެކު މަސައްކަތް ކުރަން ފަށައި، އަލްކަރާޒް، އެންމެ ފުރަތަމަ ޕްރޮފެޝަނަލް ކެރިއަރުގައި ހޯދި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތަކީ، 2022 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ. އޭގެ ފަހުން، 2023 ވަނަ އަަހަަރުގެ ވިމްބަލްޑަން އާއި 2024 ވަނަ އަހަރުގެ ފްރެންޗް އޯޕަން އާއި ވިމްބަލްޑަންގެ އިތުރުން، މި އަހަރުގެ ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބުކުރި އެވެ.
އެކަމަކު، ފަހަކަށް އައިސް އަމިއްލަ ސަބަބުތަކަކާ ހުރެ، އަލްކަރާޒްގެ ބައެއް މެޗުތަަކަށް ފެރޭރޯ އަށް ނާދެވި ދިޔަ އެވެ. އެ ވަގުތުތަކުގައި ފެރޭރޯގެ ބަދަލުގައި އަލްކަރާޒްގެ ކޯޗުގެ ޒިންމާ ނެގީ، މިދިޔަ ސީޒަނުގައި، އަލްކަރާޒްގެ ކޯޗިން ޓީމާ ގުޅުނު ސަމުއެލް ލޮޕޭޒް އެވެ. ރިޕޯޓްތައް ބުނާގޮތުން، ދެން، އަލްކަރާޒްގެ ކޯޗަކަށް ހުރުމުގެ ފުރުސަތު ބޮޑީ ލޮޕޭޒް އެވެ.
އަންނަ މަހު ފަށާ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފިނަަމަ، އަލްކަރާޒް ވެގެންދާނީ ހަތަރު ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
އަލްކަރާޒްގެ ހުރިހާ ކާމިޔާބަކާ ގުޅިފައިވާ ކޯޗު ފެރޭރޯއާ ވަކިވެއްޖެ އަލްކަރާޒްގެ ހުރިހާ ކާމިޔާބަކާ ގުޅިފައިވާ ކޯޗު ފެރޭރޯއާ ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ