އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލްއަކަށް ޝަހިންދާ
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާއެއް ކަމަށްވާ, އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ހިއުމަން ރައިޓްސްގެ (އެފްއައިޑީއެޗް) ސެކްރެޓަރީ ޖެނެރަލްއަކަށް، އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި ޝަހިންދާ އިސްމާޢިލް އިންތިހާބުކޮށްފިއެވެ. ފޭސްބުކުގައި އިއްޔެ ކުރި ޕޯސްޓެއްގައި މިކަން އިއުލާންކުރަމުން ޝަހިންދާ ވިދާޅުވީ އޭނާ އެފްއައިޑީއެޗްއަށް ހޮވުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ. ޝަހިންދާ ވަނީ އޭނާއާ އެއްކޮށް އެފްއައިޑީއެޗްގެ ބޯޑަށް ހޮނިހިރު ދުވަހު އިންތިހާބުވި ހުރިހާ ބޯޑު މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ. ޝަހިންދާއަކީ އެފްއައިޑީއެޗްއަށް އިންތިހާބުވި ރާއްޖެއަށް ނިސްބަތްވާ ހަމައެކަނި މެންބަރެވެ. އޭނާއާ އެއްކޮށް މި ޖަމްއިއްޔާގައި ޖުމްލަ ހަތަރު ސެކްރެޓަރީ ޖެނެރަލުން އިންތިހާބުކޮށްފައިވެއެވެ. އެއީ ކޮލަމްބިއާއަށް ނިސްބަތްވާ ސޮރާޔާ ގުޓިއެރޭޒް އާގެއްލޯ، އަލްޖީރިޔާގެ ރައްޔިތެއް ކަމުގައިވާ އައިސާ ރަހްމޫން އަދި ކޮޓް ޑި އިވުއާއަށް ނިސްބަތްވާ ޑްރިސާ ޓްރައޮރޭއެވެ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ އެފްއައިޑީއެޗް އަކީ 1922 ވަނަ އަހަރު އުފައްދާފައިވާ މިހާރު 100 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން މައިގަނޑުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަހަމަކަމާ އިންސާފު ގާއިމުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްތައްކުރެއެވެ. ޝަހިންދާ ރާއްޖެ ދޫކުރައްވައި ބޭރުގައި ދިރިއުޅުއްވާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭނާ ރާއްޖެ ދޫކޮށްލެއްވީ އިސްލާމް ދީނާ ހިލާފު ރިޕޯޓްތަކެއް އޭނާ ނިސްބަތްވާ ޖަމިއްޔާއަކުން ނެރުއްވި ކަމަށް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. https://sun.mv/175544 ޝަހިންދާއަކީ 2009 އިން 2012 ވަނަ އަހަރުގެ ނިޔަލަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވި ބޭފުޅެއް ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ