ގޯވިންދާގެ ދަރިފުޅުގެ ފިލްމު ގެނެސްދޭނީ ސާޖިދު
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ގޯވިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރްދަން އަހޫޖާ ފިލްމީ ދާއިރާއަށް ތައާރަފުކުރާނީ ޑައިރެކްޓަރު ސާޖިދު ޚާންގެ ފިލްމަކުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޔާޝްވަރްދަން އަހޫޖާ ފިލްމީ ދާއިރާއަށް ތައާރަފުކުރުމުގެ ޒިންމާ ސާޖިދާ ހަވާލުކުރީ ވަރަށް ގިނަ ފިލްމު ޑައިރެކްޓަރުންނަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ދުވަސްކޮޅު ބޮލީވުޑްގެ ވަރަށް ގިނަ ފިލްމު ޑައިރެކްޓަރުން އެކި ފިލްމީ ޕްރޮޖެކްޓްތަކުގައި އަވަދިނެތި އުޅޭތީ އެންމެ ފަހުން ޔާޝްވަރްދަން އިންޑަސްޓްރީއަށް ތައާރަފުކުރާނީ ސާޖިދު ކަމަށް ގޯވިންދާ ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމު "ހައުސްފުލް" އަދި "ހޭ ބޭބީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސާޖިދަކީ ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮއެވެ. ސާޖިދު އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2014ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހަމްޝަކަލްސް"އެވެ. ފަރާ ޚާން ކޮއްކޮ ސާޖިދު ޚާންއާ އެކު--ފޮޓޯ/ފޭސްބުކް އެ ފިލްމަށް ފަހު މިހާތަނަށް ސާޖިދުގެ ފިލްމެއް ބެލުންތެރިންނަށް ފެނިފައިނުވަނީ ބޮލީވުޑްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި "މީ ޓޫ" މޫވްމަންޓާ ގުޅިގެން ސާޖިދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކުއެވެ. އެގޮތުން، ސާޖިދުގެ ފަރާތުން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ބައެއް ބަތަލާއިންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާ ވަނީ އިންޑަސްޓްރީން ގެއްލިފައެވެ. ނަމަވެސް، ސާޖިދު އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށާއި އޭނާ ގެނެސްދޭނެ ފުރަތަމަ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، ފިލްމުން ގޯވިންދާގެ ދަރިފުޅު ޔަޝްވަރްދަން ބޮލީވުޑަށް ތައާރަފުވާއިރު ޔަޝްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ މި އަހަރުގެ ފިލްމުފެއާގައި ވިދާލި "ލާޕަތާ ލޭޑީސް"ގެ ބަތަލާ ނިތާންޝީ ގޮއެލް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ