ކޮރަޕްޝަންގެ ތުހުމަތަށް މައުމޫން އޭސީސީއަށް ހާޒިރު ކުރަން ނިންމައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު، ނުވަތަ ތީމުގެ ހިންގި ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރަން ނިންމައިފި އެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލައަކީ ކުރިން ފުލުހުންނާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކާ ސުވާލުކޮށް ބަޔާންނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލުތުފީ ވިދާޅުވީ އަދިވެސް އިތުރު ފަރާތްތައް އެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަންޖެހޭ. އެހެންވީމަ ސުވާލުކުރުމުގެ ކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން، ހަސަން ލުތުފީ، އޭސީސީގެ ރައީސް މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެން ދިޔައީ ކީއްވެގެން ކަމެއް ލުތުފީ ވިދާޅެއް ނުވެއެވެ. ރިޔާސީ ގަނޑުވަރު، ތީމުގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫނަށް ރައްޔިތުން ކުރި އިތުބާރަށް އެމަނިކުފާނު ހިޔާނާތްތެރިވެފައިވާތީ، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ނައީމް ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ވަކި ބަޔަކަށް ނުވަތަ އަމިއްލަ ފައިދާއަށް ރައީސް މައުމޫން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން އަމިއްލަ ކަންތައްތަކަށާއި އާއިލީ ކަންކަމަށާއި ގާތްތިމާގެ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން މައުމޫން ކުރެއްވި ހަރަދުތައް އެމަނިކުފާނުގެ އަތްޕުޅުން ހޯއްދަވަން ޖެހޭނެ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އާންމުު ކުރެއްވި އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތީމުގެއަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓުގައި 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ހިންގާފައިވާ ހަރަދުތަކަށް ހިމަނާފައިވެ އެވެ. އަދި 2002 ވަނަ އަހަރު ރައީސް މައުމޫން ބައްލަވައިގަތް ލޯންޗުގެ ހަރަދުތަކަށް ވެސް އެ އޮޑިޓުގައި ބަލާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ