އެހެން މީހުންނާއެކު ކެއުމަކީ އުފާވެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
އަހަރެމެން އެންމެން ދަންނަ ގޮތުގައި ރަނގަޅު ކާނާއަކީ އުފާވެރިކަމުގެ މައިގަނޑު ސަބަބެކެވެ. ވަކި ކާއެއްޗެއް ކެއުމަށް ދަހިވެތިވެ، ދުވަސްތަކަކަށްފަހު އެންމެފަހުން އެ ކާއެއްޗެއް ލިބުމުން ވަރަށް އުފާވެއެވެ. މިއަހަރުގެ ވޯލްޑް ހެޕިނަސް ރިޕޯޓުން ދައްކާ ގޮތުގައި އަހަރެމެން ކާއެއްޗެހި ކާގޮތުން ވެސް، އެބަހީ އެކަނި ނުވަތަ އެހެން މީހުންނާއެކު ކެއުމުން، އަހަރެމެންގެ މުޅި ދިރިއުޅުމުގެ އުފާވެރިކަމަށް ބަދަލު އަންނަ ކަމަށް ދައްކަ އެވެ.
އެހެން މީހުންނާއެކު ކެއުމުން އުފާވެރިކަން އިތުރުވާ ސަބަބުތަކުގެ ތެރޭގައި އިންސާނީ ގުޅުންތައް ވަރުގަދަވުން ހިމެނެ އެވެ. އެކުގައި ކެއުމަކީ މާނަހުރި ގުޅުންތައް ބިނާކުރުމުގެ އެންމެ ރަނގަޅު ގޮތްތަކުގެ ތެރެއިން އެއްގޮތެވެ. ކާއެއްޗެހި ނުވަތަ ވާހަކަތައް ހިއްސާ ކުރުމުން، ކެއުމުގެ ވަގުތަކީ ގުޅުން ބަދަހިކުރުމަށް ފަސޭހަ މާހައުލަކަށް ވެގެންދެ އެވެ.
މީގެ އިތުރުން، ވޯލްޑް ހެޕިނަސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެކުގައި ކެއުމުގެ އާދަ އޮންނަ ގައުމުތަކުގައި އިޖުތިމާއީ އެހީތެރިކަން ބޮޑުވެ، ހެޔޮކަންތައް ގިނަވެ، އަދި އެކަހެރިވުމުގެ އިހުސާސް މަދުވެގެންދެ އެވެ.
އެކަނި ކެއުމުން ބައެއްފަހަރު މީހާ އެކަހެރިވެފައިވާކަމުގެ އިހުސާސް ކުރެވިދާނެ އެވެ. ނަމަވެސް ރައްޓެހިން، އާއިލާ ނުވަތަ މަސައްކަތުގެ މާހައުލުގެ މީހުންނާއެކު ކެއުމުން ހިތްހަމަޖެހުމާއިއެކު ނިސްބަތްވުމުގެ އިހުސާސް ލިބެ އެވެ. މިއީ ނަފުސާނީ ބޮޑެތި ފައިދާތަކެއް ކުރާ ކަމެއް ވެސްމެއެވެ. އެގޮތުން ސްޓްރެސް، އެކަނިވެރިކަން އަދި ހިތާމަ ކުޑަކުރުމަށް އެހީތެރިވެދެ އެވެ. ކާއެއްޗެހި ހިއްސާ ކުރުމަކީ ލޯބި އަދި އަޅާލުން ދައްކުވައިދޭ ކަމެކެވެ. ގޭގައި، މަސައްކަތުގައި ނުވަތަ ރެސްޓޯރަންޓެއްގައި ކާއެއްޗެހި ހިއްސާކުރުމުން އެކުވެރިކަމާއި، އެހީތެރިކަމާއި، ހެޔޮކަން އިތުރުވެ، އެންމެން ގުޅިފައިވާކަމުގެ އިހުސާސް ކުޑަކޮށް ނަމަވެސް އިތުރުވެގެންދެ އެވެ.
ދިރިއުޅުމުގައި އެހެން މީހުންނާއެކު ކެއުމުގެ އާދަ އިތުރުކުރުމަށް ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އާއިލާއާއެކު ކެއުމަށް ވަގުތު ހޭދަކުރުމަށްޓަކައި ދުވާލަކު މަދުވެގެން އެއް ކެއުން އެއްވެސް ދަތިކަމެއް ނެތި އެކުގައި ކެއުމަށް މަސައްކަތްކުރެވިދާނެ އެވެ. ބިޒީވާނަމަ، ރޭގަނޑުގެ ކެއުމަކީ އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރެވިދާނެ ވަގުތެކެވެ.
ހަމައެކަނި ގާތްކަން ބާއްވަން ޖެހޭނީ އާއިލާއާއެކު ނޫންކަން ފާހަގަކޮށްލަންޖެހެ އެވެ. ރައްޓެހިން، އަވަށްޓެރިން ނުވަތަ ދުރުތާ ތިމާގެ މީހުންނާއެކު ކެއުމުގެ ރޭވުންތައް ހެދިދާނެ އެވެ. ހަފުތާ ބަންދުގައި ޕޮޓްލަކް ނުވަތަ ކުޑަ ޑިނާ ޕާޓީތައް ބޭއްވުމަކީ ގުޅުން ބަދަހިކުރުމަށް ރަނގަޅު ގޮތެކެވެ.
ރައްޓެހިންނާއެކު ކެއުމަކީ ރައްޓެހިކަން ވަރުގަދަކުރުމުގެ ރަނގަޅު ގޮތެކެވެ. ކޮފީއެއް ބުއިމަށް ނުވަތަ މެންދުރު ކެއުމަށް ކުރީގެ ރައްޓެހިންނާ ބައްދަލުކުރުމަކީ ގުޅުން ދެމެހެއްޓުމަށާއި ރައްޓެހިކަން ވަރުގަދަކުރުމަށް ރަނގަޅު ގޮތެކެވެ. އަދި މަސައްކަތުގެ މާހައުލުގައިވެސް ކެއުމުގެ ވަގުތު ހިއްސާކުރުމަކީ މުހިންމު ކަމެކެވެ. އަހަރެމެން ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާތީ، މަސައްކަތުގެ މާހައުލުގެ މީހުންނާއެކު ކެއުމުން ވަޒީފާގެ ހިތްހަމަޖެހުން އިތުރުވެ، މަސައްކަތުގެ މާހައުލާ ގުޅިފައިވާކަމުގެ އިހުސާސް އިތުރުވެގެންދެ އެވެ.
އެކަނި ކެއުމުގެ އާދަ އޮވެ، އެހެން މީހުންނާއެކު ކެއުމުން އުފާވެރިކަން އިތުރުވެދާނެކަމަށް ގަބޫލުކުރެވޭނަމަ، މި ލަފާތައް ތަޖުރިބާކޮށްލުމަކީ ރަނގަޅު ކަމެކެވެ. ވޯލްޑް ހެޕިނަސް ރިޕޯޓްއިން ދައްކާގޮތުގައި ބައެއްފަހަރު އެންމެ އުފާވެރި ވަގުތުތައް ހޭދަކުރެވެނީ ކެއުމުގެ މޭޒުގެ ވަށައިގެންނެވެ.
ފިންލޭންޑަކީ ވިދިވިދިގެން ހަތްވަނަ އަހަރަށްވެސް ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ހޮވިފައިވާއިރު، މިއަހަރު އިންޑިއާ ވަނީ 118 ވަނަ ގައުމުގެ ގޮތުގައި ރޭންކްކުރެވިފަ އެވެ. މި ރޭންކިން ހެދުމުގައި އިޖްތިމާއީ އެހީތެރިކަން، ސިއްހަތު، މިނިވަންކަން، މާތްކަން، ކޮރަޕްޝަނާމެދު ދެކޭގޮތް އަދި ޖީޑީޕީ ފަދަ ކަންކަމަށް ބަލާފައިވެ އެވެ.
އެހެން މީހުންނާއެކު ކެއުމަކީ އުފާވެރިކަން އިތުރުވާ ކަމެއް އެހެން މީހުންނާއެކު ކެއުމަކީ އުފާވެރިކަން އިތުރުވާ ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ