ހަ ފައިގެ 'އެތީނާ' ލޭންޑަރު ހަނދުގެ ބިންމަތީގައި ޖެއްސުމުގެތެރޭގައި ވެއްޓި މިޝަން ނާކާމިޔާބުވެއްޖެ އެވެ. ނާސާގެ އެހީގައި ހިންގާ ކޮމާޝަލް ޕްރޮގްރާމެއްގެ ދަށުން ހަނދަށް ދެވަނަ ފަހަރަށް ދިޔަ އިންޓުއިޓިވް މެޝިންސްގެ 'އެތީނާ'ގެ ކާމިޔާބީގެ ހިނިތުންވުން މިހާރުވަނީ ނާކާމިޔާބީއާއެކު އަތުން ބީވެގެން ގޮސްފަ އެވެ.
އިންޓުއިޓިވް މެޝިންސް ކުންފުނީގެ ހަނދަށް ދިއުމުގެ ދެވަނަ މިޝަން ވެސް ފާއިތުވި އަހަރުގެ ފުރަތަމަ މިޝަންގެ ހާލަތަށް ވެއްޓިފައިވާކަމަށް ބެލެވެ އެވެ. މިގޮތުން 'އެތީނާ' ލޭންޑާ ހަނދުގައި ޖެހުމަށްފަހު އެއްފަރާތަކަށް ވެއްޓިފައިވާކަމަށް ލިބޭ މައުލޫމާތުން ދައްކަ އެވެ. އެމެރިކާގެ އެ ކުންފުނިން ބުރާސްފަތި ދުވަހު މިކަން ހާމަކޮށްފައިވެ އެވެ.
ހަ ފައިގެ އަތީނާ ލޭންޑަރުގައި 11 ޕޭލޯޑާއި ސައިންޓިފިކް އާލާތްތައް ހިމެނެ އެވެ. މި ލޭންޑަރު ފެބުރުއަރީ 26 ވަނަ ދުވަހު ފްލޯރިޑާއިން ސްޕޭސްއެކްސްގެ ރޮކެޓެއްގައި ފޮނުވުމަށްފަހު، ހަނދަށް ޖެއްސީ ދެކުނު ފަރާތުގެ ޕޯލްއިން ގާތްގަނޑަކަށް 100 މޭލު (160 ކިލޯމީޓަރު) ދުރުމިނުގަ އެވެ.
"އަޅުގަނޑުމެން ނުދެކެން ހަނދުގެ މަތީގައި ރަނގަޅު ގޮތުގައި ޖެއްސިފައިވާ ވާކަމަކަށް، އަނެއްކާވެސް ހަމަ އެހެން ވެއްޖެ [ކުރީ އަހަރު ދިމާވިގޮތަށް]،" ހިއުސްޓަންގައި ހިންގާ މި ސްޓާޓްއަޕްގެ ސީއީއޯ ސްޓީވް އަލްޓެމަސް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.
އިންޓުއިޓިވް މެޝީންސްއަކީ އެމެރިކާ އަލުން ހަނދަށް ދަތުރުފެށުމުގެ ގޮތުން ނާސާއިން ތައްޔާރުކުރި ގިނަ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އަމިއްލަ ސެކްޓަރުގެ ބޮޑު ބައިވެރިވުމަކީ ކުޑަ ޚަރަދެއްގައި ފަޒާއަށް ދަތުރުކުރުމުގެ ގޮތެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ ގެއްލުން ބޮޑު ގޮތެއް ކަމަށްވެސް ގަބޫލުކުރެވެ އެވެ. އިންޓުއިޓިވް މެޝީންސްގެ ހިއްސާ 36% ދަށަށް ގޮސް 7 ޑޮލަރާ ހަމައަށް ގޮސްފައިވެ އެވެ. މީގެ ކުރިން ނަސްޑަކް މާރުކޭޓް ބަންދުވިއިރު ހިއްސާގެ އަގު 20% ދަށަށް ގޮސް 11.26 ޑޮލަރުގައި ހުއްޓިފައިވެ އެވެ.
އަލްޓެމަސް ބުނި ގޮތުގައި ލޭންޑަރުން ބައެއް މައުލޫމާތު ބިމަށް ފޮނުވާފައިވާއިރު އޭގެން ދައްކާ ގޮތުން ސީދާ އެތީނާ އޮތީ ތެދަކަށް ނޫނެވެ. ޚާއްޞަކޮށް އިނާޝަލް މެޝަމެންޓް ޔުނިޓް (އައި.އެމް.ޔޫ) އިން ލިބޭ މައޫލޫމާތުން ދައްކާ ގޮތުގައި ކޮންމެވެސް ވަރަކަށް އެއްފަރާތަކަށް ވެއްޓިފައިވާކަން އެނގެ އެވެ.
"އައި.އެމް.ޔޫ ގެ މިންތަކަކީ އެންމެ ސާފު މަޢުލޫމާތު . ... އެހެންވީމާ އަޅުގަނޑުމެން ހިތަށްއަރަނީ އެހެން ވެދާނެކަމަށް،" އަލްޓެމަސް އިތުރަށް ބުންޏެވެ.
ލޭންޑާ އޮތްގޮތުން ހަކަތަ އުފެއްދުމުގެ މައްސަލަތައް ދިމާވެދާނެ ކަމަށް ފާހަގަކޮށް މިޝަން "އޯފް-ނޮމިނަލް" ވާނެކަމަށް އަލްޓެމަސް ބުންޏެވެ. އަދި ސީދާ ދުރުމިން ބަލާ ލޭޒާ ރޭންޖްފައިންޑާތަކުގައި ދަތިތަކެއް ހުރިކަމަށްވެސް ބުންޏެވެ.
އެތީނާ ލޭންޑިންގ އަމާޒުކޮށްފައިވަނީ މެންދުރުފަހު 12:32 (1732 ޖީ.އެމް.ޓީ) އަށެވެ. ނަމަވެސް އެވަގުތުވެސް ލޭންޑަރުގެ އިންޖީނު ހިނގަމުންދިޔަކަން ޓެލެމެޓްރީން ދައްކަ އެވެ. އަދި ހަނދުގެ މަތީގައި ވަޔަށް ތެޅެމުންދާކަން ފާހަގަކުރެވުނެވެ. އޭގެ މިނެޓްތަކަކަށްފަހު، ލޭންޑަރުގެ އިންޖީނު ނިއްވާލުމަށް އިރުޝާދު ދިނުމަށްފަހު، ކުންފުނިން ކަށަވަރުކޮށްފައިވަނީ "އެތީނާ ހަނދުގެ މަތީގައި ޖެހިފައިވާކަމަށް" ނަމަވެސް އޭގެ ސީދާ އަސްލު ހާލަތު އަދި ސާފުވެފައެއް ނެތެވެ.
ހަނދުގެ ތިންވަނަ މިޝަން ކުރިއަށްދާނެ ގޮތާމެދު ކުންފުނިން ވަނީ އަންނަ އަހަރަށް އަމާޒުކޮށްފައިވާ މިޝަން ފަސްކޮށްލައިގެން މުވާސަލާތީ ސެޓެލައިޓެއް ފޮނުވުމަށް ފަހަށް ބޭއްވިދާނެކަމަށް ބުނެފައެވެ.
އިންޓުއިޓިވް މެޝިންސްގެ ހަނދަށް ފުރަތަމަ ދަތުރު ބިނާކުރި "އޮޑީސިއަސް" ލޭންޑާއަކީ އަމިއްލަ ކުންފުންޏަކުން އެހާތަނަށް އެންމެ ކާމިޔާބު ހަނދަށްދިއުމުގެ މިޝަނެވެ. ނަމަވެސް ލޭންޑަރު ވަރަށް ބާރަށް ބިމުގައި ޖެހުމުގެ ސަބަބުން އުސްމިން މިނުމަށް ބޭނުންކުރި އޮލްޓިމީޓަރުގެ މައްސަލައިގެ ސަބަބުން ލޭންޑަރުގެ ފައެއް ހަލާކުވެ އެއް ފަރާތަށް ވެއްޓި ގިނަ އެކްސްޕެރިމެންޓްތަކެއް ހިންގުމަށް ހުރަސްއެޅުނެވެ.
މިހާތަނަށް ފަސް ގައުމަކުން ވަނީ ހަނދުގައި މަޑުމަޑުން ޖެއްސުން ކާމިޔާބުކޮށްފަ އެވެ. މިގޮތުން ކުރީގެ ސޯވިއެޓް ޔޫނިއަން، އެމެރިކާ، ޗައިނާ، އިންޑިޔާ އަދި ފާއިތުވި އަހަރު ޖަޕާން ހިމެނެ އެވެ. އެމެރިކާ އާއި ޗައިނާ ދެ ގައުމުން މި ދައުރުގައި އެސްޓްރޮނޯޓުން ހަނދަށް ގެންދިއުމަށް އަމާޒުކޮށްފައިވާއިރު، އަމިއްލަ ސެކްޓަރަށްވެސް ސްޕޭސްކްރާފްޓްތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް ދީފައިވެ އެވެ.
އޯސްޓިންގައި ހިންގާ ފަޔާފްލައި އެއަރޯސްޕޭސްއިން މި މަހު ކާމިޔާބުކަމާއެކު ލޭންޑަރެއް ހަނދަށް ޖައްސާފައި ވެއެވެ. މިއީ މިހާތަނަށް އަމިއްލަ ކުންފުންޏަކުން އެންމެ ކާމިޔާބު ހަނދަށް ދަތުރުކޮށްފައިވާ މިޝަން ކަމަށް ބެލެވެ އެވެ.
އިންޓުއިޓިވް މެޝީންސް، ފަޔަރފްލައި، އެސްޓްރޯބޮޓިކް ޓެކްނޮލޮޖީ އަދި އެހެނިހެން ކުންފުނިތައްވެސް ވަނީ ނާސާގެ "ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސަސް" ޕްރޮގްރާމްގެ ދަށުން ހަނދަށް ދަތުރުކުރާ ސްޕޭސްކްރާފްޓްތައް ތަރައްގީކުރަން ފަށައިފަ އެވެ. މިއީ 2027 ގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމުގެ ކުރިން ހަނދުގެ މަތީގައި ކުޑަ ޚަރަދުގައި ހޯދައިބަލުމުގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކުރުމެވެ.
މީހުން ނެތި ހަނދުގެ ބިމުގައި ޖެއްސި މިޝަންތައް
1-ލޫނާ 9 (ސޯވިއެޓް ޔޫނިއަން) – ފެބްރުއަރީ 3، 1966
2-ލޫނާ 13 (ސޯވިއެޓް ޔޫނިއަން) – ޑިސެންބަރު 24، 1966
3-ސާވޭޔާ 1 (އެމެރިކާ) – ޖޫން 2، 1966
4-ސާވޭޔާ 3 (އެމެރިކާ) – އޭޕްރިލް 20، 1967
5-ސާވޭޔާ 5 (އެމެރިކާ) – ސެޕްޓެންބަރު 11، 1967
6-ސާވޭޔާ 6 (އެމެރިކާ) – ނޮވެންބަރު 10، 1967
7-ސާވޭޔާ 7 (އެމެރިކާ) – ޖަނަވަރީ 10، 1968
8-ލޫނާ 16 (ސޯވިއެޓް ޔޫނިއަން) – ސެޕްޓެންބަރު 20، 1970
9-ލޫނާ 17 (ސޯވިއެޓް ޔޫނިއަން) – ނޮވެންބަރު 17، 1970
10-ލޫނާ 20 (ސޯވިއެޓް ޔޫނިއަން) – ފެބްރުއަރީ 21، 1972
11-ލޫނާ 21 (ސޯވިއެޓް ޔޫނިއަން) – ޖަނަވަރީ 15، 1973
12-ލޫނާ 24 (ސޯވިއެޓް ޔޫނިއަން) – އޯގަސްޓް 18، 1976
13-ޗޭންގެ 3 (ޗައިނާ) – ޑިސެންބަރު 14، 2013
14-ޗޭންގެ 4 (ޗައިނާ) – ޖަނަވަރީ 3، 2019
15-ޗަންދުރަޔާން-3 (އިންޑިއާ) – އޯގަސްޓް 23، 2023
16-ސްލިމް (ޖަޕާން) – ޖަނަވަރީ 19، 2024
17-އޮޑިސިއަސް (އައިއެމް-1) (އިންޓުއިޓިވް މެޝިންސް، އެމެރިކާ) – ފެބްރުއަރީ 22، 2024
18-ބްލޫ ގޯސްޓް (ފަޔާފްލައި އެއަރޯސްޕޭސް، އެމެރިކާ) – މާރިޗު 2، 2025
މީހުނާއެކު ހަނދުގެ ބިމުގައި ޖެއްސި މިޝަންތައް (އެޕޮލޯ ޕްރޮގްރާމް)
1-އެޕޯލޯ 11 (އެމެރިކާ) – ޖުލައި 20، 1969
2-އެޕޯލޯ 12 (އެމެރިކާ) – ނޮވެންބަރު 19، 1969
3-އެޕޯލޯ 14 (އެމެރިކާ) – ފެބްރުއަރީ 5، 1971
4-އެޕޯލޯ 15 (އެމެރިކާ) – ޖުލައި 30، 1971
5-އެޕޯލޯ 16 (އެމެރިކާ) – އޭޕްރިލް 21، 1972
6-އެޕޯލޯ 17 (އެމެރިކާ) – ޑިސެންބަރު 11، 1972
'ހަނދުގައި ވެއްޓިފައިވާ ހުވަފެން': އިންޓުއިޓިވް މެޝީންސްގެ ހަނދުގެ ދެވަނަ މިޝަންވެސް މިހާރުއޮތީ އެކޮޅުކޮޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ