"އޮޑި އަކީ އަހަންނާ ގުޅޭ ޓީމެއް، ރަނގަޅު މަސައްްކަތެއް ކުރެވޭނެ" "އޮޑި އަކީ އަހަންނާ ގުޅޭ ޓީމެއް، ރަނގަޅު މަސައްްކަތެއް ކުރެވޭނެ"

އޮޑި ސްޕޯޓްސް ކްލަބް ކުރިއަށްދިއުމުގައި ގެންގުޅޭ ވިސްނުމަށް ބަލާއިރު، އޭނާއާ އެ ޓީމުގެ ކަންކަން ވަރަށް ގުޅޭ ކަމަށާއި އެ ކްލަބާ އެކު ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮޑީގެ ކޯޗުކަމާ ހަވާލުވި އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން ބުނެފި އެވެ.
އޮޑިގެ ކޯޗުގެ ގޮތުގައި، އިއަން، 60، މީޑިއާ އަށް ތައާރަފްކުރީ ރޭ އެ ކްލަބުން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ފުޓްބޯޅަ ކޯޗިން/ޓެކްނިކަލް މަސައްކަތްތަކުގައި 25 އަހަރު ހޭދަކޮށްފައިވާ އިއަން އަކީ ޕްރޯ ލައިސަންސް ކޯޗެކެވެ. އޭނާ ބުނީ، ކޯޗިންގައި މަސައްކަތްކުރާއިރު، ޒުވާން ކުޅުންތެރިން ޑިވެލޮޕްކޮށްގެން ކުރިއަށް ދިއުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށާއި އެކަން އޮޑީގައި ވެސް ކުރެވޭނެ މަގު އޮތީ ތަނަވަސްކޮށް ކަމަށެވެ.
'އަހަރެން ވަރަށް ޝައުގުވެރިވޭ ޗެލެންޖުތައް ނަގަން. ކުޅުންތެރިން ވެސް އެ (ޗެލެންޖް) ނަގަން އަހަރެން އެހީވެދޭން ބޭނުން،" އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލްގައި މަސައްކަތްކޮށްފައިވާ އިއަން ބުންޏެވެ.
"އެކި ގައުމުތަކުގެ އެކި ޓީމުތަކަށް އަހަރެން ކޯޗުކޮށްދީފިން. އެއިން ކޮންމެ ޓީމެއްގައި ވެސް ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން ފުރުސަތުތަކުގެ ބޭނުންހިފައިގެން ކުރިއަރައިގެންދިޔަ، އެ ގައުމުތަކުގެ ގައުމީ ޓީމަށް ވެސް ކުޅެފައި އެބަހުރި، ރަނގަޅު ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ވެފައި އެބަހުރި،"
ސްކޮޓްލެންޑަށް އުފަން އިއަން ބުނީ، އޮޑި އަކީ ދެ ވަނަ ޑިވިޝަނުން މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބަކަށް ބަލާއިރު ވަރަށް ރަނގަޅު ވިސްނުންތަކެއް އަދި ވިޔަފާރި މޮޑަލެއް ވެސް އޮތް ކްލަބެއް ކަމަށެވެ. ފުޓްބޯޅައިގައި އޭނާ އެންމެ ކުރާހިތްވާ ޗެލެންޖިން މަސައްކަތެއް ކުރަން އޮޑީގައި އޮތީ ރަނގަޅު މާހައުލެއް ކަމަށް އިއަން ގަބޫލުކުރެ އެވެ.
"އަހަންނަކީ ވެސް ވަރަށް އުންމީދީ މަސައްކަތްތަކެއް ކުރާހިވްތާ މީހެއް. ހަގީގަތަށް ބުނަންޏާ އަހަރެން ބޭނުންވަނީ މި ކަހަލަ މަސައްކަތްތަކުގައި ކާމިޔާބުވާން. މި ހުރިހާ ކަމަކަށް ބަލާއިރު އޮޑި އަކީ އަަހަންނާ ވަރަށް ގުޅޭ ކްލަބެއް،" އިއަން ބުންޏެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ދެ ގައުމެއްގެ ކްލަބްތަކުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ އިއަން ބުނީ، އެކި ގައުމުތަކުގައި ހުންނަ ވިސްނުންތަކާއި ގަބޫލުކުރުންތައް ތަފާތުވާނެ ކަމަށް އޭނާ އަށް ވެސް އެނގޭ ކަމަށެެވެ. އަދި، ރާއްޖޭގައި އޮތް ހާލަތަށް ހޭނިގެން މަަސައްކަތް ކުރަން އުނދަގޫތަކެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތީ މި ކަމުގައި އެކުގައި މަސައްކަތްކުރަން ތިބި މީހުން ވެސް އެއީ، މި ކަަމުގެ ޝައުގުވެރިކަމާ އެކު ކުރިއަށްދާން ބޭނުންވާ ބަޔަކަށްވުން ކަމަށް އިއަން ފާހަގަކުރި އެވެ.
ފުޓްބޯޅަ ކްލަބެއް ކުރިއަށްދިއުމުގައި ސަޕޯޓަރުންނާއި ސްޕޮންސަރުންނަކީ ވެސް ވަރަށް މުހިންމު ހިއްސާދާރުންނެވެ. އިއަން ބުނީ، އޮޑިން ކުރިއަށްދާއިރު، ސަޕޯޓަރުންނާއި ސްޕޮންސަރުން ގޮވައިގެން އެކުއެކީ ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދައިގެން ވެސް މަސައްކަތް ކުރުން މުހިންމު ކަމަށާއި އެ ގޮތުން، މުޖުތަމައުއާ ގުޅުން ހުރި ކަންކަމުގައި އޮޑީގެ ޝާމިލުވުން އިތުރުކުރުން ވެގެންދާނީ އެ ކްލަބްގެ ހައިބަތު ބޮޑުވެ، ސަޕޯޓަރުން އިތުރުކުރަން ކުރެވޭ މަސައްކަތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ