ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަނީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން އެ ކޮމިޓީން ފާސްކުރީ މިއަދު އޮތް ބައްދަލުވުމުގަ އެވެ. ގިނަ ވަގުތު އަޑު ކަނޑާލައިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ފިޔަވައި އެހެން ހުރިހާ މެންބަރުން އެގޮތަށް ފާސްކުރަން ވޯޓު ދެއްވި އެވެ.މައިކު ކަނޑާލައިގެން ގިނަ ވަގުތު ކުރިއަށް ގެންދިޔުމުން، އިބްރާހިމް ރަޝީދު ވަކިކުރާ ސީދާ ސަބަބު ސާފެއް ނުވެ އެވެ.މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށަން، ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ