ފަލަސްތީނުގެ ގާޒާއިން މުޅިން ހެން ކަރަންޓު ކަނޑާލަން އިޒްރޭލުން މަސައްކަތް ކުރަނީ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ގާޒާއިން ކަރަންޓު ކަނޑާލަން އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން އަންގައިފި އެވެ.އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ގިނަ ވާހަކަތައް ދެއްކިއްޖެ ކަމަށާއި މިއީ އަމަލުން ކަންކަން ކުރަންވީ ވަގުތު ކަމަށެވެ.ޣައްޒާއިން ކަރަންޓު ކަނޑާލަން ނިންމާފައި މި ވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން ވެސް އިޒްރޭލުން ހުއްޓުވިތާ ހަފްތާއެއް ފަހުންނެވެ.ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުން އެއްބަސްވި ފުރަތަމަ މަރުހަލާގެ މުއްދަތު އެ ގައުމުން ބޭނުންވަނީ އިތުރު ކުރުމަށެވެ. ނަމަވެސް ހަމާސް އިން ބޭނުންވަނީ ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރުނުކޮށް އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށެވެ.ގާޒާއިން މިވަގުތު ކާބޯތަކެތި ހޯދުމަށް އޮތް ދޮރުތައް އިޒްރޭލުން ބަންދު ކުރުމުން، ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދަން އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.ހަމާސް އިން އިއްޔެ ބުނެފައިވަނީ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލުގެ ރަހީނުންނަށް ވެސް ނުރައްކާވާނެ ކަމަށެވެ.އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގެ އާންމުންނަށް ދަތިކުރަން ފެށުމާ އެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އިންސާނީ އެހީގެ ޖަމިއްޔާގެ ވެރިޔާ ތޯމަސް ފްލެޗާ ވަނީ މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެހީއަށް ހުރަސްއެޅުން ވަގުތުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ދެ ފަރާތުން ގައިދީން ބަދަލުކުރުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ރެޑް ކްރޮސް އިން ވަނީ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުން ވަރަށް މުހިންމުކަމަށް ބުނެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މިސްރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލުކުރުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރު ކުރުމަށް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ