ޢަލީ އިޙްޞާން ފިރާޤް
ސީރިޔާގެ އުތުރުގެ ބޯޑަރުތަކަށް އަބަދުވެސް ރޯމަން ސަރުކާރުގެ ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ. ހަމައެހެންމެ، ސީރިޔާގެ އައްސޭރިފަށަށް ކަނޑު މަގުން އެބައިމީހުން ހަމަލާއެއް ދީފާނެކަމުގެ، ނުރައްކާ ވެސް އޮތެވެ. މިޞްރާއި އުތުރު އެފްރިކާއަށްވެސް ރޯމަނުންގެ މެދުނުކެނޑި ހަމަލާތައް ދެމުން ގެންދިޔައެވެ. އިރުމަތީގެ އުފެދިފައިވާ ފިތުނަތަކާއި މައްސަލަތައް ހައްލުކުރުމަށް ފަހު، އަމީރު މުޢާވިޔަތުގެފާނު، ރޯމަނުންގެ ފަރާތުން ކުރިމަތިވެދޭނެ ބިރުވެރިކަމަކުން ރައްކާތެރިކުރުމަށްޓަކައި އެކަލޭގެފާނުގެ ހުރިހާ ބުންވަރުފުޅާއި ފަންވަރުފުޅަކާއި، ވަސީލަތްތަކެއް ހޭދަކުރިއެވެ. ކަނޑުގެ ސިފައިންގެ ބާރެއް ތައްޔާރުކޮށް، ކަނޑުސިފައިންގެ މުސާރަ ބޮޑުކޮށް، އެ ދާއިރާއަށް މީހުން ޝައުގުވެރި ކުރުވި އެވެ. ދެހާސް ހަނގުރާމަ ދޯނި ތައްޔާރުކުރެއްވިއެވެ. ޖުނާދާ ބިން އުމައްޔާއަކީ ކަނޑު ސިފައިންގެ އެންމެ ފުރަތަމަ ކޮންމާޑަރުކަމުގައި ހަމަޖެއްސެވިއެވެ.
ސިފައިން އިތުރަށް ބާރުވެރިކޮށް، ސަޕްލައި ލިންކްތައް އިތުރުކުރުމުގެ އިތުރުން ޑިފެންސިވް އަދި އޮފެންސިވް ލަޝްކަރު ވަކިވަކިން ހަމަޖައްސަވައިދެއްވި އެވެ. ސިފައިން ދެ ބަޔަކަށް ބަހާލެއްވިއެވެ. ފުރަތަމަ ބަޔަކީ ވިންޓަރ ފޯސަސްއެވެ. ދެވަނަ ބަޔަކީ، ސަމާ ފޯސްއެވެ. ހޫނުމޫސުމާއި ފިނި މޫސުމުގެ ލަޝްކަރެވެ.
ދެ މޫސުމުގައި ވެސް މުސްލިމު ސިފައިން ރޯމަނުންގެ ބާރުތައް ނައްތާލައި ފިއްތުންތައް ޖަހައިގެން ބޯޑަރުތަކުގައި ހަރުކަށި ފާރަވެރިކަމެއް ބެހެއްޓި އެވެ. ކަނޑުގެ ސިފައިން ސައިޕްރަސް އެތަނުގެ މައި މަރުކަޒަކަށް ހަދައި، މެޑިޓެރޭނިއަން ކަނޑުން ރޯމަނުންގެ ސިފައިން އަތުލައިގަނެ، މިޞްރާއި ސީރިޔާގެ އައްސޭރިފަށް ދުޝްމަނުންގެ ކިބައިން ސަލާމަތްކުރިއެވެ. ރެހާޖް ފަދަ ސަޖިސްތާނުގެ ޖެހިގެން ހުރި ތަންތަން ފަތަޙަ ކުރެވުނެވެ. ހަމަ އެ އަހަރު އިސްލާމީ ލަޝްކަރުން ބާރޤާ، (އުތުރު އެފްރިކާއާއި ސޫދާނުގެ ތާރީޚީ ސަރަޙައްދު) އިން ކުރިއަށް ފުތޫހާތު ފުޅާކުރިއެވެ.
ޤުސްތަންތީނިއްޔާއަށް ޙަމަލަ ދެއްވުން:
ހިޖުރައިން 50 ވަނަ އަހަރު އަމީރު މުޢާވިއްޔާ ޤައިޞަރު ގެ ބާރުތައް ވަޒަންކުރައްވާ، އަންދާޒާކުރެއްވުމަށްފަހު، ނިންމެވީ ޤައިޞަރު ނުވަތަ ރޯމުގެ ވެރިރަށްކަމުގައިވާ القسطنطينية (Constantinople) އަށް ޙަމަލަދެއްވުމަށެވެ. މި ޙަމަލަދެއްވަން ޤަޞްދުކުރެއްވީ ކަނޑުމަގުންނެވެ. އެއީ ރޯމަނުންގެ ފަރާތުން އަތުވެދާނެ ނުރައްކާތައް ނައްތައިލެއްވުމަށާއި، ނަޞާރާއިންގެ ބާރުތައް ދަށްކުރުމަށެވެ. އަމީރު މުޢާވިޔަތުގެފާނު، ޤުސްތަންތީނިއްޔާއަށް ޙަމަލަދެއްވަން ޢަޒުމުކަނޑައަޅުއްވާ އެވާހަކަ މައްކާ އާއި މަދީނާގައި އިޢުލާންކުރެއްވިއެވެ. ޞަޙާބީންވަނީ މާތް ރަސޫލާގެ ޙަދީޘް ބަސްފުޅެއް އެބޭކަލުންގެ ހިތްޕުޅުގައި ބިންވަޅު ނަންގަވައިފައެވެ. އާދެ މާތް ރަސޫލާ ޙަދީޘް ކުރައްވައިވެއެވެ.
[އަހުރެންގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ޤައިޞަރު އާ ޙަމަލަދޭ މީހުންނަށް މަޣުފިރަތު ދެއްވާނެއެވެ.]
ނަތީޖާއެއްގެ ގޮތުން ޞަޙާބީންގެ ތެރެއިން، ޢަބްދުﷲ ބިން ޢުމަރާއި، ޢަބްދުﷲ ބިން ޒުބައިރުއާއި، ޢަބްދުﷲ ބިން ޢައްބާސްއާއި، ޙުސައިން ބިން ޢަލީއާއި، އަބޫ އައްޔޫބު އަންޞާރީ ފަދަ ދަރަޖަމަތިވެރި ބޭކަލުން މި ލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭކަލުންނަށް މަޣުފިރަތު ލިބިވަޑައިގަންނަވާނެކަމުގެ ޝައުޤުވެރިކަމުގައެވެ. ވަރަށް އަވަސް ފުރުޞަތެއްގައި ބޮޑު ލަޝްކަރެއް ތައްޔާރުވެއްޖެއެވެ. އަމީރު މުޢާވިޔަތުގެފާނު، އެ ލަޝްކަރުގެ ކޮމާންޑަރަކަށް އިސްކުރެއްވީ سفیان بن عوف އެވެ. އަދި މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދުވެސް އެ ލަޝްކަރުގެ އެއްބައިގެ ކޮންމާންޑަރަކަށް ލެއްވިއެވެ.
ބައެއް ރިވާޔަތައްތަކުގައި ވާގޮތުން މިއީ ޤުސްތަންތީނިއްޔާ ފަތަހަ ކުރުމަށްދިޔަ ދެވަނަ ލަޝްކަރެވެ.
މި ލަޝްކަރު ޤުސްތަންތީނިއްޔާއަށް ދިޔައީ ކަނޑުމަގުންނެވެ. އަނެއްބަޔަކު ޤުސްތަންތީނިއްޔާއަށް ދިޔައީ އެއްގަމުމަގުންނެވެ. މުސްލިމުންގެ ލަޝްކަރު ޤުސްތަންތީނިއްޔާއަށް ގޮސް އެ ޝަހަރު ޙިޞާރުކުރިއެވެ. ނަމަވެސް އެ ޝަހަރު ކިއްލާތަކާއި ކޯއްޓޭތަކުގެ ވަރުގަދަކަމުންނާއި، ޤުދުރަތީ ގޮތުން އެ ޝަހަރު އޮތްތަނުގެ ގޮތުން ލިބިފައިވާ ވަރުގަދަކަމެއްގެ ސަބަބުން މުސްލިމުންނަށް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. މުސްލިމު މުޖާހިދުންގެ ތެރެއިން ސިންގާތަކެއްފަދަ ހިތްވަރާއި ފަންވަރުގަދަ އެތައް ބޭކަލުންގެ ޝަހީދުވިއެވެ.
އަބޫއައްޔޫބުލް އަންޞާރީގެފާނުވެސް އަވަހާރަވީ މި ހަނގުރާމައިގެ ތެރޭގައެވެ. ގަދަ ފިނިކަމާއި ގުދުރަތީ ހުރަސްތަކުގެ ސަބަބުން މުސްލިމުންނަށް ޤުސްތަންތީނިއްޔާ ފަތަޙަ ނުކުރެވުނުކަމުގައި ވިޔަސް، އެކަމުގެ ސަބަބުން ވަރަށް މުހިންމު މަޤުޞަދެއް ޙާޞިލުވިއެވެ. އެހެނީ އޭގެފަހުން ރޯމަނުން އިސްލާމީ ބޯޑަރުތަކަށް ޙަމަލަދިނުން ހުއްޓައިލިއެވެ. މުސްލިމުންނާއި ކްރިސްޓިއަނުންނާ ދެމެދު ޚިލާފު އުފެދިފައިވާ ހުރިހާ ސަރަހައްދަކަށްވެސް ޙަމަލަދިނުން ހުއްޓައިލިއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ފުރިހަމަ ބާރުގެ ދަށަށް އެ ސަރަހައްދުތައް އައެވެ.
މީލާދީން 50 ވަނަ އަހަރު އަމީރު މުޢާވިއްޔާ، عقبة بن نافع މިޞްރާއި برقة އާއި ސޫދާނުގެ ކޮމާންޑަރ އިން ޗީފް ކަމުގައި ހެއްދެވިއެވެ. އެކަލޭގެފާނަށް މަދަދު ކުރެއްވުމަށްޓަކައި ދިހަހާސް ސިފައިން ފޮނުއްވައި، ފުތޫޙާތާއިގެން ހުޅަނގުން ކުރިއަށް ވަޑައިގެން އުތުރު އެފްރިކާ ބައްރު ހިއްޕެވުމަށް އެންގެވިއެވެ. އިސްލާމީ ލަޝްކަރު،އެތަނަށް ދާ ކޮންމެ ފަހަރަކު ބަރްބަރީންގެ މީހުން މުސްލިމުންނަށް ކިޔަމަންތެރިވެ، ބޯލަނބައެވެ. ނަމަވެސް މުސްލިމުން އެހެންކަމަކާ މަސްޣޫލުވާއިރަށް ބަޣާބާތްކޮށް އެބައިމީހުން خود مختارކަން އިޢުލާންކުރެއެވެ.
عقبة بن نافع، މިޞްރާއި برقة (Barca) ގެ ތެރެއިން ލައްވައިފައި ކުރިއަށް ވަޑައިގެން ޓިއުނިސް (Tunisia) އާއި طرابلس (Tripolitania) އަށް ވަޑައިގެން މި ހުރިހާ ރައްތަކެއް ހިއްޕެވިއެވެ. ހަމަ އެ އަހަރު مكران (Makran)، (މިޒަމާނުގެ ޕާކިސްތާނާއި އީރާނުގެ އައްސޭރިފަށުގެ ސަރަހައްދު) އާއި بلوشستان (Balochistan) (މިޒަމާނުގެ ޕާކިސްތާނުގެ ހުޅަނގުގެ ޕްރޮވިންސް)، ގެ ޢާމިލު، عبد الله بن سوار އިސްކޮށް ހުންނަވައިގެން ސިންދު، (އިރުދެކުނު ޕާކިސްތާނުގެ ޕްރޮވިންސެއް) އަށް ޙަމަލާދެއްވައި، ސިންދީންނަށް އަދަބުދެއްވިއެވެ. ނަމަވެސް ސިންދީން ތިބީ ޙަމަލައަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެބައިމީހުން ދިން ވަރުގަދަ ޙަމަލާގެ ތެރޭގައި، عبد الله بن سوار ޝަހީދުވެވަޑައިގެންނެވިއެވެ. ނަމަވެސް المهلب بن أبي صفرة ބަދަލުހިއްޕެވުމުގެ ގޮތުން ނުހަނު ފަންވަރާއި ޖޯޝާއެކު ސިންދީނާ ހަނގުރާމަކުރައްވައި ނިންމަވައިލެއްވީ ސިންދުގެ ވަރަށް ބޮޑު ބައެއް ފަތަޙަ ކުރައްވައިފައެވެ.
އަމީރު މުޢާވިޔާތު 16: ޤުސްތަންތީނިއްޔާ ފަތަޙަ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ