މޫސުން ގޯސްވާނެތީ ދަތިތައް ކުޑަކުރަން ސަރުކާރުން މަސައްކަތް ފަށައިފިން: ހީނާ

ކުރިޔަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވުމާއެކު، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ސަރުކާރުގެ މުއައްސަސާތަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. އިއްޔެ މެޓުން ބުނި ގޮތުގައި ރޯދަމަސް ފެށޭއިރު ކުރިއަށް އޮތް ދެ ދުވަހު ވެސް ފުދޭވަރަކަށް މޫސުން ގޯސްވާނެއެވެ. ކަލަންޑަރުގައި ވާގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަށްވާނީ ހޮނިހިރު ދުވަހެވެ. އެއީ، މާޗު އެއްވަނަ ދުވަހެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ. އެއީ، ކަލަންޑަރުގައި ވާގޮތުން ނަމަ ރޯދަ މަހުގެ ތިންވަނަ ދުވަހެވެ. މި ކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވުމާއެކު، އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ޓަކައި ސަރުކާރުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. https://x.com/MvSpokesperson/status/1895439357651374577 އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މާލެއަށް ވެސް ހުއްޓުމެއް ނެތި ވާރޭވެހެމުން ދިއުމާއެކު މަގުތަކުގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފެންހިންހިންދުމުގެ މަސައްކަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެެރިވަމުން އަންނަ ކަމަށް ސިފައިން ވަނީ ބުނެފައެވެ. https://x.com/MNDF_Official/status/1895447167034446128 ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، މެޓުންވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ 20:00 އާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. މެޓުން ބުނީ ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ތިން ފޫޓާ ހަ ފޫޓާ ދެމެދުގައެވެ. މޫސުން ގޯސްވުމާއެކު މެޓުންވަނީ އެ ކަމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ