ރައީސް ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައިފި

އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައިފި އެވެ.ރައީސްއަށް ޔުނިވަރސިޓީ އޮފް ލީޑްސްއިން މަރުޙަބާ ވިދާޅުވީ، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެލެސް ސޯބްލްއާއި ޔުނިވަރސިޓީގެ ހެޑް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހެއި ސުވެއިޔޫއެވެ.މި ޒިޔާރަތުގައި ވަނީ ޔުނިވަރސިޓީ އޮފް ލީޑްސްގައި ހުރި ތައުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.ރައީސް މުއިއްޒަކީ ޔުނިވަރސިޓީ އޮފް ލީޑްސްގެ ފަހުރުވެރި ދަރިވަރެކެވެ. އެމަނިކުފާނު ވަނީ 2009 ވަނަ އަހަރު އެ ޔުނިވަރސިޓީން ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.1904 ވަނަ އަހަރު އުފެދުނު ޔުނިވަރސިޓީ އޮފް ލީޑްސްއަކީ އިނގިރޭސިވިލާތުގެ އެންމެ ނަން މަޝްހޫރު ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒެވެ. މި ޔުނިވަރސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ރިސާރޗްގެ ދާއިރާއިން ފާހަގަކޮށްލެވޭ އަދި ވަރަށް މަޤުބޫލު ޔުނިވަރސިޓީއެކެވެ.ރައީސް އިނިގރޭސިވިލާތަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)އާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ