ދުޢާ - 13
އަރަބި ކިޔަން ނުފަރިތަޔަސް އެއީ ޙަޔާކަން ޒައުލްއަށް ޔަޤީން ކުރެވުނެވެ. އެ ފޮތުގައި ލިޔެފައިވާ، އެއްޗެއް ބަލައިލުމުގެ ޝައުޤުވެރިކަން ޒައުލްގެ ހިތުގައި އުފެދުމާއެކު، އޭނާ އެ ފޮތް ހުޅުވާ ބަލައިލިއެވެ. އެންމެ ފުރަތަމަ ޞަފްޙާގައިވަނީ ބިސްމިއެވެ. ބިސްމީގެ ތިރީގައި، ބިސްމީގެ މާނަ އިނގިރޭސިން ލިޔެފައި ވެއެވެ. ޝައުޤުވެރިކަން ހިތަށް ވެރިވެ ޒައުލް ޞަފްޙާ އެއްލިއެވެ. އެއާއެކު އޭގައި ދިވެހިން ލިޔެފައި އޮތް ތަންކޮޅު އޭނާ ކިޔައިލިއެވެ. ޤުރުއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ އެއަށް ކަނުލާ އަޑު އެހުމަށާއި، އެއީ ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައި ކަމުގައި ލިޔެފައިވާ ތަނުގެ ފަހަތުގައި އައުރާފް ސޫރަތުގެ 204 ވަނަ އާޔަތުގެ މާނަ ޖަހާފައި އޮތުމުން އެއީ ވެސް ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަކަން ޒައުލްއަށް ފަހުމްވިއެވެ. އޭގެ ފަހަތުގައި އަނެއްކާވެސް އިތުރު ސޫރަތެއްގެ އާޔަތެއްގެ މާނަ ލިޔެފައިވެއެވެ. މިފަހަރު ލިޔެފައި އޮތީ ބަޤަރާ ސޫރަތުގެ ދެވަނަ އާޔަތުގެ މާނައެވެ. އެ އާޔަތުގައި ޤުރުއާނަކީ ތަޤްވާވެރިންނަށް ހުރި ހިދާޔަތެއްކަމުގައި ބަޔާންކުރައްވާފައިވާތީ ޒައުލްއަށް ވިސްނަން ހުރެވުނެވެ. އެގޮތަށް ޤުރުއާނުގެ އާޔަތްތަކުގެ މާނަ ލިޔެފައި ހުންނަންވީ ސަބަބެއް ޒައުލްއަކަށް ނުވިސްނުނެވެ. އޭނާއަށް ޝައުޤުވެރިކަމުގައި އެފޮތަށް ބަލަހައްޓައިގެން ހުރެވުނެވެ. މިސްކިތުން ޤުރުއާން އަޑު އިވުމުން ބިރުގަތް ހަނދާންވުމާއެކު ޒައުލްއަށް ދެބުމަ ގާތްކޮށްލެވުނެވެ. ފޮތުން ނަޒަރު ވަކިކޮށްލަމުން އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ލިބޭކަމުގައި މީހުން ބުނާތީ އޭނާ އަޑު އަހައެވެ. އެހެންނަމަވެސް، އޭނާއަށް ވަނީ ތަފާތު ގޮތެކެވެ. ބިރުގަންނަނީއެވެ. ހިތް ބާރުބާރަށް ތެޅެނީއެވެ. ޒައުލް ޤަބޫލުކުރަން ބޭނުންވީ އެއީ ޤުރުއާން އަޑު އެހުމުން އޭނާއަށް ވާ ގޮތެއް ކަމުގައެވެ. އޭރު އޭނާއަށް ނޭނގުނުކަމަކީ އެ ބިރުގެ އަސްލަކީ ޣާފިލްކަމުން ބަދެވިފައިވާ ހިތަށް ހައްޤުގެ އަޑު އިވުމުން، ހުރެވުނީ ރަނގަޅު ރާސްތާގައި ނޫންކަން އެނގި ގަންނަ ބިރެއް ކަމުގައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ހައްޤާއި ބާތިލް އޭނާއަށް ވެސް ވަކިކުރަން ދަސްވާނެކަމެވެ. ޒައުލް އެ ފޮތަށް ބަލަމުން ދިޔައެވެ. އޭގައި އާޔަތްތަކުގެ މާނައާއި، އަދި އެހެނިހެން މުހިންމު މައުލޫމާތުތައް ހިމަނާފައި ހުރުމުން، އެއީ ކުދިންތަކަށް ކިޔަވައިދޭން ނުވަތަ އަމިއްލައަށް ކިޔަވަން ތައްޔާރުކޮށްފައިވާ ނޯޓުތަކެއްކަން ޒައުލްއަށް އެނގުނެވެ. އޭނާ އަޖައިބުވީ އެ ފޮތުގައި ލިޔެފައިވާ އާޔަތްތަކުގެ މާނައިގެ ފުންކަން ހިތަށް ތަޞައްވަރު ކުރެވުމުންނެވެ. އެހެން ނުވާންވީވެސް ކިހިނަކުން ހެއްޔެވެ؟ އެއީ މަތިވެރި ވެގެންވާ ޤުރުއާނެވެ. ޤިޔާމަތާ ޖެހެންދެން އެއާ އެއްފަދަ ފޮތެއް ކީއްކުރަން އާޔަތެއްވެސް ނުގެނެވޭނެކަމަށް ހަތް އުޑުމަތީން ﷲ އަންގަވާ ބަޔާންކުރައްވާފައިވާ ޤުރުއާނެވެ. އެ ޤުރުއާނުގެ މޫރިތި އާޔަތްތަކާއި މާނައިން ހިތަށް އަސަރުކުރުވައެވެ. އެހެން ހުރިއިރު އެ ފޮތް އެކީ ކިޔާލުމަށް ޒައުލްއަށް އޭނާގެ ޒަމީރު މަޖުބޫރުކުރުވަމުން ދިޔައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެ ފޮތް ގެންދަން އޭނާގެ ހިތް އެދުނެވެ. ދެފަރާތަށް ބަލައިލެވުނީ އިތުރު މީހަކު ހުރިތޯއެވެ. ނަސީބަކުން މީހަކު ފެންނާކަށް ވެސް ނެތެވެ. ނުބުނެ އެ ފޮތް ގެންދިޔުމަކީ ބޭނުންވި ގޮތް ނޫންކަމަށް ވިޔަސް، ޒައުލް އަމަލުކުރީ އޭނާގެ ހިތް އެދުނު ގޮތަށެވެ. ވެއްޓުނު ހުރިހާ އެއްޗެއް މޭޒުމައްޗަށް ލުމަށްފަހު، ހައިޝަމް ކުރަހާފައިވާ ގަނޑާއި، އެ ފޮތް ހިފައިގެން އޭނާ ގޮސް ކެބިން އިން ނުކުތެވެ. އަދި ނިކަން އަވަސް އަވަހަށް އޭނާގެ ކެބިންއާ ދިމާލަށް ހިނގައިގަތެވެ. އަމިއްލަ ކެބިންއަށް ވަނުމަށްފަހު ގޮނޑީގައި ހަމަޖެހިލުމަށްފަހު، ޒައުލް، އެ ފޮތް ހުޅުވައިލިއެވެ. އެހިނދު ހުއްޓުން އަރާފައި އޭނާއަށް މިފަހަރު އިނދެވުނީ އޭގައި އެވަނީ ޙަޔާގެ އަތުގެ ލިޔުންކަމުގައި އޭނާގެ ސިކުނޑި އަންގައިދިނުމުންނެވެ. އަރަބި ލިޔުމާ އެއްވަރަށް ދިވެހި ލިޔުންވެސް އެހާ ފުރިހަމަވެފައި ރީއްޗެވެ. ޒައުލްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެސް ވެރިވިއެވެ. އެ ހިނދު އޭނާގެ އެސްފިޔަތަކުގެ ދޭތެރެއިން ޙަޔާގެ ސޫރަ ފެނިލިހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރައިލަމުން، ޒައުލް ހަމަޖެހިލިއެވެ. އޭނާ ފޮތް ހުޅުވައިލިއިރު ކުރިމަތީން ފެންނަމުން ދިޔަ ސަފްޙާގައި އޮތީ ކަލަކުވާކަން ޤަބޫލުނުކުރާ މީހުންނަށް ރައްދު ޖަވާބު ދޭނެ ގޮތާ ބެހޭގޮތުން، ޙަޔާ ލިޔެފައިވާ ކުޑަ މަޒުމޫނެއް ކަހަލަ ލިޔުންކޮޅެކެވެ. އޭގެ ވަކިވަކި ހިސާބުތަކުގައި ކީރިތި ޤުރުއާނުން ހެކި ދައްކާފައިވާއިރު، ސައިންޓިސްޓުންނަށް ދާދިފަހުން އެނގިފައިވާ ޙަޤީގަތްތައް ކީރިތި ޤުރުއާނުގައި މީގެ ސާދަސަތޭކަ އަހަރުކުރީން ﷲ ބަޔާންކޮށްދެއްވާފައިވާ ކަމުގައި ލިޔެފައި ހުއްޓެވެ. އޭގެ ބައެއް މިސާލުތައްވެސް ޕޮއިންޓު ފޯމުތަކަށް ލިޔެފައި ހުއްޓެވެ. ކާއިނާތުގެ ވާހަކަތަކާއި، ދުނިޔޭގެ އެކި އެކި ވާހަކަތައްވެސް ހުއްޓެވެެ. އެ ހުރިހާ ވާހަކައެއް ލިޔެފައި، އިންސާނާގެ ބުއްދި ބޭނުންކޮށްގެން ވިސްނާލުމުން އެކަނިވެސް ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުކުރެވޭނެ ކަމުގައި ލިޔެފައި އޮތެވެ. ކިޔަމުންދިޔަ ވަރަކަށް ޒައުލްގެ ހިތް އިތުރަށް ޝައުޤުވެރިވުން ނޫންކަމެއް ނުވިއެވެ. އެ ހިތް ބޭނުންވާ ކަންތައްތައް އެހިތައް ވެސް ފަހުމްވެފައިވާ ފަދައެވެ. އެހެންނަމަވެސް، އެކަމުން ރެކިގަންނަން ޒައުލްގެ ސިކުނޑިއަށް ޝައިޠާނާ ސަވާރުވިއެވެ. ފޮތް ލައްޕައިލުމާއެކު، މޭޒުމަތީގައި ބާއްވަމުން އެތަނުގައި ހުރި ފެންތަށި ނަގާ އެއްނޭވާއެއް އޭނާއަށް ހުސްކޮށްލެވުނެވެ. އެ ފޮތުގައި ލިޔެފައިވާ ވާހަކަތަކުން އޭނާއަށް އަސަރުކުރީއެވެ. އިތުރަށް ކިޔުމަށް ހިތް އެދި ގޮވަން ފެށި ގޮވުމަށް ޒައުލްއަށް ފުރަގަހެއް ނުދެވުނެވެ. އަނެއްކާވެސް އޭނާ ފޮތް ނަގާ ހުޅުވައިލިއެވެ. މިފަހަރު ކުރިން ކީ ހިސާބަކުން ވެސް ނޫނެވެ. މެދު ތެރެއިން އެއްލި ސަފްޙާގައި އައް ރަޙްމާން ސޫރަތުގެ އާޔަތްތަކާއި މާނަތައް ލިޔެފައި ހުއްޓެވެ. ޒައުލް ހަމައެކަނި ކީ މާނައެވެ. އަރަބި ކިޔަން ނުފަރިތަކަމުން އޭނާ އެ ޚިޔާލު ދޫކޮށްލީއެވެ. މާނަތަކުގެ ފުންކަމާއި، ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ހަޤީގަތްތަކުގެ ކުޑަ މިންވަރެއް ޒައުލްގެ ހިތަށް ފަހުމްވިއެވެ. އެންމެ ބޮޑު އަސަރެއް ޒައުލްއަށް ކުރީ އައްރަޙްމާން ސޫރަތުގައި، ތަކުރާރުކޮށް އައިސްފައިވާ އާޔަތަކުންނެވެ. އެ އާޔަތުގެ މާނައިގައި " (އޭ ޖިންނީންނާއި އިންސީންނޭވެ!) ފަހެ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ ތިޔަ ދެބައި މީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮން ކޮން ނިޢުމަތްތަކަށް ހެއްޔެވެ؟" ވާ ބަސްކޮޅުގެ ފުންކަމާއިމެދު މެދު އޭނާއަށް ވިސްނަން އިނދެވުނުއިރު އެ އާޔަތުގެ މާނަ ކިޔައިލާ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ފާޑަކަށް ފިނިވެލައެވެ. ސޫރަތުގެ މާނަ ކިޔަމުން ދިޔައިރު އޭނާގެ ހިތުގެ ހިނގުމަށް ބަދަލު އާދެއެވެ. އެންމެފަހުން، ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަދެ ދެއަތް ވެސް ތުރު އަޅަން ފެށިއެވެ. ފޮތް ލައްޕާލުމަށްފަހު، އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ގޮނޑީގައި ލެނގިލުމާއެކު ހަނދާނަށް އަންނަން ފެށީ ރާއްޖެ އައިސްސުރެ މިއަދާ ހިސާބަށް އޭނާއަށް އަޑު އިވިފައި ހުރި ވާހަކަތަކާއި، ނަސޭޙަތްތަކެވެ. ***** ޖެހިގެން އަދި ދުވަހުގެ ހަވީރުގެ ވަގުތެވެ. ކޮޓަރީގައި ހުރި ޙަޔާ ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. ސައިޑް ކަބަޑާއި އޭނާ ކިޔަވަންއިންނަ މޭޒުގެ އިތުރުން އަލަމާރިއާ ޑްރެސިން ޓޭބަލް ވެސް އޭނާ ބަލައިފިއެވެ. އެކަމަކު އެ ހޯދާ އެއްޗެއް ނުފެނުނެވެ. އެންމެފަހުން ކޮޓަރިން ނުކުމެގެން ގޮސް ސިޓިން ރޫމުގެ އެކި ތަންތަންވެސް ހާވަން ފެށިއެވެ. ޓީވީ ރެކާއި، ފޮތް އަޅާ ކަބަޑު ހޭވިއިރުވެސް އެ ހޯދާ އެއްޗެއް ފެންނަކަމަކަށް ނުވިއެވެ. "އަޅެ އެ ފޮތް ލެވުނީ ކޮންތާކަށްތަ؟ އެންމެފަހުން ހަނދާންވަނީ މި މޭޒުމަތީގައި ބޭއްވުނު ހަނދާނޭ…" ޙަޔާއަށް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ބުނެވުނެވެ. އޭނާ އެ މަސައްކަތުގައި އުޅެނިކޮށް، ހައިޝަމް އައިސް ގެއަށް ވަނެވެ. "ޙަޔާ. ކޯންޗެއް ތި ހޯދަނީ؟ ޑޮކްޓަރު ބުންޏެއްނު ބުރަކޮށް ނޫޅޭށޭ." ކަންބޮޑުވުމާއެކު ހައިޝަމްއަށް ބުނެވުނެވެ. އޭނާ ކުޑަކޮށް ހިތްހަމަވެސް ނުޖެހުނީ ޙަޔާއާ މެދު ކަންބޮޑުވެފައިވާތީއެވެ. ކިރިޔާ ތެދުވެވޭ ވަރުވި ނަމަވެސް ޙަޔާ އޮށޯވެގެން ނޯންނާނެއެވެ. "ފޮތެއް. އަހަރެން ގެންގުޅޭ ފިޔާތޮށި ކުލައިގެ ފޮތް ދުށިންތަ؟" ޙަޔާ ސުވާލުކޮށްލިއެވެ. "ނޫން. ދޮންބެ ނުދެކެން." ހައިޝަމް ބުނެލިއެވެ. "ކޮޓަރީގައި ނެތްތަ؟" ހައިޝަމް ބޫޓު ބޭލުމަށްފަހު، ހަރުގަނޑަށް ލަމުން އަހައިލިއެވެ. "ނެތޭ. ވަރަށް ހޯދައިފިން. ހާދަ ދެރައޭ…" ޙަޔާއަށް ބުނެވުނެވެ. "އޭގައި ހުންނާނެ އަަހަރެން އިސްލާމާއި ޤުރުއާން ކިޔަވައިދޭން ވެގެން ހެދި ނޯޓްސްތަކާއި އަދި ކޯހުގައި އުޅުނުއިރު ހަދާފަހުރި ނޯޓްތައްވެސް." ޙަޔާ ބުނެލިއެވެ. "ކާކު ތި ފޮތް ގެންދާނީ. މީހަކުވެސް ނާދެއެއްނު." ހައިޝަމް ބުންޏެވެ. އެއާއެކު މަސައްކަތް މަޑުޖައްސައިލަމުން ޙަޔާ ދެ އަތް އުނަގަނޑުގައި ވިއްދައިލިއެވެ. "އެއްކަހަލަ ވިރުދާނާ ދައްތަގެ ދަރިފުޅު ވެސް ކިޔަވަނީ އިސްލާމިކް ސްޓަޑީސް. އެއްޗެއް ނޭނގިގެން އެހީމަ ކިޔައިދީފަ، އެ ފޮތުގައި ހުރި ނޯޓްސް ތަކުގެ ފޮޓޯއެއް ނަގާލާފަ ފޮނުވާލަންވެގެން މި ހޯދާލީ. އެކަމަކު ނުފެނުނު." ޙަޔާ މާޔޫސްވާގޮތްވިއެވެ. "ދޮންބެ މި މޭޒުމަތީން އެއްވެސް އެއްޗެއް ގެންދިޔައިންތަ؟" ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ޙަޔާއަށް ސުވާލުކޮށްލެވުނެވެ. އިއްޔެ ނޫން ކުރިން ދުވަހު އެތަނުގައި ހައިޝަމް ބެހެއްޓި އެއްޗެހިތަކެއް ހުއްޓެވެ. އަދި އިއްޔެ އެ އެއްޗެހި ގެންދިޔަ ހަނދާންވެސް އޭނާ ވިއެވެ. "މިތަނުގައި ހުރި ދޮންބެގެ އެއްޗެހިތަކެއް ގެންދިޔައީ. ޙަޔާގެ ފޮތެއް އަޅައެއް ނުގަނެ." ހައިޝަމް ބުނެލިއެވެ. "އެންމެފަހުން މިތަނުގައި ބޭއްވި ހަނދާން ވަނީ. އަޅެ ދޮންބެއަށް ގެންދެވުނުތޯ ޗެކްކޮށްލައްޗޭ." ޙަޔާ އެދުނެވެ. "މިއަދުވެސް އެ ހުރިހާ އެއްޗެއް ބަލަން އިނދެފަ މިއައީ. ތި ބުނާ ފޮތެއް ނެތް. އެކަމަކު މާދަން ގޮސްވެސް ބަލައިލާނަން އިނގޭ. އިންޝާ ﷲ. ހަނދާންކޮށްލަދެއްޗޭ….. " ހައިޝަމް ބުނެލިއެވެ. "ކައިފިންތަ؟" "ނޫން. ދޮންބެ އަންނަންދެން މަޑުކޮށްގެން މިހުރީ. ހިނގާ ކާން ދާން." ޙަޔާ އެދުނެވެ. "މި އަންނަނީ ފެންވަރާލައިގެން." އެހެން ބުނެލާފައި، ހައިޝަމްވެސް ކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާފައި ތާޒާ ވެލައިގެން ނުކުތެވެ. "ކެއުމުގެ ކުރިން ކާން ދީފަ ހުރި ބޭސް ކައިފިންތަ؟" ހައިޝަމް ސުވާލުކޮށްލުމުން އާއެކޭ ބުނެ ޙަޔާ ބޯ ޖަހައިލިއެވެ. "ބޭހަށް ފަރުވާ ކުޑަ ނުކުރައްޗޭ ޙަޔާ." ކާގެއަށް ގޮސް ގޮނޑި ދަމާލާފައި އިށީންނަމުން ހައިޝަމް އެދުނެވެ. ޙަޔާއަށް ގޮތެއް ވެއްޖެނަމަ އޭނާ ވަރަށް އެކަނި ވެރިވާނެއެވެ. ދުޢާ އަކީ އަދި އުންމީދަކީވެސް މާތް ﷲ ވީ އެންމެ އަވަހަކަށް ޙަޔާއަށް ޝިފާ ދެއްވުމެވެ. ކައިނިމިގެން ޙަޔާ ތަށިތައް ދޮންނަން އުޅުމުން ހައިޝަމް އެކަން މަނާކުރިއެވެ. "ޙަޔާ މަޑުކޮށްލާ. ދޮންބެ ތިކަންތައް ކޮށްލަފާނަން." ޙަޔާ ހުރީ ވަރަށް ވަރުބަލިވެފައިކަން އެނގި ހައިޝަމް ތަށިތައް ހިފައިގެން ސިންކު ދޮށަށް ގޮސް ހުއްޓުނެވެ. "ގެނޭ އަހަރެން އަތަށް. ތީ މާ ބުރަ ކަމެއް ނޫނެއްނު. އަހަރެން ތިކަންތައް ކޮށްލަފާނަމޭ." ޙަޔާ ބުނެލިއެވެ. އެހެންނަމަވެސް، ހައިޝަމް ބުނީ އެއީ އެވަރުކަމެއް ނޫންކަމުގައެވެ. އޭނާއާ މެދު ހައިޝަމް އަޅައިލާ މިންވަރު ފެނި، ޙަޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވުމާއެކު، އެފަދަ ބޭބެއެއް ދެއްވިކަމަށްޓަކާ އޭނާ، ﷲ އަށް ޝުކުރު ކުރިއެވެ. "ދޮންބޭ. " ހައިޝަމް ތަށިތައް ދޮވެފައި އެނބުރިލުމުން ޙަޔާ ގޮވައިލިއެވެ. ހައިޝަމް އާއެކޭ ބުނުމުން ޙަޔާ ވާހަކަ ދައްކަން ފެށިއެވެ. "ދޮންބެއަށް އެނގެއެއްނު ފަރުވާ ފެށުމަށްފަހު، އަހަރެން ކިޔަވައިދިނުން ހުއްޓައިލިކަން. ރަނގަޅު ވެލަންދެން މަޑުޖައްސައިލީ…." ޙަޔާ ހުއްޓައިލުމަށްފަހު، ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު ވިސްނައިލިއެވެ. "އާނ… އަނެއްކާ ކިޔަވައިދޭން ފަށަން ބޭނުންވަނީތަ؟" ހައިޝަމް ސުވާލުކޮށްލިއެވެ. "އެ ގޮތަށް ކްލާސްތައް ނަގައިދޭނެ ހިތްވަރެއް އަދި ނެތް. އެކަމަކު… މިގޭ ތިރީގަ އުޅެއެއްނު، އަފީފާއެއް؟ އޭނަގެ ހުރެއެއްނު ގްރޭޑް ނުވައެއްގެ އުޅޭ އަންހެން ކުއްޖެއް." ޙަޔާ ބުނެލިއެވެ. "ނޫރާތަ؟" ހައިޝަމް އަހައިލިއެވެ. "އާނ. އިސްލާމުން ވަރަށް ދަށްކޮށް ނަތީޖާ ލިބުނު ކަމަށްވަނީ، އަފީފައްތަ ބުނި ނޫރާއަށް އިސްލާމް ކިޔަވައިދެވިދާނެހޯ؟ އަހަރެން ބަލިވެ އޭ ބުނީމަ ބުނީ އެންމެ ރަނގަޅޯ އެހެންވިއްޔާ. ޓިއުޝަން ކްލާހަކަށް ލާނީއޭ. މިއަދު ނޫރާ ފެނިގެން ސުވާލުކުރީމަ ބުނީ، އަފީފާއްތަ ފިރިމީހާ ޝަކޫރުބޭގެ ވަޒީފާ ގެއްލިގެން ވަރަށް ދަތި ވާހަކަ. އެހެންވެ ޓިއުޝަނަށް ނުދެވޭ ވަހަކަ…. އަހަރެން ހިތަށް މިއަރަނީ ނޫރާއަށް ކިޔަވައިދޭންވިއްޔޭ. " ޙަޔާ ބުނެލިއެވެ. "ޙަޔާއަށް ވާނެތަ؟ އަދިވެސް ކިހާ ބަލި." ހައިޝަމް އެ ސުވާލުކޮށްލީ ޙަޔާއަށް އިތުރު ވަރުބަލިކަމެއް ލިބެން ބޭނުން ނުވާތީއެވެ. "އެހާ ބުރައެއް ނުވާނެއެއްނު. " ޙަޔާ ބުނެލިއެވެ. އޭނާ އަކީ މީހުންނަށް އެހީވުމުގައި ވެސް ނަމޫނާއެކެވެ. "އެހެން ނޫނަސް އެކަނި އަބަދު އިންނަން ވުމުން ވެސް ވަރަށް ފޫހިވޭ." "ޙަޔާއަށް ފެންނަ ގޮތެއް. އެކަމަކު އެހާ ބުރަކޮށް ނޫޅޭތި." ހައިޝަމް ބުނެލިއެވެ. "އިންތާ އިނދެނެގެއްނު ކުރާކަމެއް ކުރާނީ. މި ދަނީ މެރަތަންއެއް ދުވާކަށް ނޫނެއްނު." ޙަޔާ މަޖަލަކަށް ބުނެލިއެވެ. އެއާއެކު ހައިޝަމްއަށް ވެސް ލުއިކޮށް ހީނގަނެވުނެވެ. އޭނާއަށް ޙަޔާއަށް ބަލައިލެވުނީ ފަޚުރުވެރިކަމާއެކުގައެވެ. އެ ހުރިހާކަމަކާއެކުވެސް ޙަޔާގެ އުންމީދަށް ބަދަލެއް ނާދެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ