ތިލަދުންމަތީ ސްކޫލުތަކުގެ ފެތުމުގެ މުބާރާތުގެ ރަންވަނަތަކެއް ހއ. އަތޮޅު ތައުލީމީ މަރުކަޒަށް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން، ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުޅިވަރުގެ ވުޒާރާ އާއި ތަޢުލީމީ ވުޒާރާގެ އެހީތެރިކަމާއެކު ބޭއްވި ތިލަދުންމަތީ ސްކޫލުތަކުގެ ތިންވަނަ ފެތުމުގެ މުބާރާތުގެ ރަންވަނަތައް ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އެ މަރުކަޒުގެ ދަރިވަރުން ހޯދައިފިއެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ވަނީ މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިން އެއްވަނަ ސްކޫލުގެ ފަޚުރުވެރި މަގާމު ހޯދާފައެވެ. މިއީ މި މުބާރާތުގައި ވިދިވިދިގެން ތިން އަހަރު މި ދެ މަގާމުގެ ޝަރަފު ހޯދައި، ވަނަ ދިފާއުކުރި ހަމައެކަނި ސްކޫލު ވެސް މެއެވެ. މީގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ޖޫނިއާ ގުރޫޕް އޭ ކެޓަގަރީން ފިރިހެން އަދި އަންހެން އެއްވަނަ ސްކޫލުގެ މަގާމު ހޯދުމުގެ އިތުރުން ޖޫނިއާ ގުރޫޕުގެ ބީ ކެޓަގަރީން ފިރިހެން އެއްވަނަ ސްކޫލާއި ސީނިއާ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން އެއްވަނަ ސްކޫލުގެ މަގާމު ހޯދާފައެވެ. އެއާއެކު ސްކޫލުގެ ދަރިވަރުން ވެސް ވަނީ މުބާރާތުގެ އެކި ކެޓަގަރީތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ފެތުންތެރިންގެ މަގާމު ހޯދާފައެވެ. މުބާރާތުގެ 14 އަހަރުންދަށް، 16 އަހަރުންދަށް، 18 އަހަރުންދަށް އަދި 20 އަހަރުންދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް، ތިލަދުންމަތީ އުތުރުބުރިއާއި، ތިލަދުންމަތީ ދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރީގެ ސްކޫލުތަކަށް އަމާޒުކޮށްގެން މި މުބާރާތް ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައެވެ. މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ޖުމުލަ 16 ސްކޫލަކުން 308 ދަރިވަރުން ވާދަކޮށް، 1280 އިވެންޓު ފުރިހަމަކުރި މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ތަށި ދިނުމާއި ސްކޫލުތަކަށް ތަށި ދިނުމަށް ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ސްވިމިން އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު އަދި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާއި ސްކޫލުތަކުގެ ވެރިންނާއި މުބާރާތުގައި ވާދަކުރި ސްކޫލުތަކުގެ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ކޯޗުންނާއި އޮފިޝަލުންނާއި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ބައިވެރިވިއެވެ. ތިލަދުންމަތީ ސްކޫލުތަކުގެ ތިން ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން އެއްވަނަ ފެތުންތެރިޔާގެ މަގާމު ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙްމަދު އަލްޔާން ބިން ޢަބްދުﷲ އެވެ. މި ކެޓަގަރީގެ އަންހެން އެއްވަނަ ހޯދި ފެތުންތެރިއަކީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޠިމަތު ސުމޫހާ މުނައްވަރެވެ. ޖޫނިއަރ ބީ ކެޓަގަރީން ފިރިހެން އެއްވަނަ ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މިހުދާދު ޢަބްދުލް މައްނާނު އެވެ. މި ގުރޫޕުގެ އަންހެން އެއްވަނަ ފެތުންތެރިއަކީ ށ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް މީރާ އަޒުމީރެވެ. މުބާރާތުގެ ސީނިއާ ކެޓަގަރީގައި ވާދަކުރި ފެތުންތެރިންގެ ތެރެއިން ފިރިހެން އެއްވަނަ ފެތުންތެރިއަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢަލީ ސާއީ ސަޢުދުﷲ އެވެ. މުބާރާތުގެ ޖޫނިއާ ދެވަނަ ސްކޫލަކަށް ހޮވުނީ ޢަފީފުއްދީން ސްކޫލެވެ. ތިންވަނައަށް ދިޔައީ ނައިވާދޫ ސްކޫލު އަދި ށ. އަތޮޅު މަދަރުސާއެވެ. މުބާރާތުގެ ސީނިއާ ދެވަނަ ސްކޫލަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ. ތިންވަނައަށް ހޮވުނީ ހަނިމާދޫ ސްކޫލެވެ. މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން ސްކޫލުތަކުގެ ވަކިވަކި ކެޓަގަރީތަކުގެ ވަނަތަކަށް ބަލާއިރު ޖޫނިއަރ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން ދެވަނަ ސްކޫލުގެ މަގާމު ހޯދީ ނައިވާދޫ ސްކޫލެވެ. ތިންވަނަ މަގާމު ހޯދީ ޅައިމަގު ސްކޫލެވެ. ޖޫނިއާ އޭ ބައިގެ އަންހެން ކެޓަގަރީން ދެވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ މަކުނުދޫ ސްކޫލެވެ. ޖޫނިއާ ބީ ކެޓަގަރީން ފިރިހެން ދެވަނަ ހޯދީ ނައިވާދޫ ސްކޫލެވެ. ތިންވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ. ޖޫނިއަރ ބީ ކެޓަގަރީން އަންހެން ދެވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ ށ. ފުނަދޫ ސްކޫލެވެ. ސީނިއާ ކެޓަގަރީ ފިރިހެން ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ. ކުރިއަށް އޮންނަ އަހަރު މި މުބާރާތުގައި އޯޕަން ވޯޓާ ސްވިމިން އިތުރުކޮށް މުބާރާތުގައި ބައިވެރިވާ ސްކޫލުތަކުގެ ވަނަ ހޮވާއިރު، އަތޮޅުތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ސްކޫލު ހޮވާނެކަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސްވިމިން އެސޯސިއޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ