ކަލާ ފެނިލުމުން... 58

އަޒްލަފްގެ އިންތިޒާރުގައި މައުވާ އެހެން އިންދާ އެންމެފަހުން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަތުގައި އޮތް ލީފްލެޓުން ނަޒަރު ވަކިކޮށްލުމަށްފަހު، މައުވާ ދޮރާ ދިމާލަށް ބަލައިލިއެވެ. އެތެރެއަށް ވަނީ އޭނާ ނުދަންނަ އަންހެނެކެވެ. ލާފައިހުރީ ކަޅުދިގު ދޫ އަބާޔާ ހެދުމެކެވެ. އަޅާފައިހުރި ބުރުގާވެސް ހުރީ ކަޅުލުލައިންނެވެ. ބުރުގާ ބޮޑުކޮށް އަޅާފައި ހުރި ގޮތުން އޭނާގެ ހަށިގަނޑުގެ ވަނާތައް ހާމައެއް ނުވެއެވެ. ކުޑަކޮށް ހައިރާންވިނަމަވެސް، އޭނާ ހިނިތުންވުމެއް ރައްދުކޮށްލީ އޮޅިގެން ވަދެވުނު މީހެކޭ ހިތާއެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ފޯނުގައި އިން ގަޑިއަށް އަވަސް ނަޒަރެއް ދެވުނެވެ. އެތެރެއަށް ވަތް ރިސާމާއަށް ވެސް މައުވާ ފެނުމާއެކު މަޑުޖެހެވުނެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. ތުންފަތް މައްޗަށް ވެރިކޮށްލި ހިނިތުންވުމުން ވާން އުޅޭ އެއްވެސް ކަމެއްގެ ހިލަން އެ އަންހެން ކުއްޖާއަށް ނުވާކަން ރިސާމާއަށް ދެނެގަނެވުނެވެ. އެތައް ޖަޒުބާތުތަކެއް އޭނާގެ ހިތުގައި އުފަންވެގެން ދިޔައީ ކުރިމަތީގައި އެއިނީ އޭނާ ބަނޑުއަޅައި ވިހޭ ފިރިހެން ދަރިފުޅުގެ ސަބަބުން އެ ކުއްޖެއްގެ ދިރިއުޅުން ހަލާކުވި އަންހެން ކުއްޖާއެވެ. ދިރިއުޅުމުގެ ދެ އަހަރު ބޭކާރުވެގެން ދިޔަ އަންހެން ކުއްޖާއެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރެވުނު ސަބަބަކީ އެއީއެވެ. ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް ހުރިނަމަވެސް، އެ ހުރިހާ ވާހަކައެއް ދައްކާނީ ކޮން ދުލަކުން ބާއޭ ރިސާމާގެ ހިތަށް އަރަމުން ދިޔަލެއް ބޮޑުކަމުން އޭނާގެ މޭގައި ވެސް ތަދެއް އުފެދުނެވެ. އެހެންނަމަވެސް މިހާ ހިސާބަށް އައިސްފައި އަނބުރާ ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އަޒްލަފް އޭނާއަށް އެ މަގު ފަހިކޮށްދިނީ އޭނާގެ އާދޭސްތަކުގެ ސަބަބުންނެވެ. ޑޮކްޓަރަކަށްވެ ހުރެ އަޒްލަފް ކަންތައް އެކުރީ ރަނގަޅުގޮތަކަށް ނޫންކަން ޚުދު ރިސާމާގެ ޒަމީރުވެސް ޤަބޫލުކުރެެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް މި ނޫނީ އިތުރު ގޮތެއް ނެތެވެ. މައުވާގެ ސަބަބުން އަފްނާން ރެއާ ދުވާލު އަޅާ ކަރުނަތަކާއި އެ އުފުލާ ވޭން ބަލަހައްޓައިގެން ހުންނަން އޭނާގެ މައި ލަގޮނޑިއަކަށް ކެތެއް ނުވެއެވެ. ލަދުވެތިކަމުގެ އަސަރު ރިސާމާއަށް ވެރިވަމުން ދިޔަނަމަވެސް، އޭނާ މިއަދު މައުވާގެ ގާތަށް އައުމަށް މަޖުބޫރުކުރުވީ އޭނާ އަފްނާން ދެކެވާ ލޯތްބެވެ. އަފްނާންއަށް ދެރަގޮތެއް ވާން ނޭދޭ ނޭދުމާއި، އަފްނާންއަށް ހެޔޮގޮތްވުމަށް އެދެވޭ އެދުމެވެ. ރިސާމާ މަޑުމަޑުން ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ. ރިސާމާއަށް ބަލައިލުމަށްފަހު، މައުވާ ދޮރާ ދިމާލަށް ބަލައިލީ އަޒްލަފް އަދިވެސް ނާންނާތީއެވެ. އެއްޗެއް ނުބުނެ ރިސާމާއަށް މަޑުޖެހެވުނެވެ. ސިކުނޑީގެ އެތެރޭގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ ސަބަބުން، ސިކުނޑި ހާސްވާން ވެސް ފެށިއެވެ. މައުވާ ތެދުވެލަން އުޅުނު ވަގުތު، ސިހުނީ އޭނާގެ ކައިރީގައި އިށީން އަންހެން މީހާ އޭނާގެ ނަމުން ގޮވާލުމާއެކުގައެވެ. "މައުވާ، ދޯ…" މައުވާ އޭނާއަށް އިވުނު އަޑު ޔަޤީން ނުކުރެވޭ ފަދައަކުން ބަލަން ފެށުމުން ދެވަނަ ފަހަރަށް ރިސާމާ އޭނާގެ ދުލުން މައުވާގެ ނަން ތަކުރާރުކޮށްލިއެވެ. ހައިރާންވެފައި މައުވާ އާއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "ކިހިނެއްތަ؟" ރިސާމާ އޭނާގެ ތަޢާރަފެއް ދިނުމުގެ ކުރިން ސުވާލުކޮށްލިއެވެ. "ރަނގަޅު…" އަދިވެސް ވާނުވާ ނޭނގޭ ޙާލުގައި އިން މައުވާ އެ ސުވާލަށް ޖަވާބު ދިނެވެ. އޭރު އަޒްލަފް ކޮބާބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާވެސް ދޮރާ ދިމާލަށް ބަލައިލެވުނީ އެހެންވެގެންނެވެ. "މީ… އަފްނާންގެ މަންމަ… ރިސާމާ." ރިސާމާ އެންމެފަހުން އޭނާގެ ތަޢާރަފެއް ދިނެވެ. އެއާއެކު މައުވާއަށް ދެލޯ ބޮޑުކޮށްލަމުން ރިސާމާއާ ދިމާލަށް ބަލައިލެވުނެވެ. އަމިއްލަ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ކުއްލިއަކަށް ކަންފަތަށް އިވުނު އަޑު ޔަޤީން ނުކުރެވުނު ފަދައަކުން ހަރަކާތް ހުއްޓިފައި އޭނާއަށް އިނދެވުނުއިރު، މި ވަމުން ދާ ގޮތާ މެދު ވިސްނައިލަންވެސް ހިނދުކޮޅެއް ނެގިއެވެ. އަފްނާންގެ މަންމަ އެތަނުގައި ކީއްކުރަނީ ހެއްޔެވެ؟ އޭނާއާ ބައްދަލުކުރަން އަންނަން ޖެހުނު ސަބަބަކީ ކޮަބައިހެއްޔެވެ؟ އަފްނާންގެ މަންމައަށް އޭނާ އެނގުނީ ކިހިނެއް ހެއްޔެވެ؟ އަދި ޑޮކްޓަރ އަޒްލަފް އޭނާ އެތަނަށް ގެނައި މި ސަބަބާ ހެދި ހެއްޔެވެ؟ އަފްނާން މަންމައާ ޑޮކްޓަރ އަޒްލަފްއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ މައުވާގެ ސިކުނޑި ސުވާލުތަކުން ފުނިޖެހެމުން ދިޔައިރު އޭނާއަށް ހިންދިރުވައިލުންވެސް ވީ ދަތިކަމަކަށެވެ. ދެން ހަދަންވީ ގޮތެއް ނޭގިފައި ޖެހި ބުދެއްހެން އިންދާ ރިސާމާ އޭނާއަށް އަނެއްކާވެސް ގޮވާލައިފިއެވެ. "އަޅުގަނޑު ދާންވެއްޖެ." އެތަނުގައި ހުންނަން ވުމުން މައުވާގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. އަފްނާންގެ މަންމަގެ ގާތުގައި އޭނާ ދައްކާނީ ވަކި ކޮން ވާހަކައެއް ހެއްޔެވެ؟ ކިޔާނީ ކީކޭ ހެއްޔެވެ؟ މައުވާ ބޭނުންވީ އެ ޙާލަތުން ފިލާށެވެ. ދުރަށް ދާށެވެ. އެގޮތަށް އޭނާ ބުނެލީ އެހެންވެގެންނެވެ. އެހެންނަމަވެސް ރިސާމާ އާދޭހުގެ ރާގެއްގައި މައުވާއަށް ގޮވައިލުމުން އޭނާއަށް ޖެހުނީ މަޑުކުރާށެވެ. އޭނާގެ ކުރިމަތީގައި އެ އިނީ މަންމައެކެވެ. އެ މަންމަގެ ހިތުގައި ޖެހިފައިވާވަރު އެމޫނުމަތިން އެކަނިވެސް މައުވާއަށް ފަހުމްވަމުން ދިޔައެވެ. އެތަނުން ނުގޮސް މަޑުކުރުމަށް އޭނާގެ ޒަމީރު އޭނާއަށް މަޖުބޫރުކުރުވި ސަބަބަކީ އެއީއެވެ. "އެނގޭ އަފްނާން މައުވާއާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ނޫންކަން. އަފްނާންގެ މަންމަގެ ހައިސިއްޔަތުން އެކަން ކުށްވެރިކުރަން. އަފްނާން އެފަދަ ކަމެއް ހީކޮށްފާނެޔޭ ދުވަހަކުވެސް ހިޔެއް ނުކުރަން. މީގެ ދެ އަހަރުކުރީގެ އެ ހާދިސާ އެނގުނީ އަދި އިހަށް ދުވަހަކު. އަމިއްލަ ދަރިއަކަށްވީތީ އެކަންތައް ފޮރުވާކަށްވެސް ބޭނުމެއް ނުވޭ. ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ވާނީ ގޯސްކަމަކަށް. އަފްނާން މަންމަ ކިޔަނީ އަންހެނަކަށް ވާއިރު އެހެން އަންހެނަކާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައްކުރާނެޔޭ ހީކުރާނީވެސް ކިހިނެއް؟ އެއީ އަހަރެމެން އަފްނާންއަށް ދިން ތަރުބިއްޔަތެއް ނޫން. ހިތަށް އަރަނީ ތަރުބިއްޔަތުގައި ކޮން ކަމެއް އުނިވެގެންބާއޭ އެގޮތަށް ކަންތައްކުރީ. އަފްނާންގެ ބައްޕައަށް ވެސް އެ ހުރިހާކަމެއް އެނގުމުން ވަރަށް ހިތްހަމަނުޖެހިފައި ހުންނެވީ...... އެކަމަށް މިއަދު އަފްނާންގެ މަންމަ މައުވާގެ ގާތުން މާފަށް މި އެދެނީ." ރިސާމާ އިސްޖަހައިލިއެވެ. އޭނާގެ އަޑުގައިވަނީ ވޭނާއި ތަކުލީފެވެ. އަފްނާންގެ ސަބަބުން އެފަދަ ހިތްދަތިކަމެއް ލިބިފައިވަނީ ހަމައެކަނި އޭނާއަށް ނޫންކަން މައުވާއަށް ފަހުމްވީ އެވަގުތެވެ. ހަމައެއާއެކު ރިސާމާގެ ވާހަކަތަކުން އޭނާއަށް ވެސް އަސަރުކުރިއެވެ. އަމިއްލަ ދަރިއެއްގެ ގޯސް ވާހަކަ ދެއްކުމަކީ އެކަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ރިސާމާ މާފަށް އެދުމުންވެސް މައުވާއަށް އެއްޗެއް ބުނަން ނޭނގި ހިމޭންވެފައި އިނދެވުނުއިރު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ކުރެވުނު ކުށް އިޙްސާސްވެ އަފްނާން ހުރީ ވަރަށް ދެރަވެފަ. އަބަދު އެކަނި ހުންނަނީ. ގޭގައި ހުންނަ ވަގުތު ތަކުގައިވެސް ކޮޓަރިއަކުން ނުނިކުމޭ.... މައުވާގެ މާފު ލިބިގެން ނޫނީ އަފްނާންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ." ރިސާމާ ބުނެލިއެވެ. އެއަށްފަހު އޭނާ ހިމޭންވީ މައުވާގެ ޖަވާބަކަށް އިންތިޒާރުކުރާ ޙާލުގައެވެ. "އަފްނާންގެ މަންމަ އަޅުގަނޑު ކައިރިން މާފަށް އެދެންޖެހޭ ވަރު ކަމެއް ނުކުރަމެއް ނޫންތޯ؟" މައުވާ ޖަވާބު ދިނީ ރިސާމާ ކުރިން ދެއްކި ވާހަކައަށެވެ. "އަފްނާންއަށް ހަމަ މާފުނުކުރާނީތަ؟" ރިސާމާއަށް ބުނެވުނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ޙާލު މައުވާ، އިސްޖަހައިލިއެވެ. "މާޒީއަކީ އަބަދު އޭގައި ހިފައިގެން ދުވެވޭނެ އެއްޗެއް ނޫން. ކޮންމެވެސް ދުވަހަކުން ޖެހޭނެ އެ މާޒީން މީހާ ނުކުންނަން. އެހެން ނޫނީ ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރެވޭނެ. ކުރިއަކަށް ނުދެވޭނެ. މާޒީގެ ފަސްބައިގައި އެލިގަނެގެން އޮންނަ މީހަކީ އެއްވެސް އިރެއްގައި ކުރިއަރައި ދާނެ މީހެއް ނޫން. އެމީހެއްގެ ހިތުގައި އެ ހުންނަ ބަރުކަމަށް ދުވަހަކު ލުޔެއް ނުލިބޭނެ. އަފްނާން މައުވާ ދެކެ ވަރަށް ލޯބިވޭ. މަންމަ ދުވަހަކުވެސް ނުދެކެން އަފްނާން އެހާ ދެރަވެފައި ހުއްޓައެއް. މުޅި މީހާ ބަދަލުވެއްޖެ. އެއީ ކުރީގެ އަފްނާންއެއް ނޫން. އަފްނާންއަށް ދިރިއުޅުމުގައި ކުރިއަށް ދާން ފަހަރުގައި މައުވާގެ މާފު އެހާ މުހިންމުވީމަ ކަންނޭނގެ އަދިވެސް އޭނާއަށް އެއްވެސް ކަމަކުން އަރައިނުގަނެވިގެން އެ އުޅެނީ. އެ ހުރިހާ ކަމަކާ ކުރިމަތިލާނެ ގޮތެއް ނޭނގި އަފްނާން ފުރަންވެގެން އުޅެނީ. ޔޫކޭއަށް…" ރިސާމާ އެހެން ބުނެލުމާއެކު މައުވާއަށް ރިސާމާއާ ދިމާލަށް ބަލައިލެވުނެވެ. "އެކަމަކު ކަންތައް ވީގޮތުން އަފްނާންއާ އަލުން ގުޅޭށެކޭ މަންމަ ނުބުނާނަން. އަފްނާންއަށް ހަމަޖެހުމެއް ލިބޭނީ މައުވާ އަފްނާންގެ ޙަޔާތަށް އަލުން އަބުރާ އައުމުންކަން އެނގުނު ނަމަވެސް، އަފްނާންއަށްޓަކައި އެކަން އެގޮތަށް ކުރާށެކޭވެސް ނުބުނާނަން. އަފްނާންގެ ސަބަބުން މައުވާއަށް ލިބުނު ހިތާމަތައް ވެސް އެނގޭތީ. އެކަން އިޙްސާސްކުރެވޭތީ. އަފްނާންއަކީ މި މަންމަގެ ދަރިއަކަށް ވީ ހެން މައުވާ އަކީވެސް މީހެއްގެ ދަރިއެއް. ވީއިރު ކިހިނެއް އެކަހަލަ ކަމަކަށް އެދޭނީ…. އެކަމަކު، އަފްނާންއަށް މާފުކޮށްދީ." ރިސާމާ ބުނެލިއެވެ. ރިސާމާގެ ވާހަކަތަކުން މައުވާއަށް އެއް ކަމެއް ޔަޤީންވިއެވެ. ރިސާމާއަކީ ދުރު ވިސްނޭ ހިތްހެޔޮ އޯގާތެރި އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރުކުރަން ދަންނަ އަންހެނެއްކަމެވެ. އަދި އޭނާ އަފްނާން ދިފާޢުކުރަނީ ނޫންކަންވެސް އެނގުނެވެ. ރިސާމާގެ އެ އެދުމަށް ފުރަގަސްދޭން މައުވާގެ ޒަމީރު ދެކޮޅު ހަދަން ފެށިއެވެ. ރިސާމާގެ ތަކުލީފާއި އަފްނާންއަށްޓަކައި ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް އިޙްސާސްވާތީއެެވެ. ރިސާމާ މަޑުމަޑުން މައުވާގެ އަތުގައި ހިފައްޓައިލިއެވެ. އަދި އެއަތަށް ބާރުކޮށްލިއެވެ. "މައުވާ ތީ ވަރަށް ހިތްވަރު ގަދަ އަންހެން ކުއްޖެއް. އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ." ރިސާމާ ބުނެލިއެވެ. ރިސާމާ އެތެރެއަށް ވަންނަން ބޭނުންވީ އެކަނިކަމަށް ވުމާއެކު އޭނާ އެތެރެއަށް ވައްދާފައި ބޭރުގައި މަޑުކޮށްލައިގެން ހުރި، އަޒްލަފްގެ ނުތަނަވަސްކަން ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. އެތެރޭގެ ޙާލަތު އޮންނާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މައުވާގެ ފަރާތުން ރިސާމާއާ ކުރިމަތިވާނީ ކޮންކަހަލަ ސުވާލުތަކެއް ހެއްޔެވެ؟ ޑޮކްޓަރަކަށް ވެ ހުރެ އޭނާއަށް މިކުރެވުނީ ރަނގަޅު ކަމެއް ނޫނެވެ؟ މައުވާ އޭނާއާ ދޭތެރޭ ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެނަނަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑި ބަރުވަމުން ދިޔަ ސުވާލުތަކުގެ ސަބަބުން އަޒްލަފްއަށް ދެކޮޅަށް ހިނގެމުން ދިޔައެވެ. އެތެރެއަށް ވަންނަންވީބާއޭ ހިތަށް އަރަމުން ދިޔަ ނަމަވެސް، އޭނާ ކެތްކުރަމުން ދިޔައީ މަންމަ މައުވާއާ އެކަނި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނުމުންނެވެ. އެހެންނަމަވެސް ގިނައިރު ވާން ފެށުމުން އަޒްލަފްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އޭނާ އެންމެ ފަހުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ހައިރާންވިއެވެ. ރިސާމާ އިނީ މައުވާގެ އަތުގައި ހިފައްޓާލައިގެންނެވެ. ދޮރު ހުޅުވައިލި އަޑަށް އެ ދިމާލަށް ބަލައިލާފައި އަޒްލަފް ފެނުމާއެކު މައުވާގެ އަތުގައި އޭނާ ފިރުމައިލިއެވެ. "ޑޮކްޓަރ އަޒްލަފް." މައުވާއަށް ވެސް އަޒްލަފް ފެނުމާއެކު ގޮވައިލެވުނެވެ އަނެއްކާވެސް އެންމެ ފުރަތަމަ ވެރިވި ސުވާލުތައް އައިސް ސިކުނޑީގެ ދޮރުފަތުގައި ޓަކިޖަހަން ފަށައިފިއެވެ. މައުވާގެ މޫނުމަތިން ފެނުނު ސުވާލުގެ އަސަރުތަކާއެކު ރިސާމާ ވާހަކަ ދެއްކިއެވެ. އޭނާގެ ސަބަބުން އަޒްލަފްއަށް ލިބިފައި އެ ހުރި ނުތަނަވަސްކަން ފަހުމްވާތީއާވެސް އެކުގައެވެ. "ވަރަށް ބޮޑަށް މާފުކުރޭ މިގޮތަށް މިކަންތައް ކުރަން ޖެހުނީމަ." މައުވާއަށް ބަލައިލާފައި ރިސާމާ ބުނެލިއެވެ. ސުވާލުގެ ނަޒަރުން މައުވާއަށް ބެލެނީ ފަހަރަކު މީހަކަށެވެ. އެއްފަހަރު އަޒްލަފްއަށް ބަލައިލެވިއްޖެއްޔާ އަނެއް ފަހަރު ރިސާމާ އަށެވެ. އަފްނާންގެ މަންމައާއި އަޒްލަފްއާ އޮތީ ކޮން ގުޅުމެއްހޭ ހިތަށް އެރި ވަގުތު އަޒްލަފްގެ މޫނުމަތިން ރިސާމާއާ ވައްތަރުގޮތެއް މައުވާއަށް ފާހަގަކުރެވެން ފެށިއެވެ. އެއާއެކު ސިކުނޑީގައި ހައިޖާުގަނޑެއް އުފެދެން ފެށިއެވެ. ސުވާލުތަކުން ފުނި ޖެހެމުން ދިޔަ ސިކުނޑީގެ ހަމަޖެހުން އެކީ ގެއްލި ބޮލުގެ ނާރުތަކަށް ވާންކަމެއް ވެެރިވެއްޖެއެވެ. އެހިނދު ނުގޮތަކަށް ބޮލުގައި ރިއްސަން ފެށިއެވެ. "ޑޮކްޓަރ އަޒްލަފްއާ، އަފްނާން މަންމައާ…." އެ ހިސާބަށް ބުނެފައި މައުވާއަށް ވާހަކަ މެދު ކަނޑާލެވުނީ އިތުރަށް ވާހަކަ ދައްކަން އޭނާގެ ދޫ އިޒުނަ ނުދިނުމުންނެވެ. ހީވީ ދުލުގައި ތަޅެއް ލެވުނު ހެންނެވެ. ޖަވާބު އަންނާނެ ގޮތުން ހާސްވެފައި ވާތީކަމަށްވެސް ވެދާނެއެވެ. ނޫނީ އެހުރިހާކަމަކުން ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. "ތި ހީވީ ރަނގަޅަށް. މީ އަޒްލަފް މަންމަ. އަދި އަފްނާންގެ ވެސް. އަޒްލަފްއަކީ އަފްނާންގެ ދޮންބެ." އަޒްލަފް ޖަވާބު ދިނުމުގެ ކުރިން މިފަހަރުވެސް ޖަވާބު ދިނީ ރިސާމާއެވެ. އޭނާ މައުވާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. "މަންމަ…" މައުވާއަށް އެ ލަފުޒު ތަކުރާރުކޮށްލެވުނެވެ. ޤަބޫލުނުކުރެވިފައި އިން ފަދައަކުންނެވެ. "އާނ. މިކަމުގައި އަޒްލަފްގެ އެއްވެސް ކުށެއް ނެތް. މީ މަންމަގެ އެތަކެއް އާދޭސްތަކަށްފަހު، އަޒްލަފް އެއްބަސްވީކަމެއް. އެނގޭ ރަނގަޅުކަމެއް ނޫންކަން. އެކަމަމުވެސް އަފްނާންގެ އެ ޙާލަތު ބަލަން ކެތް ނުކުރެވުނީތީ މި ފިޔަވަޅު ނަގަން މަޖުބޫރުވީ. އަފްނާން ކުރީ ކުށެއް. އެކަމަކު އެހެން އަބަދު އުޅޭތަން ބަލަން މަންމައެއްގެ ހިތަށް ކިހިނެއް ކެތްވާނީ." ރިސާމާ ބުނެލިއެވެ. "ސޮރީ މައުވާ." އަޒްލަފް މާފަށް އެދުނެވެ. މައުވާ ބޯ ޖަހައިލިނަމަވެސް، އޭރު ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މިހުރިހާ ދުވަހު އަޒްލަފް އޭނާއަށް ފަރުވާ ކުރަމުން ދިޔައީ އެކަންތައް އެނގިހުރެއެވެ. އާއެކެވެ. އަފްނާން އޭނާގެ ކައިރީގައި ހުރި ދުވަހަކު އަޒްލަފް އެތެރެއަށް ވަނެވެ. އެ ދުވަހު އަފްނާންގެ މޫނުމަތިން ފެނުނު އަސަރުތަކުގެ އަސްލު ސަބަބު މައުވާއަށް އެނގިއްޖެއެވެ. "އެ ދުވަހު…" އެއާއެކު އަތުން އިޝާރާތްކޮށްލާފައި މައުވާއަށް ހައިރާންކަމާއެކު ބުނެލެވުނެވެ. އަޒްލަފް ބޯ ޖަހައިލީ އޭނާއަށް މައުވާ އެ ދައްކަނީ ކޮން ދުވަހެއްގެ ވާހަކަކަން އެނގޭތީއެވެ. "އާނ. އެ ދުވަސް އެއީ އެންމެ ފުރަތަމަ ހުރިހާކަމެއްވެސް އެނގުނު ދުވަސް. އެކަމަކު، އެކަން ސިއްރުކުރަން މަޖުބޫރުވީ. އަހަންނަކީ މައުވާގެ ޑޮކްޓަރުގެ ހައިސިއްޔަތުން ބުނާނީ ކީކޭކަން ނޭނގުނީމަ. އަނެއްކޮޅުން އެކަންތައް އެނގުމުން މައުވާމެން ހީކޮށްފާނެ އެއްޗަކާ ދޭތެރޭ ވެސް ވިސްނުނު. ފަހަރުގައި އަހަރެންގެ ދަށުން ފަރުވާގެ ކަންތައްތައް ގެންދަން ބޭނުންނުވެދާނެޔޭވެސް ހީވި. އެ ޙާލަތަށް ބަލާފަ އެއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެތީ ހިމޭންކަން އިޚްތިޔާރުކުރީ. އެކަމަށް މައުވާގެ ގާތުން މާފަށް އެދެން." އަޒްލަފް ހާމަ ކޮށްލިއެވެ. "އޭގެ ފަހުން މައުވާގެ ގާތަށް ނުދިޔުމަށް އެދި އަފްނާންއަށް ނަސޭހަތް ވެސް ދިނީ އަހަރެން، އެއީ މައުވާގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭ މީހަކީ އަހަންނަށް ވާތީ." އެހުރިހާ ވާހަކައެއް އަޑު އަހަން އިން މައުވާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަޒްލަފްއަކީ އަފްނާންގެ އެއްބަޑު އެއްބަފާ ބޭބެއަށް ވެދާނެޔޭ ފަހަރެއްގައިވެސް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ. މިއީ ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ؟ ތަޤުދީރު މިކުރަނީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟ "ސޮރީ މައުވާ." ލަދުވެތިކަން އިޙްސާސްކުރެވޭ ޙާލު އަޒްލަފް ދެވަނަ ފަހަރަށްވެސް މާފަށް އެދުނެވެ. "ހޫމް.." އިތުރު އެއްޗެއް ބުނަން މައުވާ ވަނީ ނުކުޅެދިފައެވެ. އޭނާ އެހެން އިނދެފައި ފޯނު ނަގާފައި ޖާވިދަށް ގުޅައިލިއެވެ. އަދި އޭނާ ބަލާ އައުމަށް އެދުނެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ސިކުނޑިއަށް ކުޑަ އަރާމެއް ދެށެވެ. ހަމަޖެހިލާށެވެ. މިވީ ކަންތައްތައް ސިކުނޑީގެތެރޭގައި އަތުރާލާފައި ފިނިހިތަކުން ވިސްނާލާށެވެ. އަޒްލަފްއާއި ރިސާމާއާއި ދެމީހުންވެސް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބައްދަލުކޮށްލިއެވެ. އެހެންނަމަވެސް ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. މައުވާއަށް ވަގުތު ބޭނުންވާކަން އަންދާޒާކޮށްލެވޭތީއެވެ. އިވުނު ހުރިހާ ވާހަކަތަކުން މައުވާގެ ސިކުނޑިއަށް ކުރާނެ އަސަރު އަޒްލަފްއަށް އެނގެއެވެ. އޭނާ އެންމެ ކަންބޮޑުވަނީ އެކަމުގެ ސަބަބުން މައުވާގެ ޙާލަތު ދަށަށް ހިނގައިދާނެތީއެވެ. އެހެންވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އޭނާއެވެ. ހިމޭންކަން ވެރިވެގެންދިޔަތާ އިރުކޮޅެއް ވީ ފަހުން އަޒްލަފް މައުވާ ގާތުން މަޑުކޮށްލަން ބުނެފައި ނުކުމެގެން ގޮސް ދެން އައީ، ވޯރޑް ބޯއީއެއް ގޮވައިގެންނެވެ. އޭރު ރިސާމާ މައުވާގެ ކައިރީގައި ކޮންމެވެސް އެއްޗެއް ބުނެފައި އަތުގައި ފިރުމާލަނީއެވެ. މައުވާ ގަދަކަމުން ހިނިތުންވެލިއިރު އެ ލޮލުގައި ކަރުނައިގެ އަސަރުވެސް ވިއެވެ. ޚުދު ރިސާމާވެސް އިނީ ފެންކަޅިވެފައެވެ. މައުވާ ގޮނޑީގައި އިށީނުމުން ވޯރޑް ބޯއީ ގޮނޑި ދުއްވައިލިއެވެ. އެއާއެކު މައުވާ ފަސް އެނބުރިލާ ރިސާމާއަށް ބަލައިލިއެވެ. ވޯރޑްބޯއީ އޭނާ ގޮވައިގެން ގޮސް ލިފްޓަށް އެރިއެވެ. ތިރިއަށް ދިޔަތާ އިރުކޮޅެއް ނުވެ، ޖާވިދު ކާރުގައި އައިސް މަޑުކޮށްލިއެވެ. މައުވާ ގޮސް ކާރަށް އަރާ އިށީނުމާއެކު ޖާވިދު ކާރު ދުއްވައިލިއެވެ. އެއާއެކު މައުވާ ލޯގަނޑުން ބޭރު ބަލައިލިއެވެ. އޭރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ރިސާމާ އޭނާގެ ގާތުގައި ދެންމެ ބުނެލި ޖުމްލަ އެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ