ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
ނުފޫޒު ފޯރުވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް ދޮގު ކުރައްވައި، ޖުޑީޝަރީ އާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދިޔައީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމުން ސުއޫދު ދައްކަވާނީ ސިޔާސީ ވާހަކަތައް ކަމަށެވެ. ނަމަވެސް އެފަދަ ސިޔާސީ ކޮންމެ ވާހަކައަކަށް ރައްދު ދިނުމަކީ އޭނާގެ މިޒާޖުގައި ހުންނަ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކިއެކި ގޮތްގޮތުން އެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސް މުއިއްޒާއި ބައްދަލުވެގެން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ ސުއޫދު ކަމަށް އުޝާމް ވިދާޅުވި އެވެ."ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ އެބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. ވަރަށް ޔަގީންކަމާއެކީ މިހެން މި ދަންނަވަނީ،" އުޝާމް ވިދާޅުވި އެވެ.އުޝާމް ވިދާޅުވީ އެ މައްސަލަ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގުކޮށްފި ނަމަ، އެކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ."އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑެއް ނޯންނާނޭ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކަމެއް ކޮށްފަކާ. ނުފޫޒު ފޯރުވަން ކަމެއް ކޮށްފައި އޮތިއްޔާ ކޮށްފައި އޮތީ އެ ބޭފުޅާ،" އުޝާމް އިތުރަށް ވިދާޅުވި އެވެ.ހުސްނުއްސުއޫދު ހިމެނޭހެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށް އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.އެ ބޭފުޅުން ސަސްޕެންޑް ކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަަމަށް ބުނެ އެވެ. ސުއޫދު އިސްތިއުފާ ދެއްވިއިރު ޖޭއެސްސީން ވެސް ބަލަމުން ގެންދިޔައީ ހައިކޯޓުގެ ރެޖިސްޓްރާ ހާޒިރުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެކެވެ. އުޝާމް ވިދާޅުވި ފަދަ ވާހަކައެއްް އަދި ތުހުމަތެއް ސުއޫދަށް އޭރު އަމާޒުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ