ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތަކަށް ހަދާފައިވާ ކަމަށާއި އެކަން ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއަރައި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ނިޒާމީ ގޮތުން ތަރުތީބުކޮށްފައި ކަމަށެވެ.
އެކަން ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވެގެން ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ހަމަ މަގަށް
އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ
މަސައްކަތްތައް ވަރަށް ހަލުވިކަމާ އެކު ކުރިއަށް އެބަ ގެންދަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު އަމާޒަކީ މި އަހަރުގެ ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނި މަދުކުރުން ކަމަށެވެ.
"މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެކު
ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން. މީގެ ކުރިން 2024 ވަނަ އަހަރު
ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7
ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި،" ރައީސް ފާހަގަކުރެއްވި އެވެ.
މި އަމާޒު ހާސިލްކުރުމަށް ރޭވުންތެރިކަމާ އެކު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ފިޔަވަޅުތައް އެޅި ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު
ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެއްޔަށް
އެއްވެސް މަޑުޖެހުމެއް ނުގެންނާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތަކާ އެކު ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލްވާނޭކަމުގެ ފުރިހަމަ
ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުގެ ސަގާފަތް ނިންމަން ފިޔަވަޅު އަޅަން ފަށައިފިން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ