ބަލިޙާލުގަ ތިބޭ ކުދިން ނުވަތަ މީހުންނަށް ރަޙްމެއް ނެތުމަކީ ރަނގަޅު ބައިވެރިއަކު ލިބުމަށް އޮތް ހުރަހެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ޒީން އަކީ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ދެން ތިބީ 3 ފިރިހެންދަރިންނެވެ. އެހެންކަމުން ބައްޕަ އަބަދުވެސް ބަލަމުން ގެންދިއައީ އޭނާގެ ދަރިފުޅުދެކެ ޙަޤީޤީ ލޯބިވާ މީހަކު ހޯދައި އެމީހަކާއި ދަރިފުޅު ކައިވެނިކޮށްދިނުމަށެވެ.
ބައްޕަގެ ބޮޑު ހޮޓަލެއް ހުރެއެވެ. އެހޮޓަލަށް ޒީން ގޮސް އުޅޭ ދުވަސްދުވަހު ޒީންއަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ވެއިޓަރަކު ހުރެއެވެ. ވެއިޓަރަށް ޒީންވެސް ސަމާލުކަންދެއެވެ. ދެމީހުން އެކުގައި ވާހަކަދައްކަންވެސް ތިބެއެވެ. އެހެންތިބޭއިރު ޒީންގެ މޫނުމަތިން އުފާވެރިކަން ފެންނަކަން ބައްޕައަށްވެސް ފާހަގަކުރެވެއެވެ. 
ކޮންމެއަކަސް ޒީންގެ ކައިވެނިކުރަން ހަމަޖެއްސީ ބައްޕަގެ ގާތުގައި މަސައްކަތްކުރާ އެންމެ މުވައްޒިފުގެ ދަރިފުޅާއިއެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ ކައިވެނިކުރަން ވަޤުތު ގާތްވެފައިވަނިކޮށް ޒީން އާއި އޭނާގެ ބޭބެއަކު ރާވާލާފައި ޑްރާމާއެއް ކުޅެލިއެވެ. 
ބޭބެއަކީ ޕެރަލައިޒްވެފައި އިންނަ، ކަރުވެސް ހަރުނުލާ މީހެކެވެ. ކައިވެނިކުރަން އުޅޭ މީހާގެ ގާތުގައި ބުނީ ކައިވެނިކޮށްގެން ބޭބެ ގެންގުޅެން ބޭނުންވަނީ އޭނާއާއިއެކުގައި ކަމަށެވެ. އަދި އެއީ އޭނާގެ މަންމަގެ ވަޞިއްޔަތެއް ކަމަށާއި އެ ވަޞިއްޔަތް ފުއްދަން ކޮންމެހެން ބޭނުންވާ ކަމަށެވެ. 
އޭނާ ރުޅިއައިސް ރަތްވިއެވެ. އެފަދަ މީހަކު އެކުގައި ގެންގުޅުންވާނީ ބޮޑު ވަބާއަކަށް ކަމަށް ބުންޏެވެ. އަދި ބައްޕަގެ ތަނަވަސްކަން ބޭނުންކޮށްގެން އޭނާ ފޮނުވައިލާނީ އެފަދަ މީހުން ބަލަހައްޓާ ތަނަކަށް ކަމަށްވެސް ބުންޏެވެ. 
މިމައްސަލައިގައި ދެމީހުން ޒުވާބުކުރަމުން ގޮސް ކަންކަން އެންމެ ހޫނުވިތަނާ ބައްޕަ އައުމުން އޭނާގެ ވާހަކަ ބަދަލުކޮށްލައި ބަލިބޭބެ އެކުގައި ގެންގުޅެން ތައްޔާރަށްހުރިކަމަށާއި އެކަންކުރާނީ އުފަލުން ކަމަށްވެސް ބުންޏެވެ. 
ނަމަވެސް ބައްޕައަށް ހިނގައިދިއަ ކަންކަން އެނގޭތީ ބައްޕަ ނިންމީ ދަރިފުޅުދެކެ އަބަދުވެސް ލޯބިވެ އަބަދުވެސް ދަރިފުޅުގެ މޫނަށް އުފާވެރިކަން ގެނެސްދޭ ވެއިޓަރާއި ދަރިފުޅުގެ ކައިވެނިކޮށްދިނުމަށެވެ. އަދި ކައިވެނިކުރަން ތައްޔާރުވި ޒުވާނާ ހަމަޖެއްސީ ވެއިޓަރަކު ކަމަށެވެ. 
މިއީ އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. ވަރަށް ގިނަ މީހުންނަށް ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއިމެދު މިފަދަ ނިކަމެތި ގޮތްތައް ހަދާމީހުން އަޅުގަނޑުމެންގެ ތެރޭގައިވެސް އުޅޭތީއެވެ. 
އެޖެއްސި ޑްރާމާއަކީ އަޅުގަނޑުމެންގެ ތެރެއިން އަންހެނަކަށް ދިމާވެފައިވާ ޙަޤީޤީ ޙާލަތެއް ނަމަވެސް އެފަދަ ބޭބެއަކު ބަލަން ޙަވާލުވާނެ މީހަކު ވަރަށް މަދެވެ. ނަތީޖާއަކަށް ގިނަފަހަރުވާނީ އެފަދަ ކަމެއް މެދުވެރިވެފައިވާނަމަ ކައިވެނި ނުކުރެވި ހުންނަން ޖެހުމެވެ. 
އަޅުގަނޑަށް ލިބިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅެކެވެ. ދަރިފުޅު ލިބި ބަލަން ބުރައަކަށްވުމުން ވަރިކޮށްލާފައި ދެމައިން އެއްލާލާފައި ދިއައީއެވެ. ދެވަނަ ކައިވެނިކުރެވުނީ އެތައް އަހަރަކު އިންތިޒާރުކުރިފަހުންނެވެ. ކައިވެނި ކުރެވުނަސް، ދަރިފުޅަށް ޚަރަދުކުރަން ނުޖެހޭއިރުވެސް އަދިވެސް މިއުޅެވެނީ އުފަލުގައިކަމަށް ބުނެވޭކަށްވެސް ނެތެވެ. 
ވީމާ މިކަމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް ވަރަށް ބޮޑު މައްސަލައެކެވެ. ޙައްލުކުރެވޭނީ އޯގާތެރި ހިތެއް ގެންގުޅެގެންނެވެ. ނަމަވެސް މިފެންނަނީ ދަހިވެތިކަންބޮޑު ހިތްތަކެވެ.
 
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ