ރިޔާސީ ބަޔާނުގައި މަކުނުދޫ އެއާޕޯޓުގެ ވާހަކަ ނެތުމުން ރައްޔިތުންގެ ނުރުހުން

އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހދ. މަކުނުދޫގެ އެއާޕޯޓުގެ ވާހަކަ ނެތުމުން އިންފްރާސްޓްރަކްޗާ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެ ރަށަށް ވަޑައިގަތުމުން ބައެއް ރައްޔިތުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ފެންނަނީ، އެކި ޕޯސްޓުތަކުގައި ލިޔެގެން އެރަށުގެ ބައެއް ރައްޔިތުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން، ރައީސް މުއިއްޒު އިސްތިއުފާއަށް ވެސް ބައެއް ރައްޔިތުން ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އެކަމުގައި ރައްޔިތުން ދެ ކަންބޮޑުވުމެއް ފާޅުކުރި ކަމަށެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އެ ރަށުގެ އެއާޕޯޓުގެ މަޝްރޫއު ހިމެނިފައިނުވާތީއާއި ރައީސްގެ ރިޔާސީ ބަޔާނުގައި މިއަހަރު ހިނގާނެ އެއާޕޯޓުގެ މަޝްރޫއުތަކުގެ ތެރޭގައި މަކުނުދޫ ހިމެނިފައިނުވާތީ ކަން އޭނާ ފާހަގަކުރެއްވިއެވެ. "ބިން ހިއްކުމާއި ރިވެޓްމަންޓު ޖެހުން ކުރިއަށް އެބަ ދޭ. ބިން ހިއްކުން އެއްކޮށް ނިމިފައި އޮތީ. ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި މަސައްކަތްތައް ކުރިއަށް ދަނީ. މިހާލަތުގައި 2025ގެ ބަޖެޓުގައި މަކުނުދޫގެ އެއާޕޯޓު ޕްރޮޖެކްޓު ނެތުން." "އަނެއް މައްސަލައެއް ގޮތުގައި، ފާހަގަކުރީ ރައީސްގެ ރިޔާސީ ބަޔާނުގައި ހުރިހާ އެއާޕޯޓެއް ކީއިރުގައި ވެސް މަކުނުދޫ އެއާޕޯޓުގެ ވާހަކަ މިއަހަރު ހިނގާނެ އެއާޕޯޓުތަކުގެ ގޮތުގައި މެންޝަން ކުރެވިފައި ނެތުން," އޭނާ ވިދާޅުވިއެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އައުޒަމް ވިދާޅުވިއެވެ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ 2023 ޖޫން 22ގައެވެ. މި މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 3،493 މީޓަރުގެ ރިވެޓްމެންޓު ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ