މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރާއަށް ކުރެވޭ ތުހުމަތުތައް ބަލަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.
އެންއައިސީން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ވާހަކަ ދެކެވެމުންދާތީ ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފަށް އަަމަލު ކޮށްފައިވޭތޯ ބެލުމަށްޓަކާ ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް އެ ހާދިސާއާ ގުޅޭ ބައެއް މަންޒަރުތައް ރޭ ނޫސްވެރީންނަށް ވަނީ ދައްކާލާފަ އެވެ.
Advertisement
ނޫސްވެރީންނަށް މި މައުލޫމާތު ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް ހިއްސާކުރީ އިސްކަންދަރު ކޮށީގައި ރޭ އޮތް ބައްދަލްވުމެއްގަ އެވެ. މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ފިރިހެން މީހާ ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.
މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ އެ އަންހެން މީހާގެ ނަން ވެސް ހާމަކޮށްފަ އެވެ. އަންހެން މީހާގެ ނަމަކީ ހައްވާ ޔުމްނާ އެވެ.
އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތްކަން ފުލުހަށް ރިޕޯޓް ކުރީ އާންމުންގެ މީހެކެވެ. އެ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަންހެން މީހާ ނެގިއިރު ވެސް ހަރަކާތް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އެއީ ކާކުކަން ދެނެގަތީ ފޭސް ރެކޮގްނިޝަން މެދުވެރިކޮށެވެ. ފުލުހަށް ހާދިސާގެ ރިޕޯޓް ލިބުނުތާ 30-45 މިނެޓާ ދެމެދު އެއީ ކާކުކަން ދެނެގެންފައިވެ އެވެ.
އަންހެނަކު ފުރާޅުމައްޗަށް ވެއްޓުން: ފުލުހަށް ކުރެވޭ ތުހުމަތު އެންއައިސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ